ސީއައިއޭގެ ކުރީގެ އިސް އޮފިޝަލެއްގެ ގެއިން ގިނަ އަދަދެއްގެ ރަނާއި ފައިސާ ފެނިގެން އޭނާ ހައްޔަރުކޮށްފި

އެމެރިކާގެ ސެންޓްރަލް އިންޓެލިޖެންސް އެޖެންސީ (ސީއައިއޭ) ގެ ކުރީގެ އިސް އޮފިޝަލެއްގެ ވާޖިނިއާގައި ހުންނަ ގޭގެ ތެރެއިން ގިނަ އަދަދެއްގެ ރަނާއި ނަގުދު ފައިސާ ފެނުމާ ގުޅިގެން އޭނާ ހައްޔަރުކޮށްފިއެވެ. މި ހާދިސާއާ ގުޅިގެން އޭނާގެ މަސައްކަތުގެ ވައްޓަފާޅިއާއި މިހާ ބޮޑު މުއްސަނދިކަމެއް ހޯދި ގޮތާ މެދު ވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފައެވެ.

ކޯޓު ލިޔެކިޔުންތަކުން އެނގޭ ގޮތުގައި، ސީއައިއޭގެ ކުރީގެ އެގްޒެކެޓިވް ލެވެލްގެ މުވައްޒަފެއް ކަމަށްވާ ޑޭވިޑް ރާޝްގެ ގެއިން ވަނީ ކޮންމެ ރަންބުރިއެއްގައި ގާތްގަނޑަކަށް އެއް ކިލޯ ހުރި 303 ރަން ބުރިތަކެއް ފެނިފައެވެ. މި ރަނުގެ އަގު 40 މިލިއަން ޑޮލަރަށް ވުރެ މައްޗަށް އަރާއިރު، މީގެ އިތުރުން ދެ މިލިއަން ޑޮލަރުގެ ނަގުދު ފައިސާ އާއި ރޮލެކްސް ބްރޭންޑްގެ އަގުބޮޑު ގަޑިތަކެއް ވެސް ވަނީ ފެނިފައެވެ.

ކުރެވޭ ތުހުމަތުތަކާއި ހިންގާފައިވާ އޮޅުވާލުންތައް

ރާޝްގެ މައްޗަށް ކުރެވެނީ މަކަރާއި ހީލަތް ހެދުމާއި، އޭނާގެ ތައުލީމީ ފެންވަރާ ބެހޭ ގޮތުން ދޮގު މައުލޫމާތު ދިނުމުގެ ތުހުމަތެވެ. އަދި އަސްކަރީ ޗުއްޓީއާ ގުޅުންހުރި އިނާޔަތްތައް ގަވާއިދާ ޚިލާފަށް ހޯދާފައިވާ ކަމުގެ ތުހުމަތު ވެސް އޭނާގެ މައްޗަށް ވަނީ ކުރެވިފައެވެ. އޭނާ އަކީ އެމެރިކާގެ ނޭވީ ރިޒާވްގެ މެންބަރެއް ކަމަށް ބުނެފައިވީ ނަމަވެސް، އޭނާ ވަނީ މީގެ ކުރިން އެ ހިދުމަތުން ވަކިކޮށްފައެވެ.

މީގެ އިތުރުން، އޭނާގެ ތައުލީމީ ސާޓިފިކެޓްތައް އޮޅުވާލައިގެން ދައްކައިގެން އެތައް ހާސް ޑޮލަރެއްގެ ނާޖާއިޒު ފައިދާ ހޯދާފައިވާ ކަމަށް ތަހުގީގަށް ވަނީ އެނގިފައެވެ. ކޯޓު ލިޔެކިޔުންތަކުގައިވާ ގޮތުން، ނޮވެމްބަރު މަހުން ފެށިގެން މާރިޗު މަހުގެ ނިޔަލަށް، މަސައްކަތާ ގުޅުންހުރި ހަރަދުތައް ފޫބެއްދުމަށް ކަމަށް ބުނެ އޭނާ ވަނީ ގިނަ އަދަދެއްގެ ބޭރު ފައިސާ އާއި އެތައް މިލިއަން ޑޮލަރެއްގެ ރަން ހޯދާފައެވެ.

ސީއައިއޭ އާއި އެފްބީއައި އިން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނެފައިވަނީ ރާޝް ހައްޔަރުކޮށްފައިވަނީ މެއި މަހުގެ 19 ވަނަ ދުވަހު ކަމަށެވެ. މިއީ ސީއައިއޭގެ އެތެރޭގެ ތަހުގީގަކުން އޭނާ ގާނޫނާ ހިލާފު އަމަލުތަކެއް ހިންގާފައިވާކަން ފާހަގަކުރެވިގެން މައްސަލަ ކޯޓަށް ހުށަހެޅުމާ ގުޅިގެން ހިންގުނު އޮޕަރޭޝަނެކެވެ.

ނިއުޔޯކް ޓައިމްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ރާޝްގެ ވަކީލު މި މައްސަލައިގައި ވަކި އެއްޗެއް ބުނަން އިންކާރުކޮށްފައިވެއެވެ. މިހާ ގިނަ އަދަދެއްގެ ރަނާއި ފައިސާ އޭނާގެ ގޭގައި ބެހެއްޓި ސަބަބެއް ނުވަތަ އެއީ ކޮން މަޝްރޫއަކަށް ބޭނުންކުރަން ހޯދާފައިވާ ތަކެއްޗެއް ކަން ކޯޓު ލިޔެކިޔުންތަކުން އަދި ސާފެއް ނުވެއެވެ.

ހިއްސާ ކުރައްވާ!