އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އީރާނުގެ މަސްއޫލުވެރިންނަކީ މަޝްވަރާގެ މޭޒުމަތީގައި ވަރަށް "ހުށިޔާރު އަދި ޢިލްމީ ގާބިލު ކުޅަދާނަ" ބައެއްގެ ގޮތުގައި ސިފަކުރައްވައި އެ ގައުމަށް ތައުރީފް ކުރައްވައިފިއެވެ. ފޮކްސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ އީރާނަކީ މަޝްވަރާ ކުރުމުގައި ވަރަށް މާހިރު ބައެއް ބައިވެރިވި އެވެ. ނަމަވެސް، ވާހަކަ އޮޅުވާލަމުން ޓްރަމްޕް ވަނީ މިހާރު ކުރިއަށްދާ ވާހަކަތަކުގައި ކުރިލިބިފައިވަނީ އެމެރިކާއަށް ކަމަށް ބުނެ ހޮޅި ހޮއްލާފައެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި ސޮލީބީ އެމެރިކާ އާއި ޔަހޫދީ ޖެނޮސައިޑް ރެޖީމުން ގުޅިގެން ދިން ހަމަލާތަކުގެ ސަބަބުން އީރާނުގެ އަސްކަރީ ގާބިލްކަން ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. "އެމީހުންނަކީ ވަރަށް ކުޅަދާނަ މަޝްވަރާވެރިން، އެކަމަކު އެންމެ ފަހުން ހުރިހާ ބާރެއް އޮތީ އަހަރެމެންގެ އަތުގައި، ސަބަބަކީ އަސްކަރީ ގޮތުން އަހަރެމެން އެމީހުން ބަލިކޮށްފިން،" ޓްރަމްޕް ވިދާޅުވިއެވެ.
ޓްރަމްޕް އޮޅުވާލާއިރު އީރާނުން ވަނީ އެމެރިކާގެ މަރުކަޒުތައް އަލުން ނެހެދޭ ވަރަށް ހަލާކުކޮށް އެމެރިކާ ގިއްގަޅުވާލާފައެވެ.
އޭނާ އިތުރަށް ވިދާޅުވީ އީރާނުގެ ކަނޑުގެ ސިފައިންނާއި ވައިގެ ސިފައިންގެ ބާރު މިހާރު މުޅިންހެން ނެތިގޮސްފައިވާ ކަމަށެވެ. މިކަލަ ވާހަކަ މީގެ ކުރިްނ އެތައް ފަހަރަކު ތްރަމްޕް ބުނެފައި ވެއެވެ.
އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، މީގެ ނުވަ މަސް ކުރިން އެމެރިކާގެ ބީ-2 ބޮންއަޅާ ބޯޓުތަކުން އީރާނަށް ހަމަލާނުދިން ނަމަ، މިއަދު އެ ގައުމުން ނިއުކްލިއާ ހަތިޔާރު އުފައްދާފައިވާނެ ކަމަށެވެ. އަދި އަސްކަރީ ފިޔަވަޅު އެޅުމުގެ "ރަތް ރޮނގަކީ" އެމެރިކާއަށް ފައިދާނުވާ ފަދަ އެއްބަސްވުމަކަށް ދާންޖެހުން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މިހާރު އެކުލަވާލެވެމުންދާ އެއްބަސްވުމުގެ އޮނިގަނޑުގައި ހިމެނެނީ 60 ދުވަހުގެ މުއްދަތަކަށް ހަމަލާ ބަދަލުކުރުން ހުއްޓާލުމާއި، ހުރްމުޒް ކަނޑުއޮޅިން ދަތުރުފަތުރު ކުރުމުގެ މިނިވަންކަން އަލުން ގާއިމްކުރުމެވެ. މީގެ އިތުރުން އީރާނުގެ ނިއުކްލިއާ މައްސަލައިގައި އިތުރު މަޝްވަރާތަކަށް ފުރުސަތު ހުޅުވާލުންވެސް މި އެއްބަސްވުމުގައި ހިމެނެއެވެ.
އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ވިދާޅުވީ، އީރާނާއެކު އަދި ރަސްމީ އެއްބަސްވުމަކަށް ނާދެވޭ ކަމަށާއި ނަމަވެސް ދެ ގައުމުގެ ދެމެދުގައި ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ. ވެންސް ވަނީ މިދިޔަ އޭޕްރީލް މަހު ޕާކިސްތާނުގެ އިސްލާމްއާބާދުގައި އީރާނާއެކު ބޭއްވި މަޝްވަރާތަކުގައި އިސްކޮށް ހަރަކާތްތެރިވެފައެވެ.
އޭނާ އިތުރަށް ވިދާޅުވީ، އެއްބަސްވުމަކަށް ދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަމެއް އަދި ނެތް ނަމަވެސް، މިހާރުގެ ހާލަތަށް ބަލާއިރު އޭނާ ހުންނެވީ ވަރަށް ބޮޑަށް އުންމީދާއެކު ކަމަށެވެ.






