ކިއުބާ ހިފަން އެމެރިކާ ސިފައިން ފޮނުވަން ތައްޔާރުވަނީ؛

އެމެރިކާގެ އަވަށްޓެރި ކިއުބާއަށް އަރައިގަތުމަށް ސިފައިން ތައްޔާރު ވަމުންދާ ކަމަށް ޕެންޓަގަން އިން ބުނެއެވެ. ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ކިއުބާއަކީ އެމެރިކާގެ "ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް" ކަމަށް ސިފަކޮށް، އެ ގައުމާ މެދު ގެންގުޅޭ ސިޔާސަތުތައް ވަނީ ވަރަށް ބޮޑަށް ހަރުކަށިކޮށްފައެވެ.

އެމެރިކާގެ ސަރުކާރުގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވީ، ކިއުބާ އޮތީ ވަރަށް ބޮޑު ނުރައްކަލެއްގެ ތެރޭގައި ކަމަށެވެ. "އެމެރިކާގެ އައްސޭރިފަށާ އެންމެ 90 މޭލު ދުރުގައި ފެއިލްވެފައިވާ ދައުލަތެއް އޮތުމަކީ އެމެރިކާގެ ގައުމީ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެއް،" ރޫބިއޯ ވިދާޅުވިއެވެ. ބަޔާންތަކާ އެކު، އެމެރިކާގެ ކަނޑުގެ ސިފައިން ވަނީ ކެރީބިއަން ސަރަހައްދަށް މަނަވަރުތައް ޖަމާކުރަން ފަށާފައެވެ.

އަސްކަރީ ތައްޔާރުވުންތަކާއި މަނަވަރުތައް ޖަމާކުރުން

މި މަހުގެ ތެރޭގައި އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރު "ޔޫއެސްއެސް ނިމިޓްޒް" ވަނީ އެ ސަރަހައްދަށް ވަދެފައެވެ. މި މަނަވަރާ އެކު، އެއްގަމު އަމާޒުތަކަށް ހަމަލާދެވޭ ފަދަ މިސައިލް އުފުލާ މަނަވަރުތައް ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ. މީގެ އިތުރުން، 2،500 މެރިން ސިފައިންނާ އެކު "ޔޫއެސްއެސް ކިއަރސާޖް" ވެސް އެ ސަރަހައްދަށް ފޮނުވުމަށް ދަނީ ތައްޔާރުވަމުންނެވެ.

އަސްކަރީ މާހިރުން ދެކޭ ގޮތުގައި މި ހަރަކާތްތަކަކީ ކިއުބާއަށް ބިރުދެއްކުމުގެ އިތުރުން، ބޭނުންވެއްޖެ ހާލަތެއްގައި ވައިގެ މަގުންނާއި ކަނޑުގެ މަގުން ހަމަލާދިނުމަށް ކުރެވޭ ތައްޔާރީތަކެކެވެ. ސެންޓަރ ފޯ ސްޓްރެޓީޖިކް އެންޑް އިންޓަނޭޝަނަލް ސްޓަޑީޒްގެ އެނަލިސްޓް މާކް ކަންސިއަން ވިދާޅުވީ، ފްލޮރިޑާ އާއި ޕުއެރްޓޯ ރިކޯގައި ތިބި އެމެރިކާގެ ފައިޓަރު ޖެޓުތައް ބޭނުންކޮށްގެން ކިއުބާގެ ދިފާއީ ނިޒާމުތައް ހަލާކުކޮށްލުމުގެ ގާބިލްކަން އެމެރިކާއަށް އެބައޮތް ކަމަށެވެ.

ރަޝިއާ އާއި ޗައިނާގެ ނުފޫޒު

ވޮޝިންޓަނުން ތުހުމަތުކުރާ ގޮތުގައި ހަވާނާއިން ދަނީ ރަޝިއާ އާއި ޗައިނާއާ އެކު އޮންނަ އަސްކަރީ އަދި ޖާސޫސީ ގުޅުންތައް ވަރުގަދަކުރަމުންނެވެ. އެމެރިކާއަށް ޖާސޫސީ މައުލޫމާތު ހޯދުމަށް ކިއުބާއަކީ ރަޝިއާ އާއި ޗައިނާއަށް އޮތް މުހިންމު މަރުކަޒެއް ކަމަށް އެމެރިކާގެ އިންޓެލިޖެންސް ރިޕޯޓުތަކުން ބުނެއެވެ.

މަސްރަހު އިތުރަށް ހޫނުވެފައިވަނީ ކިއުބާގެ ކުރީގެ ލީޑަރު ރައުލް ކާސްޓްރޯގެ މައްޗަށް ޖިނާއީ ދައުވާ އުފުލުމަށް އެމެރިކާއިން ނިންމި ނިންމުމާ ގުޅިގެންނެވެ. ރައީސް ޓްރަމްޕް ވަނީ ކިއުބާގެ މައްސަލައިގައި އަސްކަރީ ގޮތުން ވަނުމުގެ ފުރުސަތު އޮތް ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. ނަމަވެސް، އެމެރިކާގެ ަސިފައިން ގިނަ ދުވަސްތަކެއް ވަންދެން ކަނޑުމަތީގައި ސިފައިން ތިބެންޖެހުމުގެ ސަބަބުން ވަރުބަލިކަން އުފެދިފައިވާ ކަމުގެ ކަންބޮޑުވުންތައް ވެސް ވަނީ ފާހަގަވެފައެވެ.

ހިއްސާ ކުރައްވާ!