ޔަހޫދީޯ ޖެނޮސައިޑް ރެޖީމްގެ ޖަލުތައް ޖިންސީ ގޯނާގެ އައްޑާއެއް

އިނގިރޭސިވިލާތުގެ "ދަ އިކޮނޮމިސްޓް" މަޖައްލާގެ ފަހުގެ ރިޕޯޓެއްގައި، ޔަހޫދީޯ ޖެނޮސައިޑް ރެޖީމް ގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިޓަމާރް ބެން-ގްވީރް މަގާމާ ހަވާލުވިފަހުން އެގައުމުގެ ޖަލުތަކުގެ ހާލަތު އިންތިހާއަށް ދަށަށް ގޮސްފައިވާކަމުގެ މައްޗަށް އަލިއަޅުވާލައިފިއެވެ.

މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން، ހައްދުފަހަނަޅާފައިވާ ޓެރަރިސްޓް މިނިސްޓަރު ދަނީ ހައްޔަރުކޮށްފައިވާ މީހުންނަށް އޭނާ ކުރިމަތިކުރުވަމުންދާ އަނިޔާވެރިކަމާއި ބަނޑުހައިހޫނުކަމުގެ ނިޒާމާމެދު ފާޅުގައި ފަޚުރުވެރިވަމުންނެވެ. އަދި އޭނާ ދަނީ އަސީރުންގެ ވޭނާއި ކެކުޅުންތައް، އޭނާގެ ޕާޓީ "ޖުވިޝް ޕަވަރ" ގެ އިންތިޚާބީ ކެމްޕެއިނަށް ބޭނުންކުރަމުންނެވެ.

ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުން ކަނޑުފޭރިގަތް "ފްލޮޓިލާ ޞުމޫދު" ގެ އެކްޓިވިސްޓުންނަށް މަލާމާތްކޮށް ބެން-ގްވީރް އަމިއްލައަށް އާންމުކޮށްފައިވާ ވީޑިއޯއަކަށް މި މަޖައްލާއިން ވަނީ ހަވާލާދީފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި، އަޝްދޫދު ބަނދަރުގައި އެކްޓިވިސްޓުން ތިބީ ބިޑިއަޅުވައި، ކުޑަކަކޫ މައްޗަށް ތިރިކުރުވާފައެވެ. އަދި އޮފިސަރުންނަށް ރަހީނުންނަށް އަނިޔާކުރުން ކުރިއަށް ގެންދިއުމަށް ހިތްވަރުދެމުން، "އަހަރެމެންނަކީ މި ބިމުގެ ސާހިބުންނޭ" ބުނެ ޓެރަރިސްޓް ކަލޭގެ ބޮޑާކަމާއެކު ބަސްތައް ރައްދުކުރާތަން ފެނެއެވެ.

މި މަންޒަރުތަކާ ގުޅިގެން ހުޅަނގުގެ ސަރުކާރުތަކުން ބައިނަލްއަގުވާމީ ފެންވަރެއްގައި ޔަހޫދީޯ ޖެނޮސައިޑް ރެޖީމްގެ މިއަމަލު ކުށްވެރިކޮށް ނުރުހުން ފާޅުކުރި ނަމަވެސް، ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ފަރާތުން ފެނިގެންދިޔައީ ހަމައެކަނި ދުލުކުރިން ދިން އިންޒާރެކެވެ. ނަތަންޔާހޫ ސިފަކުރި ގޮތުގައި އޭނާގެ މިނިސްޓަރުގެ އަމަލުތަކަކީ "އިޒްރޭލުގެ އުސޫލުތަކާ" ފުށުއަރާ ކަންތައްތަކެކެވެ. އެހެންނަމަވެސް، އެއްވެސް އަދަބެއް ދިނުމަށް ނުވަތަ މަގާމުން ވަކިކުރާނެކަމުގެ އިންޒާރެއް ދިނުމަށް އޭނާ ފަސްޖެހުނެވެ.

