މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބައިނަލްއަގުވާމީ ކާޓެލްތަކުން ގައުމުތަކުގެ ގާނޫނުތަކުގައި ހުރި ތަފާތުތަކުގެ ބޭނުން ހިފަމުންދާ ކަމަށް ވިދާޅުވެ، މުޅި ދުނިޔެއިން މިކަމާ ދެކޮޅަށް އެކަތިގަނޑަކަށް ވުމަށް އިންޑިއާގެ ދާޚިލީ ވަޒީރު އަމީތު ޝާހު ގޮވާލައްވައިފިއެވެ. އާރު.އެން ކާއޯ މެމޯރިއަލް ލެކްޗަރ 2026 ގައި ވާހަކަދައްކަވަމުން ޝާހު ވިދާޅުވީ، މަސްތުވާތަކެތީގެ ނުރައްކަލަކީ ވަކި ގައުމަކަށް އޮތް ނުރައްކަލެއް ނޫން ކަމަށާއި، އެއީ މުޅި ދުނިޔޭގެ ސަލާމަތަށް އޮތް ބޮޑު ބިރެއް ކަމަށެވެ.
ޝާހު ވިދާޅުވި ގޮތުގައި މަސްތުވާތަކެތީގެ ކާޓެލްތައް މިހާރު ވަނީ ކުރިއަށްވުރެ ބޮޑަށް އިންތިޒާމުވެ، ބޯޑަރުތައް ހުރަސްކޮށް ފުޅާވެފައެވެ. "ދުނިޔެއަށް މި މައްސަލަ ވަކިވަކި ގައުމުތަކުން ހައްލެއް ނުކުރެވޭނެ. ކާޓެލްތަކުން ބަލަނީ އަދަބުތައް ކުޑަ އަދި ގާނޫނުތައް ދޫ ގައުމުތައް މެދުވެރިކޮށް މި ވިޔަފާރި ކުރިއަށް ގެންދެވޭތޯ،" އޭނާ ވިދާޅުވިއެވެ.
މި މައްސަލަ ހައްލުކުރުމަށްޓަކައި އަމީތު ޝާހު ވަނީ ހަތަރު މުހިންމު ކަމެއް ހުށަހަޅުއްވާފައެވެ. އޭގެ ތެރޭގައި :
- މަނާކުރެވިފައިވާ ތަކެތީގެ އެއްގޮތް މާނަކުރުމެއް ކަނޑައެޅުމާއި،
- ސްމަގްލް ކުރާ ފަރާތްތަކަށް ދޭ އަދަބުތައް އެއްގޮތް ކުރުމާއި،
- ކާޓެލްތަކުގެ ވެރިން އެއް ގައުމުން އަނެއް ގައުމަށް ހަވާލުކުރުމުގެ އޮނިގަނޑެއް އެކުލަވާލުމާއި
- ގައުމުތަކުގެ މެދުގައި ވަގުތުން ވަގުތަށް މައުލޫމާތު ހިއްސާކުރުން ހިމެނެއެވެ.
އިންޑިއާގެ އަމާޒު: "ޑްރަގް ފްރީ އިންޑިއާ 2047″
އިންޑިއާގެ ދާޚިލީ ވަޒީރު ވަނީ އެ ގައުމުން މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުގެ ތަފާސްހިސާބުތައް ވެސް ހިއްސާކުރައްވާފައެވެ.
އެގޮތުން 2014 އާއި 2025 އާ ދެމެދު 111 މިލިއަން ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެވިފައިވާ ކަމަށާއި، 372 ސަރަހައްދެއްގައި ހިންގާ ގައުމީ ކެމްޕޭނުގައި 10 ކްރޯޑް މީހުން ބައިވެރިވެފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ފާއިތުވި ދެ އަހަރު ތެރޭގައި އެކި ގައުމުތަކާ ގުޅިގެން ބައިނަލްއަގުވާމީ 40 ކުށްވެރިއަކު އިންޑިއާއާ ހަވާލުކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ޝާހު ވަނީ ކުރިއަށް އޮތް 10 އަހަރަކީ މިކަމުގައި ފިޔަވަޅު އެޅުމަށް ލިބޭނެ އެންމެ ފަހު ފުރުސަތު ކަމަށް ވިދާޅުވެ އިންޒާރު ދެއްވާފައެވެ.
"މިހާރު ފިޔަވަޅު ނާޅައިފިނަމަ، 10 އަހަރު ފަހުން އަޅުގަނޑުމެންނަށް އިހުސާސްވާނީ ފުރުސަތު ގެއްލިއްޖެކަން،" އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން މަސްތުވާތަކެތިން ލިބޭ ފައިސާ ޓެރަރިޒަމަށް ޚަރަދުކުރާ ގައުމުތަކާ ދެކޮޅަށް ވެސް ދުނިޔެއިން ތެދުވަން ޖެހޭ ކަމަށާއި، އެހެން ނޫންނަމަ "ނާކޯ-ސްޓޭޓްސް" އުފެދި ބައިނަލްއަގުވާމީ ހަމަޖެހުމަށް ބޮޑު ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ވިދާޅުވިއެވެ.






