އދ. ގެ އަހަރީ ރިޕޯޓެއްގައި ބަޔާންކޮށްފައިވާ ގޮތުން، ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭސް ވަނީ އިޒްރޭލާއި ރަޝިޔާގެ ހަތިޔާރު އެޅި ފައުޖުތަކާއި ސަލާމަތީ ބާރުތަކުން ހިންގާ "ޖިންސީ އަނިޔާގެ ވަކި ބާވަތްތަކެއްގެ އަމަލުތަކާ" މެދު އޭނާގެ ހިތްޕުޅުގައި ބޮޑެތި ކަންބޮޑުވުންތަކެއް ހުރިކަމުގެ އިންޒާރު އަންގާރަ ދުވަހު އެ ދެ ގައުމަށް ދެއްވާފައެވެ.
ހަމަނުޖެހުންތަކާ ގުޅުންހުރި ޖިންސީ އަނިޔާތަކާ ބެހޭގޮތުން އދ. ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅުއްވި ރިޕޯޓުގައި ގުޓެރޭސް ވަނީ ތެލް އަވީވްއާއި މޮސްކޯއަށް "އިންޒާރެއް" ދެއްވާފައެވެ. އެއީ "އިލްތިޒާމްތަކާ ހިލާފަށް ރޭޕްކުރުން ނުވަތަ އެނޫންވެސް ޖިންސީ އަނިޔާގެ އަމަލުތައް ހިންގާ ކަމަށް، ނުވަތަ އެފަދަ ކަންކަމުގެ ޒިންމާ އުފުލަންޖެހޭ ކަމަށް ޝައްކުކުރެވޭ" ފަރާތްތަކުގެ ލިސްޓުގައި އަންނަ އަހަރު އެ ދެ ގައުމު ހިމަނައިފާނެ ކަމުގެ އިންޒާރެވެ.
މި އިންޒާރު ދެއްވާފައިވަނީ "އދ. އިން މެދުނުކެނޑި ޑޮކިއުމެންޓް ކުރަމުންދާ ޖިންސީ އަނިޔާގެ ވަކި ހާއްސަ ބާވަތްތަކެއްގެ އަމަލުތަކާ މެދު އުފެދިފައިވާ ބޮޑެތި ކަންބޮޑުވުންތަކުގެ" ސަބަބުންނެވެ.
އދ. ގެ އެކްސްޕާޓުން ވިދާޅުވެފައިވާ ގޮތުގައި އިޒްރޭލުން ދަނީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ނަސްލު ނައްތާލުމުގެ އަމަލުތައް ހިންގަމުންނެވެ. އަދި ޣައްޒާގައި ކުރަމުންދާ ހަނގުރާމައިގައި ޖިންސީ އަނިޔާ އަކީ ހަރުކަށި އުކުޅެއްގެ ގޮތުގައި ބޭނުންކުރަމުންދާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
މި ރިޕޯޓުގައި ހަމާސް ޖަމާއަތާ މެދު ކޮށްފައިވާ ތުހުމަތުތަކަށް ރައްދު ދެއްވަމުން، އެ ޖަމާއަތުގެ އިސްލީޑަރެއް ކަމަށްވާ ބާސިމް ނައީމް ރޮއިޓާސްއަށް ދެއްވި ބަޔާނެއްގައި އެކަން "ސާފުކޮށް ދޮގުކުރައްވައި" ވިދާޅުވިއެވެ: "މިއީ މި ފެސިސްޓް ސަރުކާރާއި އޭގެ ސިފައިން ޣައްޒާގައި އަޅުގަނޑުމެންގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލޭއޮހޮރުވުން ބޮޑު، އަދި މެދުނުކެނޑި ކުރިއަށްދާ ޖަރީމާތަކުން މީހުންގެ ސަމާލުކަން އަނބުރާލުމަށްޓަކައި އިތުރު ދޮގުތަކެއް ބޭނުންކުރުމަށް ކުރާ އާ މަސައްކަތްތަކެކެވެ."
އިޒްރޭލު ސިފައިންގެ އަމަލުތައް
އިޒްރޭލަށް ދެއްވި އިންޒާރުގައި ގުޓެރޭސް ވަނީ "އިޒްރޭލު ސިފައިންނާއި ސަލާމަތީ ބާރުތަކުން އެކި ޖަލުތަކާއި، ބަންދުކުރާ މަރުކަޒުތަކާއި، އަދި އަސްކަރީ ކޭމްޕްތަކުގައި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާފައިވާ ލާނުސާނީ އަމަލުތަކާ ބެހޭ އިތުބާރު ހުރި މައުލޫމާތުތަކާ މެދު އިންތިހާއަށް ކަންބޮޑުވުން" ފާޅުކުރައްވާފައެވެ.
"އދ. އިން ރެކޯޑްކޮށްފައިވާ ހާދިސާތަކުން އެނގޭ ގޮތުގައި، ޖިންސީ ގުނަވަންތަކަށް އަމާޒުކޮށްގެން ދޭ އަނިޔާތަކާއި، މަޖުބޫރުން ގިނައިރި ވަންދެން އޮރިޔާންކުރުން، އަދި އިހާނެތި ގޮތްގޮތަށް ތަކުރާރުކޮށް އޮރިޔާންކޮށްގެން ބަލައި ފާސްކުރުން ފަދަ ޖިންސީ އަނިޔާގެ އަމަލުތައް ހިންގާފައިވެއެވެ." އޭނާ ރިޕޯޓުގައި އިތުރަށް ވިދާޅުވިއެވެ.
ގުޓެރޭސް ފާހަގަކުރެއްވި ގޮތުގައި، ވޭތުވެދިޔަ އަހަރުގެ ތެރޭގައި ހަނގުރާމަތަކުގައި ހިންގާ ޖިންސީ އަނިޔާތަކާ ބެހޭ އޭނާގެ ހާއްސަ މަންދޫބާ އިޒްރޭލުގެ ކަމާބެހޭ ފަރާތްތަކުން މުއާމަލާތް ކުރި ނަމަވެސް، އިޒްރޭލު ސިފައިން މިފަދަ ލާއިންސާނީ އަމަލުތައް ހިންގި ކަމުގެ ހެކިންގެ ބަޔާންތަކާއި ޑިޖިޓަލް ހެކިތައް ހުރިކަމުގައި ވީނަމަވެސް، މި ހާދިސާތަކާ ގުޅިގެން ޒިންމާދާރުކުރުވުމަށް އަޅާފައިވާ ފިޔަވަޅުތަކާ ބެހޭގޮތުން އެފަރާތުން ދީފައިވާ މައުލޫމާތުތަކަކީ ވަރަށް މަދު މައުލޫމާތުތަކެކެވެ.