ރިޕޯޓުގައި ކަށަވަރުކޮށްދީފައިވާ ގޮތުން، ސިޔާސީ ގޮތުން ނަތަންޔާހޫއަށް އޭނާގެ ބޭނުންތެރިކަން އޮތް މިންވަރު ބެން-ގްވީރަށް ވަރަށް ރަނގަޅަށް އެނގެއެވެ. މީގެ ސަބަބުން އޭނާގެ ހައްދުފަހަނަޅާފައިވާ އަމަލުތައް ކުރިއަށްގެންދިއުމަށް އޭނާއަށް ވަނީ ފެހި ސިގްނަލެއް ލިބިފައެވެ. 2022 ވަނަ އަހަރު ނަތަންޔާހޫ އަލުން ވެރިކަމަށް އައި ފަހުން، ބެން-ގްވީރު ވަނީ ކޯލިޝަން ސަރުކާރުގެ ވަރަށް މުހިންމު ތަނބަކަށް ވެފައެވެ. އަދި އޭނާގެ ސިޔާސީ ތާއީދުގެ އިނާމެއްގެ ގޮތުން ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރުކަން ވަނީ އޭނާއަށް ދީފައެވެ.

ޖަލުތަކުގެ ހާލަތާއި އަސީރުންނަށް ދޭ އަނިޔާ

7 އޮކްޓޯބަރު 2023 ގައި ހަނގުރާމަ ފެށުނީއްސުރެ، ބެން-ގްވީރް ވަނީ ބަދަލުހިފުމުގެ ފުޅާ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މީގެ ތެރޭގައި ހިމެނެނީ:

  • ތަކެތި އަތުލުމާއި ކާނާ މަދުކުރުން: އަސީރުންގެ އަތުން އެންމެ އާދައިގެ ތަކެތި އަތުލުމާއި ކާންދޭ މިންވަރު މަދުކުރުން. އިޒްރޭލުގެ ސުޕްރީމް ކޯޓުން ސިފަކޮށްފައިވާ ގޮތުގައި މި ކާނާއަކީ އިންސާނަކު ދިރިހުރުމަށް ބޭނުންވާ އެންމެ މަދު މިންވަރަށްވުރެ ވެސް މަދު މިންވަރެކެވެ. މީގެ ސަބަބުން، ދޫކޮށްލެވޭ މީހުންގެ ހަށިގަނޑުން އިންތިހާއަށް އަނަރޫފަވުމުގެ ނިޝާންތައް ދަނީ ފެންނަމުންނެވެ.

  • މަރުގެ ހާދިސާތައް އިތުރުވުން: "ފިޒީޝަންސް ފޯ ހިއުމަން ރައިޓްސް" ޖަމާއަތާ ހަވާލާދީ މަޖައްލާގައި އާންމުކޮށްފައިވާ ސިހުންގެނުވާފަދަ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ހަނގުރާމައިގެ ފުރަތަމަ ދެ އަހަރުގެ ތެރޭގައި ފަލަސްތީނުގެ މަދުވެގެން 98 ރަހީނުން ވަނީ މަރުވެފައެވެ.

  • ފަރުވާއިން މަހުރޫމްކުރުން: އެ ޖަމާއަތުން މި މަރުތަކުގެ ސަބަބު ގުޅުވާފައިވަނީ، ރަހުމްކުޑަ ގޮތަކަށް ތެޅުމާއި، ރޭވުންތެރިކަމާއެކު ބޭސްފަރުވާއިން މަހުރޫމްކުރުމާއި، އަދި ރެޑް ކްރޮސްއާއި ވަކީލުންނާ ބައްދަލުކުރުން މަނާކުރުމާއެވެ.

އޭނާގެ ބާރު އިތުރަށް ގަދަކުރުމަށް އެޅި ފިޔަވަޅެއްގެ ގޮތުން، ޔަހޫދީޯ ޖެނޮސައިޑް ރެޖީމްގެ ގާނޫނުން ލާޒިމުކުރާ ޖަލުތަކުގެ ގާނޫނީ އިންސްޕެކްޝަންތައް ބެން-ގްވީރް ވަނީ މަނާކޮށްފައެވެ. އޭގެ ބަދަލުގައި އޭނާ ހަމަޖައްސާފައިވަނީ އޭނާއަށް ތާއީދުކުރާ ނޫސްވެރިންނަށް ޖަލުތައް ދައްކާލުމުގެ ޓުއާތަކެކެވެ. މި ޓުއާތަކުގެ މަގްސަދަކީ، އަސީރުންގެ ނަފްސާނީ ދުޅަހެޔޮކަން ނަގާލުމަށްޓަކައި އަޑުގަދަ މިއުޒިކް ޖަހައި، ގިނަ އިރުތަކެއް ވަންދެން ބިޑިއަޅުވައި، އިހާނެތި ހާލަތްތަކުގައި ތިއްބާ ފޮޓޯއާއި ވީޑިއޯ ނެގުމެވެ.

ހިއްސާ ކުރައްވާ!