އެމެރިކާގައި ޒަޔަނިސްޓުން ބަންދުކުރާ ޖަލެއް ހެދުމަށް ކެންޑިޑޭޓަކު ގޮވާލައިފި

އެމެރިކާގެ ޓެކްސަސް ސްޓޭޓްގެ 35 ވަނަ އިންތިޚާބީ ދާއިރާގެ ޑިމޮކްރެޓިކް ޕާޓީގެ ޕްރައިމަރީގެ ދެވަނަ ބުރުގެ ވޯޓުލުން ކައިރިވެފައިވަނިކޮށް، އެ ދާއިރާގެ ސިޔާސީ މަސްރަހު ވަރަށް ބޮޑަށް ހޫނުވެއްޖެއެވެ. މި ނުތަނަވަސްކަން އުފެދުނީ ކެންޑިޑޭޓް މައުރީން ގަލިންޑޯ ދެއްކެވި މުހިންމު ވާހަކަތަކަކާ ގުޅިގެންނެވެ. މުހައްލިލުން ސިފަކުރާ ގޮތުގައި އޭނާގެ މި ވާހަކަތަކަކީ އެމެރިކާގެ ސިޔާސީ އާދަކާދަތަކާ ޚިލާފު ވާހަކަތަކެކެވެ.

ގަލިންޑޯ ސޯޝަލް މީޑިއާގައި ހުށަހަޅާފައިވަނީ ކާންސް ކައުންޓީގައި ހުންނަ އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓް ގެ ބަންދު މަރުކަޒެއް، "އެމެރިކާގެ ޒަޔަނިސްޓުން" ބަންދުކުރާ ޖަލަކަށް ބަދަލުކުރުމަށެވެ. މި ހުށަހެޅުމާ ގުޅިގެން ގިނަ ބަޔަކު ސަޕޯޓު ކޮށްފައި ވެއެވެ. އަދި ފާޑުކިޔުން އަމާޒު ކުރި ބަޔަކުވެސ ްހިމެނެއެވެ. މި ކަމާ ގުޅިގެން ގަލިންޑޯ ވަނީ އޭނާގެ ދިފާއުގައި ވާހަކަދައްކަވާފައެވެ. އޭނާ ވިދާޅުވީ އޭނާ ދެކޮޅީ ޒަޔަނިސްޓް ހަރަކާތާ ކަމަށާއި، އެއީ ވަކި ދީނީ ގްރޫޕަކާ ދެކޮޅަށް ކުރާ ކަމެއް ނޫން ކަމަށެވެ. އަދި އޭނާގެ މައްޗަށް ކުރެވޭ ޔަހޫދީންނާ ދެކޮޅުވެރިވުމުގެ ތުހުމަތުތައް އޭނާ ވަނީ ދޮގުކުރައްވާފައެވެ.

އިންތިޚާބީ ނަތީޖާތަކަށް ބަލާއިރު، ގަލިންޑޯ މިވަގުތު އުޅެނީ 29.2 އިންސައްތަ ވޯޓާއެކު ކުރީގައެވެ. އޭނާއާ އެންމެ ގާތުން ވާދަކުރައްވާ ބެކްސާ ކައުންޓީގެ ޑެޕިއުޓީ ޝެރިފް ޖޯނީ ގާސިއާއަށް ލިބިވަޑައިގެންފައިވަނީ 27 އިންސައްތަ ވޯޓެވެ. މި ނަތީޖާއިން ދޭހަވަނީ ޓެކްސަސްގެ ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި އޮތް ބައިބައިވުން ބޮޑުކަމެވެ. ޚާއްޞަކޮށް ބޭރުގެ ސިޔާސަތުތަކާއި ޖެނޮސައިޑް އިޒްރޭލާ މެދު ގެންގުޅޭ ވިސްނުމަކީ މި އިންތިޚާބަށް ނުފޫޒު ފޯރުވާ މުހިންމު ކަމަކަށް ވަނީ ވެފައެވެ.

މީގެ އިތުރުން ގަލިންޑޯ ވަނީ އެމެރިކާގެ އިމިގްރޭޝަން އިދާރާއިން ޖެނޮސައިޑް އިޒްރޭލުގެ ސިފައިންނާ ގުޅިގެން ތަމްރީނުތައް ހިންގާ ކަމަށް ތުހުމަތުކޮށްފައެވެ. ރޭޑިއޯ އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ، "އަހަރެން ކާންސް ކައުންޓީގައި ހުރި އައިސް ޖަލު ބަންދު މަރުކަޒު އެމެރިކާގެ ޒަޔަނިސްޓުން ބަންދުކުރާ ޖަލަކަށް ބަދަލުކުރާނަން" ކަމަށެވެ. އަދި ޖެނޮސައިޑް އިޒްރޭލުގެ އިސްތިއުމާރަށް ތާއީދުކުރާ ފަރާތްތަކާއެކު އޮންނަ ގުޅުންތައް ކަނޑާލުމަށް އޭނާ ވަނީ ގޮވާލާފައެވެ.

ސިޔާސީ އަދި މީޑިއާގެ ޕްރެޝަރުތަކާއެކުވެސް، ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި އުފެދެމުން އަންނަ ޕްރޮގްރެސިވް ނުވަތަ ވާތުފިޔައިގެ ގްރޫޕްތަކުގެ ތާއީދު ގަލިންޑޯއަށް އެބައޮތެވެ. މި ބުރުން މޮޅުވާ ކެންޑިޑޭޓަކީ ކުރިއަށް އޮތް އާންމު އިންތިޚާބުގައި ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓާ ދެކޮޅަށް ނުކުންނާނެ ފަރާތެވެ. މި އިންތިޚާބަކީ އޭގައި ހިމެނޭ މައްސަލަތަކުގެ ސަބަބުން ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާ އިންތިޚާބެކެވެ.

ހިއްސާ ކުރައްވާ!