އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސްވެ ހުންނަވައި ޣައްޒާ އަލުން ބިނާކުރުމަށް އުފެއްދި "ޕީސް ކައުންސިލް" އަށް ފައިސާ ނުލިބި، ބޮޑު މާލީ ތަދަކާ ކުރިމަތިލާން ޖެހިއްޖެއެވެ. ޣައްޒާ ގެ ބިން ފޭރިގަނެ އެތަން އާރާސްތުކުރުމަށް ބިލިއަނުން ޑޮލަރު ހޭދަކުރާނެ ކަމަށް ވައުދުވި ނަމަވެސް، ވޯލްޑް ބޭންކުން ބަލަހައްޓާ އެ މަޝްރޫއުގެ ފަންޑަށް މިހާތަނަށް އެއްވެސް ފައިސާއެއް ލިބިފައި ނުވާކަން ވަނީ ހާމަވެފައެވެ.
މިދިޔަ ޖެނުއަރީ މަހު އުފެއްދި މި މަޖިލީހަކީ ޔަހޫދީ ޖެނޮސައިޑް ރެޖީމްގެ ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެމެރިކާ އިސްވެ އޮވެ ކުރި މަސައްކަތުގެ ބައެކެވެ. މި ކައުންސިލްގެ މައިގަނޑު މަގްސަދަކީ ޔަހޫދީ ޖެނޮސައިޑް ރެޖީމްގެ ހަމަލާ ބަދަލުކުރުން ހުއްޓާލާފައިވާކަން ކަށަވަރުކުރުމާއި، ހަނގުރާމައިގައި ސުންނާފަތިވެފައިވާ ޣައްޒާގެ ބިން ފޭރިގަނެ އެތަން އަލުން މުއްސަނދިންނަށް ބިން ވިއްކުމަށް އާރާސްތުކުރުމުގެ މަސައްކަތް ބެލެހެއްޓުމެވެ. ނަމަވެސް، މި ކައުންސިލުން ދުނިޔޭގެ އެހެން މައްސަލަތަކަށް ނުފޫޒު ފޯރުވަން އުޅުމުން، މިއީ އދ. ފަދަ ބައިނަލްއަގުވާމީ މުއައްސަސާތަކުގެ ބާރު ކަނޑުވާލަން އުފެއްދި ތަނެއްގެ ގޮތުގައި ޑިޕްލޮމެޓުން ދަނީ ސިފަކުރަމުންނެވެ.
މި ފަންޑަށް ފައިސާ ނުލިބެނީ ޔަހޫދީ ޖެނޮސައިޑް ރެޖީމްގެ ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމުގައި ބުނާ ފަދަ އަމަލީ މަސައްކަތްތަކެއް ފެށޭ ވަރަށް މަސްރަހު އަމާން ނުވާތީއެވެ. ބައިނަލްއަގުވާމީ އެހީދޭ ފަރާތްތަކުން ބުނަމުންދަނީ ފައިސާ ދޫކުރާނީ ބިނާކުރުމުގެ މަސައްކަތް ފެށޭވަރަށް ސުލްހަ ގާއިމުވުމުން ކަމަށެވެ. ނަމަވެސް، ޔަހޫދީ ޖެނޮސައިޑް ރެޖީމްގެ ހަމަލާ ބަދަލުކުރުން ހުއްޓާލިކަން އިއުލާނުކުރި ފަހުންވެސް އެތައް ސަތޭކަ ފަލަސްތީނު ރައްޔިތުންނެއް ޝަހީދުވެފައިވާ ކަމަށް ސިއްހީ ވުޒާރާއިން ބުނެއެވެ.
ޔަހޫދީ ޖެނޮސައިޑް ރެޖީމްގެ ސިފައިން މިހާރުވެސް ޣައްޒާގެ 60 އިންސައްތައަށް ވުރެ ބޮޑު ސަރަހައްދެއް ކޮންޓްރޯލް ކުރަމުންދާއިރު، ހުރިހާ ބޯޑަރުތަކެއް ވަނީ ބަންދުކޮށްފައެވެ. މީގެ ސަބަބުން ޣައްޒާގެ ރައްޔިތުން ތިބީ އައްސޭރިފަށުގެ ހަނި ސަރަހައްދެއްގައި ބަންދުވެފައެވެ. މި ހިސާރުގެ ސަބަބުން އިމާރާތްކުރުމަށް ބޭނުންވާ ސާމާނު ޣައްޒާއަށް ވެއްދުމަކީ މިވަގުތު މުސްތަހީލު ކަމެކެވެ.
މި މަޖިލީހުގެ ދެފުށް ފެންނަ މިންވަރާ މެދު ސުވާލު އުފެދިފައިވަނީ، ބައެއް ފައިސާ "ޖޭޕީ މޯގަން" ބޭންކުގެ އަމިއްލަ އެކައުންޓްތަކަކަށް ޖަމާކުރަމުންދާ ކަމުގެ ރިޕޯޓްތަކެއް ފެންމަތިވުމުންނެވެ. ނަމަވެސް ޕީސް ކައުންސިލުން ސޯޝަލް މީޑިއާގައި ބުނެފައިވަނީ ވޯލްޑް ބޭންކުގެ ފަންޑަކީ އެއް ވަސީލަތް ކަމަށާއި، އެހެން ގޮތްގޮތުން އެހީ ލިބެމުންދާ ކަމަށެވެ. އެހެންނަމަވެސް އެއީ ކޮން ގޮތްތަކެއް ކަމެއް ހާމައެއް ނުކުރެއެވެ.
ޔޫރަޕްގެ ބޮޑެތި ބާރުތައް ކަމަށްވާ ފްރާންސާއި އިނގިރޭސިވިލާތުން ވަނީ މި މަޖިލީހުގައި ބައިވެރިވުމަށް އިންކާރުކޮށްފައެވެ. މިހާރު މި ކައުންސިލްގައި ތިބީ ހަމައެކަނި އެމެރިކާއާއި ޓްރަމްޕަށް ސަނާކިޔާ ޕާކިސްތާނާއި ޓްްރަމްޕްގެ ގިޮިނޑިކޮއްކޮ އަރަބި ގާތް އެކުވެރިންނެވެ. ޓްރަމްޕް ވަނީ އެމެރިކާގެ ފަރާތުން 10 ބިލިއަން ޑޮލަރު ދޭނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް މި ކައުންސިލްގެ ދާއިމީ ގޮނޑިއެއް ހޯދުމަށް ބޮޑު ފީއެއް ދައްކަން ޖެހޭ ގޮތަށް އޮތުމުން، މިއީ ސިޔާސީ ކަމަކަށްވުރެ ބޮޑަށް ވިޔަފާރި އުސޫލުން ހިންގާ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.





