ޣައްޒާގެ 70 އިންސައްތަ ސަރަހައްދު ޔަހޫދީ ޖެނޮސައިޑް ރެޖީމްގެ ސިފައިންގެ ބާރުގެ ދަށަށް ގެނައުމަށް ޔަހޫދީ ޖެނޮސައިޑް ރެޖީމްގެ ނަތަންޔާހޫ އަންގައިފިއެވެ. ނަތަންޔާހޫ މި މި އެންގުން އެންގީ މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން އަމަލުކުރަމުންދާ ނާޒުކު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ޝަރުތުތަކާ ހިލާފަށެވެ.
ޔަހޫދީ ޖެނޮސައިޑް ރެޖީމްގެ ޗެނަލް 12 އިން އާންމުކޮށްފައިވާ ވީޑިއޯއެއްގައި ފެންނަ ގޮތުގައި، ހިފާފައިވާ ހުޅަނގު އައްސޭރީގެ ޔަހޫދީ ބަސްތީއެއްގައި ބޭއްވި ޔަހޫދީ ސައްލާއެއްގައި ވާހަކަދައްކަމުން ނަތަންޔާހޫ ބުނީ "އަހަރެމެން މިހާރު މިދަނީ ހަމާސް ފިއްތަމުން. މިހާރު ޣައްޒާގެ 60 އިންސައްތަ ސަރަހައްދު އޮތީ އަހަރެމެންގެ ކޮންޓްރޯލްގެ ދަށުގައި،" ކަމަށެވެ.
ޔަހޫދީ ޖެނޮސައިޑް ރެޖީމްގެ ނަތަންޔާހޫ އިތުރަށް ބުނީ ކުރިން ޔަހޫދީ ޖެނޮސައިޑް ރެޖީމްގެ ބާރުގެ ދަށުގައި އޮތީ 50 އިންސައްތަ ސަރަހައްދު ކަމަށާއި، މިހާރު އެ އަދަދު 60 އިންސައްތައަށް އިތުރުވެފައިވާ ކަމަށެވެ. އަދި އޭނާގެ އަމުރަކީ އެ އަދަދު "70 އިންސައްތައަށް އިތުރުކުރުން" ކަމަށްވެސް އޭނާ ބުންޏެވެ.




