އިންޑިއާ ކަނޑުގެ ސަރަހައްދުގައި ޗައިނާގެ ނުފޫޒު ގަދަވަމުންދާ ދަނޑިވަޅެއްގައި، އެ ސަރަހައްދުގެ ހަމަޖެހުމާއި ސަލާމަތްތެރިކަން ދެމެހެއްޓުމަށްޓަކައި އިންޑިއާއިން ވިލާތުގެ ބާރުތައް ކަމަށްވާ ފްރާންސާއި އިޓަލީއާއެކު އޮންނަ އިސްތިރާތީޖީ ގުޅުންތައް އިތުރަށް ވަރުގަދަކުރަން ފަށައިފިއެވެ. ޔޫރޭޝިއާ ރިވިއުއިން ޝާއިއުކޮށްފައިވާ ތަހުލީލެއްގައިވާ ގޮތުން، މިއީ އެމެރިކާގެ ނުފޫޒު ކުޑަވެ، ޗައިނާގެ އަސްކަރީ ހަރަކާތްތައް އިތުރުވަމުންދާތީ އިންޑިއާއިން އެޅި މުހިންމު ފިޔަވަޅެކެވެ.
ފްރާންސަކީ އިންޑިއާ ކަނޑުގެ ސަރަހައްދުގައި އަމަލީ ގޮތުން ހަރަކާތްތެރިވާ ބާރެކެވެ. އެގޮތުން ރީޔޫނިއަން އާއި މެޔޮޓޭ ފަދަ ސަރަހައްދުތަކުގައި ފްރާންސްގެ އަސްކަރީ މަރުކަޒުތައް ހުރެއެވެ. އިންޑިއާއާއި ފްރާންސާ ދެމެދު މިހާރުވެސް ’ވަރުނާ' ގެ ނަމުގައި ކަނޑުގެ އަސްކަރީ ތަމްރީނުތައް ބާއްވަމުންދާއިރު، ދެ ގައުމުގެ ދެމެދުގައި ލޮޖިސްޓިކްސް ބަދަލުކުރުމާއި ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.
ކުރިން އިންޑިއާ ކަނޑުގެ ކަންކަމުގައި މާ ބޮޑު ދައުރެއް އަދާނުކުރި ނަމަވެސް، އިޓަލީން މިހާރު ދަނީ އިންޑިއާ ކަނޑުގެ ގައުމުތަކުގެ ޖަމިއްޔާ އައޯރާ މެދުވެރިކޮށް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދާދިފަހުން ރޯމަށް ކުރެއްވި ޒިޔާރަތާއެކު، ދެ ގައުމުގެ ގުޅުން ވަނީ އިސްތިރާތީޖީ ފެންވަރަކަށް މަތިކޮށްފައެވެ. މީގެ މައިގަނޑު ބޭނުމަކީ ވިޔަފާރި މަގުތައް ރައްކާތެރިކުރުމާއި’އިންޑިއާ-މިޑްލް އީސްޓް-ޔޫރަޕް އިކޮނޮމިކް ކޮރިޑޯ' މަޝްރޫއަށް އެއްބާރުލުން ދިނުމެވެ.
ޗައިނާއިން ދަނީ ޕާކިސްތާނާއި ބަންގްލަދޭޝް ފަދަ ގައުމުތަކާއެކު އަސްކަރީ ގުޅުން ބަދަލުކޮށް، ޕާކިސްތާނަށް 'ހެންގޯ' މަރުކާގެ ސަބްމެރިންތައް ފޯރުކޮށްދެމުންނެވެ. މީގެ އިތުރުން 'ކުއަޑް' ފަދަ އިއްތިހާދުތަކުގެ ބާރު ކުޑަވަމުންދާ ދަނޑިވަޅެއްގައި، އިންޑިއާއިން ދަނީ އެ ސަރަހައްދުގެ 'ސަލާމަތްތެރިކަން ފޯރުކޮށްދޭ މައިގަނޑު ގައުމު' ގެ ދައުރު އަދާކުރުމަށް ބޮޑެތި އިންވެސްޓްމަންޓްތައް ކުރަމުންނެވެ.
މި ތަހުލީލު ނިންމާލަމުން ފާހަގަކޮށްފައިވަނީ، އިންޑިއާ، ފްރާންސް އަދި އިޓަލީގެ މި ގުޅުމަކީ ހަމައެކަނި ޗައިނާއާ ދެކޮޅަށް ކުރާ މަސައްކަތެއް ނޫން ކަމަށެވެ. މިއީ މުޅި ސަރަހައްދުގެ އިގްތިސާދީ ރައްކާތެރިކަމާއި، ވަކި ގައުމެއްގެ ބާރުގެ ދަށަށް އިންޑިއާ ކަނޑު ދިޔަ ނުދިނުމަށްޓަކައި އެކުލަވާލެވިފައިވާ މުހިންމު ބައިވެރިވުމެއް ކަމަށެވެ.






