މިހާރު އިންޑިއާއަށް ދިއުމުގެ ކުރިން ދިވެހީން ވެސް ސެލްފް ޑެކްލަރޭޝަން ފޯމް ހުށަހަޅަންޖެހޭ

އިންޑިއާއަށް ދަތުރުކުރާ ދިވެހީން ހިމެނޭ ގޮތަށް ހުރިހާ ފަސިންޖަރުންވެސް ދަތުރު ކުރުމުގެ ކުރިން ސެލްފް-ޑިކްލެރޭޝަން ފޯމު ފުރަން ޖެހޭ ގޮތަށް އެ ގައުމުގެ ޑައިރެކްޓަރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން (ޑީޖީސީއޭ) އިން ހަމަޖައްސައިފިއެވެ. މި ނިންމުމަކީ ބައިނަލްއަގުވާމީ ފެންވަރުގައި ސިއްހީ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެޅި ފިޔަވަޅެކެވެ.

މިގޮތަށް ކަނޑައެޅީ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރްސީ) ގައި ފެތުރެމުންދާ އިބޯލާ ވައިރަހާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން މުޅި ދުނިޔެއަށް ހެލްތު އިމަޖެންސީ އިއުލާނުކުރުމާ ގުޅިގެންނެވެ. ޑީޖީސީއޭ އިން އެއާލައިންތަކަށް ކަނޑައެޅި އާ އެސްއޯޕީގެ ދަށުން، އިންޑިއާއަށް އެތެރެވާ ހުރިހާ ފަރާތްތަކުން މި ފޯމު ފުރިހަމަ ކުރަން ޖެހޭނެއެވެ.

މި ފިޔަވަޅުގެ މައިގަނޑު ބޭނުމަކީ ބަލިޖެހިފައިވާ މީހުން ދުރާލައި ދެނެގަނެ، ފަސިންޖަރުންގެ ފަރާތުން ބޭނުންވާ މައުލޫމާތު ހޯދުމެވެ. މީގެ އިތުރުން އެއާޕޯޓުތަކުގައި ބަލިތައް މޮނިޓާކުރުމުގެ ނިޒާމު އިތުރަށް ވަރުގަދަކޮށް، ރައްކާތެރިކަން ދެމެހެއްޓުމަކީ ވެސް މި ނިންމުމުގެ މަގްސަދެކެވެ.

ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަނުން ވެސް ވަނީ އިންޑިއާއަށް ދަތުރުކުރާ ދިވެހި ފަސިންޖަރުން މިކަމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފައެވެ. އެ އެއާލައިނުން ބުނި ގޮތުގައި، "މި ފިޔަވަޅު އަޅާފައިވަނީ ޑަބްލިއުއެޗްއޯއިން އެބޯލާ ބަލި، ބައިނަލްއަގުވާމީ ފެންވަރުގައި އާންމު ސިއްހަތަށް އޮތް ކުއްލި ނުރައްކަލެއްގެ ގޮތުގައި ކަނޑައެޅުމާ ގުޅިގެން ރައްކާތެރިކަމުގެ ގޮތުން" ކަމަށެވެ.

އެހެންކަމުން، އިންޑިއާއަށް ދަތުރުކުރާ ދިވެހިން ދަތުރުގެ އިންތިޒާމުތައް ހަމަޖައްސާއިރު، މި ސެލްފް ޑެކްލަރޭޝަން ފޯމު ފުރިހަމަކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަކީ ދަތުރުމަތީގައި ދިމާވެދާނެ ދަތިތަކުން ސަލާމަތްވުމަށް މުހިންމު ކަމެކެވެ.

ހިއްސާ ކުރައްވާ!