ބަންގްލަދޭޝްގެ ކުރީގެ ވަގުތީ ސަރުކާރުގެ އިސްވެރިޔާ ޑރ. މުހައްމަދު ޔޫނުސްގެ 18 މަސްދުވަހުގެ ވެރިކަމުގައި އޮޅުވާލުމާއި، އިދާރީ ނުކުޅެދުންތެރިކަމާއި، އަމިއްލަ މަންފާ އިސްކުރުމުގެ އަމަލުތައް ހިންގާފައިވާ ކަމަށް ބުނެ އެ ގައުމުގެ ނޫހަކުން ބޮޑެތި ތުހުމަތުތަކެއް ކޮށްފިއެވެ. ބަންގްލަދޭޝްގެ 'ޑެއިލީ ސަން' ނޫހުގައި ޝާއިއުކޮށްފައިވާ ލިޔުމެއްގައި ބުނެފައިވަނީ ޔޫނުސް ވަނީ އޭނާއަށް އިތުބާރު ކުރި ރައްޔިތުންނަށް ހިޔާނާތްތެރިވެފައި ކަމަށެވެ.
މި ލިޔުމުގައި ފާހަގަކޮށްފައިވާ އެންމެ ބޮޑު އެއް ތުހުމަތަކީ، ބަންގްލަދޭޝްގެ ފޮރިން މިނިސްޓްރީއަށް އެއްވެސް މިންވަރަކަށް އެނގުމަކާ ނުލައި އެމެރިކާއާއެކު ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރި މައްސަލައެވެ. ކުރީގެ އެޑްވައިޒަރު ތައުހީދު ހުސައިންއާ ހަވާލާދީ ބުނެފައިވަނީ، މި އެއްބަސްވުމުގެ އެއްވެސް މަރުހަލާއެއްގައި މިނިސްޓްރީ ބައިވެރިކޮށްފައި ނުވާ ކަމަށެވެ. މިއީ ސަރުކާރު ހިންގުމުގެ އަސާސީ ގަވާއިދުތަކާ ހިލާފު ކަމެއްގެ ގޮތުގައި ލިޔުންތެރިޔާ ސިފަކޮށްފައިވެއެވެ.
ޔޫނުސްގެ ސަރުކާރަށް އަމާޒުވެފައިވާ އަނެއް ސީރިއަސް ތުހުމަތަކީ ކުޑަކުދިންގެ ސިއްހަތަށް އިހުމާލުވުމުގެ މައްސަލައެވެ. ޔުނިސެފުން ފަސް ފަހަރެއްގެ މަތިން ހިިމަބިހީގެ ވެކްސިން ހުސްވެދާނެ ކަމުގެ އިންޒާރު ދީފައިވަނިކޮށް، ތަކެތި ގަތުމުގެ އުސޫލުތަކަށް ގެނައި ބަދަލުތަކެއްގެ ސަބަބުން ވެކްސިން ލިބުން ލަސްވެ، ބައެއް ކުދިން މަރުވެފައިވާ ކަމަށް މި ރިޕޯޓުގައި ބުނެފައިވެއެވެ. މިއީ ޔޫނުސްގެ "އިދާރީ ހުދުމުހުތާރުކަން" ހާމަވާ ކަމެއް ކަމަށް ލިޔުމުގައިވެއެވެ.
ޖުލައި މަހުގެ ކިޔަވާ ކުދިންގެ ހަރަކާތްތަކަށްފަހު ވެރިކަމާ ހަވާލުވެވަޑައިގެން، ދަރިވަރުންނަކީ އޭނާގެ "ވެރިން" ކަމަށް ޔޫނުސް ވިދާޅުވި ނަމަވެސް، އަމަލީ ގޮތުން ކަންތައް ކުރެއްވީ ތަފާތު ގޮތަކަށް ކަމަށް ތުހުމަތުކޮށްފައިވެއެވެ. ދަރިވަރުން އަނބުރާ ކިޔެވުމަށް ފޮނުވުމުގެ ބަދަލުގައި، އިދިކޮޅު ފަރާތްތަކާ ދެކޮޅަށް މަގުމަތީ ބާރެއްގެ ގޮތުގައި އެކުދިން ބޭނުންކޮށް، ފައިސާއާއި އެކި ކަހަލަ މަސައްކަތްތައް ދީގެން އެކުދިންގެ އަގު ވައްޓާލާފައިވާ ކަމަށް ލިޔުމުގައި ބުނެފައިވެއެވެ.
ޔޫނުސް ވެރިކަމުން ވަކިވެވަޑައިގެންނެވިއިރު ގައުމުގެ އިގްތިސާދީ ހާލަތު އޮތީ ވަރަށް ގޯސްކޮށް ކަމަށާއި، ޕްރައިވެޓް ސެކްޓަރު އިނދަޖެހި ބޭރުގެ ގުޅުންތައް ހީނަރުވެފައިވާ ކަމަށްވެސް ރިޕޯޓުގައިވެއެވެ. މީގެ އިތުރުން، ވެރިކަމުގެ ބޭނުން ހިފަވައިގެން އޭނާގެ މައްޗަށް ހުރި ކޮރަޕްޝަނާއި ޓެކްސްގެ މައްސަލަތަކުން ބަރީއަވެ، އަމިއްލަ ވިޔަފާރިތަކަށް މަގުފަހިކުރެއްވި ކަމުގެ ތުހުމަތުވެސް ވަނީ ކުރެވިފައެވެ. ޖުމްލަ ގޮތެއްގައި މި ލިޔުމުގައި ބުނެފައިވަނީ ޔޫނުސްގެ ވެރިކަމުގެ ސަބަބުން ބަންގްލަދޭޝްއަށް ލިބުނީ ބޮޑު ގެއްލުމެއް ކަމަށެވެ.






