ކަރަން ޖޯހަރް، ޝާހްރުކް ޚާނާއި ކަރީނާ އަދި ބޮލީވުޑްގެ ގިނަ ތަރިންތަކެއް އަންފޮލޯ ކޮށްފި

ބޮލީވުޑްގެ މަޝްހޫރު ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ކަރަން ޖޯހަރް، އޭނާގެ ގާތް އެކުވެރިން ކަމަށްވާ ޝާހްރުކް ޚާނާއި ކަރީނާ ކަޕޫރު ހިމެނޭހެން ބޮލީވުޑްގެ ގިނަ މަޝްހޫރު ފަންނާނުންތަކެއް އިންސްޓަގްރާމުން އަންފޮލޯ ކޮށްފިއެވެ.

އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ކަރަން އަންފޮލޯ ކުރި ތަރިންގެ ތެރޭގައި ޝާހްރުކް ޚާން، ކަރީނާ ކަޕޫރު، އާލިއާ ބަަޓް، ކާތިކް އާރިއަން، އަނަންޔާ ޕާންޑޭ، ވަރުން ދަވަން އަދި ސިދާތު މަލްހޯތުރާ ހިމެނެއެވެ. މީގެ އިތުރުން މަޝްހޫރު ޑިޒައިނަރު މަނީޝް މަލްހޯތުރާ ވެސް ވަނީ އަންފޮލޯ ކޮށްފައެވެ. މި ބަދަލާއެކު ކަރަން ފޮލޯކުރާ މީހުންގެ އަދަދު މިހާރު ވަނީ 74 އަށް މަދުވެފައެވެ. ނަމަވެސް އޭނާ އަދިވެސް ޕްރިޔަންކާ ޗޯޕްޅާ ފޮލޯ ކުރެއެވެ.

މިކަމާ ގުޅިގެން ކަރަން ޖޯހަރް އިންސްޓަގްރާމްގައި ހިއްސާކުރި ސްޓޯރީއެއްގައި ބުނެފައިވަނީ، "އަހަރެން އެންމެން އަންފޮލޯ ކުރަމުން މިދަނީ އިންސްޓަގްރާމްގައި ހޭދަކުރާ ވަގުތާއި ހަކަތަ މަދުކުރުމަށެވެ. މިއީ ގައުމީ ޚަބަރަކަށް ނުހަދާށެވެ. މިއީ އެހާ މުހިންމު ކަމެއް ނޫނެވެ."

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ކަރަންގެ މި ނިންމުމަކީ އެއްވެސް މީހަކާ ޖެހުނު މައްސަލައެއްގެ ސަބަބުން ނިންމި ނިންމުމެއް ނޫނެވެ. މިއީ ހަމައެކަނި ސޯޝަލް މީޑިއާ ސްޓްރެޓެޖީއެއްގެ ދަށުން ނިންމި ނިންމުމެއް ކަމަށް ބެލެވެއެވެ.

ހިއްސާ ކުރައްވާ!