ފަލަސްތީނުގެ އިންސާނީ ހައްގުތަކާ ބެހޭ އދ. ގެ ހާއްސަ މަންދޫބު ފްރަންޗެސްކާ އަލްބަނީޒްގެ ނަން އެމެރިކާގެ ޓްރެޜަރީ ޑިޕާޓްމަންޓުން އަނެއްކާވެސް ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ މީހުންގެ ލިސްޓުގައި ހިމަނައިފިއެވެ. އެމެރިކާގެ ރަސްމީ އިދާރާތަކުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި ނިންމުމަކީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސޮލީބީ ސަރުކާރުން މީގެ ކުރިން އޭނާގެ ނަން ލިސްޓުން އުނިކުރުމަކީ ވަގުތީ ކަމެއްގެ ގޮތުގައި ސިފަކުރުމަށްފަހު ނިންމި ނިންމުމެކެވެ.
މި ފިޔަވަޅު އަލުން އެޅުމަށް މަގުފަހިވީ މިދިޔަ ހުކުރު ދުވަހު އެމެރިކާގެ ކޯޓް އޮފް އެޕީލްސް ފޯ ދަ ޑިސްޓްރިކްޓް އޮފް ކޮލަމްބިއާއިން ނެރުނު އަމުރަކާ ގުޅިގެންނެވެ. އެ ކޯޓުން ވަނީ އަލްބަނީޒްއާ ދެކޮޅަށް ފިޔަވަޅު އެޅުން ހުއްޓުވުމަށް މީގެ ކުރިން ނެރުނު ހުކުމް ތަންފީޒުކުރުން މަޑުޖައްސާލުމަށް އަމުރުކޮށްފައެވެ. މީގެ ސަބަބުން އެމެރިކާ ސަރުކާރަށް ވަނީ އޭނާއަކީ މާލީ އަދި ގާނޫނީ ގޮތުން ހަރުކަށި ހުރަސްތަކެއް ކުރިމަތިކުރަންޖެހޭ ބޭރު ގައުމެއްގެ ރައްޔިތެއްގެ ގޮތުގައި ކަނޑައެޅުމުގެ ފުރުސަތު ލިބިފައެވެ.
މީގެ ކުރިން ފެޑަރަލް ފަނޑިޔާރު ރިޗަޑް ލިއޯން ވަނީ މި ފިޔަވަޅުތައް ހުއްޓުވައި، މިއީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާ ގުޅޭ ދުސްތޫރީ ހައްގުތަކާ ޚިލާފު ކަމެއް ކަމަށް ވިދާޅުވެފައެވެ. ފަނޑިޔާރުގެ ހުކުމުގައި ފާހަގަކުރައްވާފައިވާ ގޮތުގައި އަލްބަނީޒްއަށް އަމާޒުކޮށް މި ފިޔަވަޅުތައް އެޅީ ޔަހޫދީ ޖެނޮސައިޑް ރެޖީމްގެ ސިޔާސަތުތަކަށާއި ޣައްޒާގައި ޔަހޫދީ ޖެނޮސައިޑް ރެޖީމް ހިންގާ އަސްކަރީ އޮޕަރޭޝަންތަކަށް އޭނާ ފާޅުގައި ފާޑުވިދާޅުވާތީއެވެ. ނަމަވެސް ޓްރަމްޕްގެ ސަރުކާރުން ވަނީ އޭނާ ފާޅުކުރާ ޚިޔާލުތަކުގެ ސަބަބުން އެ މިނިވަންކަން ހަނިކުރުމަށް މަސައްކަތްކޮށްފައެވެ.
މި މައްސަލައިގެ އަސްލު ގުޅިފައިވަނީ 2025 ވަނަ އަހަރުގެ ޖުލައި މަހު އެމެރިކާއިން އިޓަލީގެ މި ވަކީލާ ދެކޮޅަށް އެޅި ހަރުކަށި ފިޔަވަޅުތަކާއެވެ. އޭގެ ތެރޭގައި އެމެރިކާއަށް އެތެރެވުން މަނާކުރުމާއި، އެމެރިކާގެ މާލީ ނިޒާމު މެދުވެރިކޮށް ބައިނަލްއަގުވާމީ އެއްވެސް މުއާމަލާތެއް ކުރުން ހުއްޓުވުން ހިމެނެއެވެ. އެމެރިކާ ސަރުކާރުން އޭރު ބުނެފައިވަނީ މި ފިޔަވަޅުތައް އެޅީ މެދުއިރުމަތީގެ މައްސަލައިގައި އެމެރިކާގެ ޚާރިޖީ ސިޔާސަތާ ދެކޮޅަށް އޭނާ ދައްކާފައިވާ ވާހަކަތަކާ ގުޅިގެން ކަމަށެވެ.
މި ފިޔަވަޅުތަކާ ގުޅިގެން އަލްބަނީޒްގެ އާއިލާއިން ވަނީ ގާނޫނީ ހަނގުރާމައެއް ފަށާފައެވެ. އެމެރިކާގެ ރައްޔިތުން ކަމަށްވާ އޭނާގެ ފިރިމީހާއާއި ދަރިފުޅު މިދިޔަ ފެބްރުއަރީ މަހު ވަނީ ދައުވާ ހުށަހަޅާފައެވެ. އާއިލާއިން ބުނާ ގޮތުގައި ބޭންކިންގް ނިޒާމުން އޭނާ މަހްރޫމްކުރުމުގެ ސަބަބުން، ދިރިއުޅުމުގެ އަސާސީ ބޭނުންތައް ފުއްދުމަކީވެސް މިހާރު ނުކުރެވޭނެ ކަމަކަށް ވަނީ ވެފައެވެ.
2022 ވަނަ އަހަރު އދ. ގެ މަގާމާ ހަވާލުވި ފްރަންޗެސްކާ އަލްބަނީޒްއަކީ ޣައްޒާގައި ޔަހޫދީ ޖެނޮސައިޑް ރެޖީމް 'ނަސްލު ނައްތާލުމުގެ' އަމަލުތައް ހިންގަމުންދާ ކަމަށް ބައިނަލްއަގުވާމީ މައިދާނުގައި އެންމެ ބާރަށް އަޑުއުފުލާ އެއް ފަރާތެވެ. މީގެ އިތުރުން ޔަހޫދީ ޖެނޮސައިޑް ރެޖީމާއި އެ ރެޖީމަށް ވާގިވެރިވާ އެމެރިކާގެ އިސްވެރިން ހަނގުރާމައިގެ ކުށްތަކުގެ ތުހުމަތުގައި ބައިނަލްއަގުވާމީ ޖިނާއީ ކޯޓަށް ހާޒިރުކުރުމަށްވެސް އޭނާ ވަނީ ގޮވާލައްވާފައެވެ.





