އިބްރާހީމްގެފާނުގެ މިސްކިތް ބަންދުކޮށްފި

އިޒްރޭލުގެ ޖެނޮސައިޑް ސިފައިން ހުކުރު ދުވަހު، ފަލަސްތީނުގެ ރައްޔިތުންނަށް ވަދެނުދެވޭ ގޮތަށް ހުޅަނގު އައްސޭރީގެ ޚަލީލުގައި ހުންނަ އަލްހަރަމުލް އަލްއިބްރާހީމީ (އިބްރާހީމްގެފާނު ފަސްދާނު ލެވިފައިވާ މިސްކިތް) އިތުރު އެންގުމެއް އެންގުމާ ހަމައަށް ބަންދުކޮށްފިއެވެ. މި އަވަށަށް ޚަލީލުގެ ނަން ދެވުނީވެސް އިބްރާހީމްގެފާނަށް ނިސްބަތް ކޮށެވެ.

އިބްރާހީމީ މިސްކިތުގެ މެނޭޖަރުގެ މަގާމު ވަގުތީގޮތުން ފުރައްވަމުންދާ ހައްމާމް އަބޫ މަރްޚިޔާ ވިދާޅުވީ، އިޒްރޭލު ސިފައިން ހެނދުނުގެ ވަގުތެއްގައި އައިސް މިސްކިތް ބަންދުކޮށް، އެތަނުގެ ގާޑުންނާއި، އާމިލުންނާއި، އަދި ނަމާދުކުރަން ތިބި މީހުން ގަދަކަމުން ކޮއްޕައި ނެރުމަށް މަޖުބޫރުކުރި ކަމަށެވެ. އޭނާ ސިފަކުރެއްވި ގޮތުގައި މިއީ މިސްކިތުގެ ހުރުމަތް ކަނޑާލުމުގެ ބޮޑު އަމަލެއްގެ އިތުރުން، މުސްލިމުންގެ އަޅުކަންކުރާ ތަންތަނަށް ދިއުމަށް އޮތް ހައްގަށް އަރައިގަތުމަށް ހިންގި އުދުވާނީ އަމަލެކެވެ.

މީގެ އިތުރުން އިޒްރޭލު ސިފައިން ވަނީ އެސަރަހައްދުގެ އަސްކަރީ ފިޔަވަޅުތައް ވަރުގަދަކޮށް، އިބްރާހީމީ މިސްކިތަށް ވަދެވެން ހުންނަ ހުރިހާ އަސްކަރީ ޗެކްޕޮއިންޓްތަކާއި އިލެކްޓްރޯނިކް ދޮރުތައް ބަންދުކޮށްފައެވެ.

ފަލަސްތީނުގެ މިނިސްޓްރީ އޮފް އައުގާފް އެންޑް ރިލިޖަސް އެފެއާޒްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ހަމަލާއަކީ އަޅުކަންކުރުމުގެ މިނިވަންކަމަށް އަރައިގަތް ނުރައްކާތެރި އަމަލެއް ކަމަށާއި، މުސްލިމުންގެ މުގައްދަސް ބިިމަށް ދިއުމަށް އޮތް ހައްގަށް ހުރަސްއެޅުމުގެ ސީދާ އަމަލެއް ކަމަށެވެ. އަދި މިއިން ދޭހަވަނީ މިސްކިތުގެ ދީނީ އަދި ތާރީޚީ ހާލަތަށް ބަދަލުގަނައުމަށް އިޒްރޭލުން މެދުނުކެނޑި ގެންގުޅޭ ސިޔާސަތު ކަމަށްވެސް ބުނެފައިވެއެވެ.

އެ މިނިސްޓްރީން ވަނީ މި އަނިޔާވެރި ފިޔަވަޅު ކުށްވެރިކޮށް، މިއީ "ނުރައްކާތެރި ކުރިއެރުމެއް" ކަމަށާއި ދުނިޔޭގެ އެކި ކޮޅުތަކުގައި ތިބި މުސްލިމުންގެ ވިންދާ ކުޅެލުމުގެ ސާފު އަމަލެއްގެ ގޮތުގައި ސިފަކޮށްފައެވެ. އަދި މިގޮތަށް މިސްކިތް ބަންދުކުރުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި، އަޅުކަންކުރުމުގެ މިނިވަންކަމާއި މުގައްދަސް ތަންތަން ހިމާޔަތްކުރުމަށް ކަނޑައަޅާފައިވާ އެއްބަސްވުންތަކާ ކަނޑައެޅިގެން ޚިލާފު ކަމެއްކަން ފާހަގަކުރިއެވެ.

މިސްކިތުގެ އެތެރޭގައި އާ ހާލަތެއް ގާއިމުކުރުމުގެ މަގްސަދުގައި ރޭވުންތެރިކަމާއެކު ހިންގާ މިފަދަ އަމަލުތައް ކުރިއަށްދާނަމަ ނިކުމެދާނެ ނުރައްކާތެރި ނަތީޖާތަކާ މެދު މިނިސްޓްރީން ވަނީ އިންޒާރު ދީފައެވެ. އަދި ބައިނަލްއަގުވާމީ ފަރާތްތަކާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ވަގުތުން ފިޔަވަޅު އަޅައި، މިފަދަ އަމަލުތައް ހުއްޓުވުމަށާއި، އެއްވެސް ހުރަހެއްނެތި ނަމާދުކުރާ މީހުންނަށް މިސްކިތް ހުޅުވައިދިނުން ކަށަވަރުކުރުމަށް ވަނީ ގޮވާލާފައެވެ.

ހިއްސާ ކުރައްވާ!