އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާއި ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމާ ގުޅޭގޮތުން އެމެރިކާއާއި އީރާނާ ދެމެދު އެއްބަސްވުމެއްގެ ދެލިކޮޕީއެއް އެކުލަވާލާފައިވާ ކަމަށް ބުނާ ރިޕޯޓްތަކަކާއެކު ވެސް ހަމަލަތައް ދެމުންދާނީ މަސްރަހު ވަރަށް ބޮޑަށް ނުތަނަވަސްވެއްޖެއެވެ. މި އެއްބަސްވުމުގެ ވާހަކަތައް ދެކެވޭއިރު، އީރާނުގެ ބޫޝެހްރު ސަރަހައްދުގައި ބާރުގަދަ ގޮވުންތަކެއްގެ އަޑު އިވިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އީރާނުގެ މީޑިއާ ބުނާ ގޮތުގައި މިއީ އެމެރިކާގެ ޑްރޯންއެއް ވައްޓާލުމުގެ ސަބަބުން އިވުނު އަޑުތަކެކެވެ. ނަމަވެސް އެމެރިކާގެ އޮފިޝަލުން ވަނީ އެއްވެސް ބޯޓެއް ވައްޓާލާފައިވާ ކަމަށް ބުނާ ވާހަކަތައް ދޮގުކޮށްފައެވެ.
އެއްބަސްވުމުގެ މަޝްވަރާތަކާއި ޑޮނަލްޑް ޓްރަމްޕްގެ ނިންމުން
އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ވިދާޅުވީ އީރާނާއެކު އެއްބަސްވުމަކަށް އައުމަށް ވަރަށް ގާތްވެފައިވާ ކަމަށާއި، ނަމަވެސް އަދިވެސް ބައެއް މުހިންމު ނުކުތާތަކުގައި މަޝްވަރާ ކުރަންޖެހޭ ކަމަށެވެ. ޚާއްޞަކޮށް އީރާނުން ޔުރޭނިއަމް ފައްކާކުރާ މިންވަރާ މެދު އަދި ގޮތެއް ނުނިންމޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މި އެއްބަސްވުމަށް އަމަލުކުރަން ފެށުން ބިނާވެފައިވަނީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެންމެ ފަހުގެ ނިންމެވުމަށެވެ. އެމެރިކާގެ ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި ޓްރަމްޕް މިހާރު ގެންދަވަނީ އެއްބަސްވުމުގެ އެންމެ ފަހުގެ ދެލިކޮޕީ މުރާޖަޢާ ކުރައްވަމުންނެވެ.
އީރާނުގެ ރައްދު
އީރާނުން ވަނީ އެމެރިކާއާއެކު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ބުނާ ރިޕޯޓްތައް ދޮގުކޮށްފައެވެ. އީރާނުގެ ތަސްނީމް ނިއުސް އެޖެންސީން ބުނި ގޮތުގައި އެއްބަސްވުމުގެ އެއްވެސް ލިޔުމެއްގައި އަދި ސޮއިކޮށްފައެއް ނުވެއެވެ. އަދި މިކަމުގައި މެދުވެރިއެއްގެ ދައުރު އަދާކުރާ ޕާކިސްތާނަށްވެސް އެފަދަ އެއްވެސް މަޢުލޫމާތެއް ހިއްސާކޮށްފައި ނުވާ ކަމަށް އީރާނުން ބުނެއެވެ. ނަމަވެސް ގަތަރުގެ ދޯހާގައި ކުރިއަށްދިޔަ މަޝްވަރާތަކުގައި ބައެއް ކުރިއެރުންތައް ލިބިފައިވާ ކަމަށް އަރަބި ބައެއް އޮފިޝަލުން ވަނީ ވިދާޅުވެފައެވެ.
އެއްބަސްވުމުގެ މައިގަނޑު ނުކުތާތައް
މި އެއްބަސްވުމުގެ ދަށުން 60 ދުވަހުގެ ތެރޭގައި ހުރްމުޒް ކަނޑުއޮޅި ފުރިހަމައަށް ހުޅުވާލުމަށް ވަނީ ހުށަހަޅާފައެވެ. އޭގެ ބަދަލުގައި އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިދިނުމާއި، ހިފަހައްޓާފައިވާ އީރާނުގެ ފައިސާ ދޫކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެވޭނެއެވެ. މީގެ އިތުރުން އިޒްރޭލާއި ލުބުނާނުގެ ހިޒްބުﷲ އާ ދެމެދު ކުރިއަށްދާ ހަނގުރާމަ ހުއްޓާލުމާ ގުޅޭގޮތުންވެސް މި މަޝްވަރާތަކުގައި އަލިއަޅުވާލާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މި އެއްބަސްވުމާ މެދު އެމެރިކާގެ އެތެރޭގެ ސިޔާސީ މަސްރަހުންނާއި ޔަހޫދީ ޖެނޮސައިޑް ރެޖީމްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ފަރާތުން ޓްރަމްޕަށް ބޮޑެތި ފިއްތުންތަކެއް ކުރިމަތިވަމުންދާ ކަމަށް މީޑިއާ ބުނެއެވެ. ޓްރަމްޕް ބޭނުންފުޅުވަނީ 2015 ވަނަ އަހަރުގެ ނިއުކްލިއާ އެއްބަސްވުމަށްވުރެ ވަރުގަދަ އެއްބަސްވުމެއް އެކުލަވާލުމަށެވެ. އެމެރިކާގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި އީރާނުން އެއްބަސްވުމާ ޚިލާފުވެއްޖެ ނަމަ، އިޤްތިޞާދީ އަދި އަސްކަރީ ހުރިހާ ފިޔަވަޅެއް އެޅުމުގެ އިޚްތިޔާރު އެމެރިކާއަށް އޮންނާނެއެވެ.







