ވޯލްޑް އެސޯސިއޭޝަން އޮފް ނިއުސް ޕަބްލިޝާސް (ވާން-އިފްރާ) އިން ދޭ ނޫސްވެރިކަމުގެ މިނިވަންކަމުގެ ޝަރަފުވެރި އެވޯޑް، "ގޯލްޑަން ޕެން އޮފް ފްރީޑަމް" ހޯމަ ދުވަހު ޣައްޒާގައި މަސައްކަތްކުރާ ފޮޓޯގްރާފަރުންނާއި ވީޑިއޯ ޖާނަލިސްޓުންނަށް ދނުމަށް ވަނީ ނިންމާފައެވެ. މި ނިންމުމަކީ، އިންތިހާއަށް ދަތި އިންސާނީ ހާލަތްތަކެއްގައި، އެމީހުންގެ ފުރާނަ އަތްމައްޗަށް ލައިގެން މައިދާނުގެ އެންމެ އެތެރެއިން ހަގީގަތް ގެނެސްދީ، ހިނގަމުންދާ ހަނގުރާމައިގެ ކަންކަން ރެކޯޑުކުރުމަށް އެ ފަރާތްތަކުން ކުރަމުންދާ އާދަޔާޚިލާފު މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ނިންމި ނިންމުމެކެވެ.
އެ ޖަމާއަތުން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، ޣައްޒާގެ ނޫސްވެރިންގެ ޓީމުތަކުން ވަނީ ވޭތުވެދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި، ފަލަސްޠީނުގެ ޖެނޮސައިޑާއި ކެކުޅުން ތަޖުރިބާކޮށްފައެވެ. އަދި މި ފަންނުވެރިންނަކީ ހަމައެކަނި މި ހަނގުރާމަ ތާރީޚަށް ޓަކައި ލިޔެ ރެކޯޑުކުރާ ބައެއް ނޫން ކަމަށާއި، އޭގެ ބަދަލުގައި އެމީހުންނަކީ ފެށުނީއްސުރެ ސަރަހައްދަށް ހިޔަނިއަޅާފައިވާ މި ލޭއޮހޮރުވުން ބޮޑު ހަނގުރާމައިގެ ޝިކާރައަކަށް ވެފައިވާ ބައެއްކަންވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ނޫސްވެރިންނަށް ހުރި ހުރަސްތައް
ޔަހޫދީ ޖެނޮސައިޑް ރެޖީމްގެ ކަމާބެހޭ ފަރާތްތަކުން އަޅާފައިވާ ހުރަސްތަކަށް އަލިއަޅުވާލަމުން އެ ޖަމާއަތުން ބުނީ، ޔަހޫދީ ޖެނޮސައިޑް ރެޖީމްގެ އަސްކަރީ އޮޕަރޭޝަންތައް ފެށުނީއްސުރެ ބޭރުގެ ނޫސްވެރިންނަށް ޣައްޒާއަށް ވަނުން މަނާކޮށްފައިވާ ކަމަށެވެ. ޣައްޒާއަށް ވަނުމުގެ ހުއްދަ ލިބުނީ ހަމައެކަނި ޔަހޫދީ ޖެނޮސައިޑް ރެޖީމްގެ ސިފައިންގެ ސަލާމަތީ ބެލުމުގެ ދަށުން ވަރަށް ކުރު އަދި ހިފެހެއްޓުންތަކެއް ހުރި ދަތުރުތަކެއް ކުރުމަށް މަދު ނޫސްވެރިންކޮޅަކަށް ކަމަށްވުމާއެކު، ޚަބަރު ފެތުރުމުގެ އެންމެ ބޮޑު ބުރައެއް އުފުލަންޖެހުނީ ޣައްޒާގެ ލޯކަލް ނޫސްވެރިންނަށް ކަމަށްވެސް އެ ޖަމާއަތުން ސާފުކޮށްދިނެވެ.
މިއެވޯޑު ހަވާލުކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ފްރާންސްގެ ދެކުނުގައި އޮންނަ އައްސޭރިފަށުގެ ސިޓީއެއް ކަމަށްވާ މާސޭގައެވެ. މި ރަސްމިއްޔާތުގައި އޭއެފްޕީ، އޭޕީ އަދި ރޮއިޓާސް ފަދަ ބައިނަލްއަގުވާމީ ބޮޑެތި ނޫސް އެޖެންސީތަކުގެ މަންދޫބުންނަށް ޝަރަފު އެރުވޭނެއެވެ. އެގޮތުން ޝަރަފުވެރިކުރެވޭ ފަރާތްތަކުގެ ތެރޭގައި ފޮޓޯގްރާފަރު މުޙައްމަދު ޢަބްދު ހިމެނެއެވެ. މިއީ ޔަހޫދީ ޖެނޮސައިޑް ރެޖީމްން ހިސާރުކޮށްފައިވާ ސަރަހައްދުތަކުގެ އެތެރެއިން މައުލޫމާތާއި ފޮޓޯތައް ބޭރަށް ފޯރުކޮށްދިނުމުގައި އޭނާއާއި އޭނާގެ އެކުވެރިން އަދާކުރި ދައުރުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.
