ލުބުނާނުގެ ފަސްބައިކުޅަ އެއްބައި ޔަހޫދީ ޖެނޮސައިޑް ސިފައިން ހިފި އިރުވެސް ލުބުނާނަށް ސިޔާދަތު ދިފާއު ކުރުމަށް އެންމެ އުންދައެއް ޖަހާލާކަށްވެސް ނުކެރެއެވެ. ހުރިހަިއ ހަނގުރާމައެއް ކުރަމުންދަނީ ހިޒުބުﷲ ޖަމާއަތުންނެވެ. ޔަހޫދީ ޖެނޮސައިޑް ރެޖީމުން ވަނީ އޮޅުވާލައިގެން އެމެރިކާއާ ގުޅިގެން ލުބުނާނުގައި މިދިޔަ އޭޕްރީލް މަހުގެ 16 ވަނަ ދުވަހުން ފެށިގެން އިއުލާންކޮށްފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުކުރަމުން ދާ ކަަމށް ބުނެފައެވެ.
ޔަހޫދީ ޖެނޮސައިޑް ރެޖީމުން ދެމުންދާ ވައިގެ ހަމަލާތަކާއި ސަރަހައްދުތައް ހުސްކުރުމަށް ނެރެމުންދާ އަމުރުތަކުގެ ސަބަބުން ލުބުނާންގެ އާންމު ރައްޔިތުންގެ ތަކުލީފުތަކަށް އެއްވެސް ލުޔެއް ނުލިބޭކަން ހާމަވެއްޖެއެވެ. ޔަހޫދީ ޖެނޮސައިޑް ރެޖީމުން މިހާރު ވަނީ ލުބުނާނުގެ ޖުމްލަ ބިމުގެ ފަސްބައިކުޅަ އެއްބައި ނުވަތަ ގާތްގަނޑަކަށް 2،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ހުސްކުރުމަށް އަންގާފައެވެ.
އެމެރިކާ މެދުވެރިވެގެން ގާއިމުކުރި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ފަހުވެސް، ޣަދަރުވެރި ޔަހޫދީ ޖެނޮސައިޑް ރެޖީމުން ވަނީ ލިޠާނީ ކޯރާ ހަމައަށް 600 އަކަ ކިލޯމީޓަރުގެ ބަފަރ ޒޯނެއް ކަނޑައަޅާފައެވެ. ރޮއިޓާސްއިން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި، ހަނގުރާމަ ހުއްޓާލި ފަހުން ޔަހޫދީ ޖެނޮސައިޑް ސިފައިން ވަނީ 1،100 އަށްވުރެ ގިނަ އަމާޒުތަކަށް ހަމަލާދީ، އިތުރު 100 އަށްވުރެ ގިނަ އަވަށްތަކާއި ފަރުބަދަމަތީ ސަރަހައްދުތައް ހުސްކުރުމަށް އަމުރުކޮށްފައެވެ.
މި ހަމަލާތަކުގެ ސަބަބުން އެތައް ލައްކަ ބަޔަކު ވަނީ ގެދޮރު ދޫކޮށް ރައްކާތެރި ސަރަހައްދުތަކަށް ހިޖުރަކުރަން ޖެހިފައެވެ. ގިނަ ބަޔަކު މިހާރު ދިރިއުޅެމުންދަނީ ބައިރޫތާއި އުތުރުގެ ސަރަހައްދުތަކުގައި ޖަހާފައިވާ ވަގުތީ ފޭލިގެތަކުގައެވެ. އާންމުން ބުނާ ގޮތުގައި ހަނގުރާމަ ހުއްޓާލުމަކީ ދޮގެއް ކަމަށާއި، ކޮންމެ ދުވަހަކުވެސް އާ ސަރަހައްދުތަކަށް ބޮން އަޅަމުންދާ ކަމަށެވެ.
ޔަހޫދީ ޖެނޮސައިޑް ރެޖީމްގެ މި އަމަލުތަކަކީ ގައްޒާ އަދި ސީރިއާގެ ބޯޑަރުގައިވެސް ގެންގުޅޭ ފަދަ "ބަފަރ ޒޯން" ހެދުމުގެ ވިސްނުމަކުން ކުރާ ކަމެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.