މި ޝަރަފު އެރުވެނީ ހަމައެކަނި ދުނިޔޭގައި ތިބި ނޫސްވެރިންނަކަށް ނޫނެވެ. އޮކްޓޯބަރު 2023 އިން ފެށިގެން އެމީހުންގެ ވާޖިބު އަދާކުރުމުގެ ތެރޭގައި އަނިޔާވި، ނުވަތަ ޝަހީދުވި އެކުވެރިންވެސް މިކަމުގައި ޝާމިލުވެއެވެ. މިކަން މިގޮތަށް ހަމަޖެހިފައިވަނީ، ހަމަނުޖެހުން ހިނގާ ސަރަހައްދުތަކުގައި ނޫސްވެރިކަމަށް ހުރި ގޮންޖެހުންތަކާ މެދު މަޝްވަރާކުރުމަށްޓަކައި ބައިނަލްއަގުވާމީ މީޑިއާގެ ބޮޑެތި ފަރާތްތަކާ ގުޅިގެން ވާން-އިފްރާއިން އިންތިޒާމުކުރާ 77 ވަނަ ވޯލްޑް ނިއުސް މީޑިއާ ކޮންގްރެސް ފެށުމާ ދިމާކޮށެވެ.
ތަފާސްހިސާބުތަކާއި އިންސާނީ ހާލަތު
ރިޕޯޓާސް ވިތައުޓް ބޯޑާސް ފަދަ ބައިނަލްއަގުވާމީ ޖަމާއަތްތަކުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން:
-
ޣައްޒާގައި ޔަހޫދީ ޖެނޮސައިޑް ރެޖީމްގެ ސިފައިންގެ ހަމަލާތަކުގައި 220 އަށްވުރެ ގިނަ ނޫސްވެރިން ވަނީ މަރާލާފައެވެ.
-
މީގެ ތެރެއިން މަދުވެގެން 70 ނޫސްވެރިންނަކީ މައިދާނުގައި މަސައްކަތްކުރަމުން ދަނިކޮށް ސީދާ އަމާޒުކޮށްގެން ދިން ހަމަލާތަކުގައި މަރާލާފައިވާ މީހުންނެވެ.
މި އަދަދުތަކުން ހާމަވެގެންދަނީ، ފަލަސްތީނުގެ ވާހަކަތައް ދުނިޔެއަށް ފޯރުކޮށްދިނުމަށް މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކުން އުފުލަންޖެހޭ ބޮޑެތި ނުރައްކާތަކެވެ.
އާންމު އިންސާނީ ހާލަތަށް ބަލާއިރު، ޣައްޒާގެ ސިއްހީ މަސްދަރުތަކުން ބުނާގޮތުގައި ހަމަލާތައް ފެށުނީއްސުރެ ޝަހީދުވި ފަލަސްތީނު މީހުންގެ އަދަދު ވަނީ 72,800 އަށްވުރެ މައްޗަށް ގޮސްފައެވެ. އަދި އޮކްޓޯބަރު 2025 ގައި އެންމެ ފަހުން އިއުލާނުކުރި ހަމަލާބަދަލުކުރުން ހުއްޓާލުމުގެ ފަހުންވެސް 900 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދު ކޮށްފައެވެ. މި މައުލޫމާތުތަކުން ކަށަވަރުކޮށްދެނީ، ހަމަޖެހުން ގާއިމުކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި މަސައްކަތްތަކެއް ކުރެވުނު ނަމަވެސް، ޣައްޒާގައި ޔަހޫދީ ޖެނޮސައިޑް ރެޖީމްގެ ލޭއޮހޮރުވުން މެދުނުކެނޑި ކުރިއަށްދާކަމެވެ. އަދި މިފަދަ ލާއިނުސާނީ އަމަލުތައް ރެކޯޑުކުރުމުގައި ނޫސްވެރިން އަދާކުރާ ދައުރުގެ މުހިންމުކަން މިކަމުން ދެގުނަ އިތުރުވެގެންދެއެވެ.






