ޓްރަމްޕްގެ ސިކުނޑީގެ އުނިކަމެއް ނެތްކަމަށް ރިޕޯޓްތަކުން ދައްކާ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޞިއްޙީ ޙާލަތު ވަރަށް ރަނގަޅުކަމަށާއި، ހިތާއި، ފުއްޕާމޭ އަދި ނާރުގެ ނިޒާމުގެ އިތުރުން މުޅި ހަށިގަނޑުގެ ޙަރަކާތްތައްވެސް ވަރަށް ރަނގަޅު ކަމަށް، މި ހަފްތާގައި ހެދި ޞިއްޙީ ތަހުލީލުތަކުގެ ނަތީޖާއާ ޙަވާލާދީ ވައިޓް ހައުސްއިން ނެރުނު މެމޯއެއްގައި ބުނެފިއެވެ.

ފާއިތުވި 13 މަސްދުވަހުގެ ތެރޭގައި ވޯލްޓަރ ރީޑް ނޭޝަނަލް މިލިޓަރީ މެޑިކަލް ސެންޓަރަށް ކުރެއްވި 3 ވަނަ ޒިޔާރަތަށްފަހު، އަންގާރަ ދުވަހު ޓްރަމްޕް ވިދާޅުވެފައިވަނީ "ހުރިހާ ކަމެއްވެސް ހުރީ ވަރަށް ފުރިހަމަކޮށް" ކަމަށެވެ.

އެމެރިކާގެ ރައީސްކަމާ ޙަވާލުވެވަޑައިގަތް އެންމެ އުމުރުފުޅުން ދޮށީ ބޭފުޅާކަމަށްވާ ޓްރަމްޕް، ގިނަ ފަހަރަށް އަމިއްލަފުޅަށް ސިފަކުރައްވަނީ، ކުރިން އެމަޤާމުގައި ހުންނެވި ޑިމޮކްރެޓިކް ޕާޓީގެ ޖޯ ބައިޑަންއަށްވުރެ ހަކަތަހުރި އަދި ދުޅަހެޔޮ ބޭފުޅެއްގެ ގޮތުގައެވެ. މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގެ ޤާބިލުކަމާމެދު ސުވާލުތަކެއް އުފެދިފައިވަނިކޮށް، ބައިޑަން މަޤާމުން ވަކިވެވަޑައިގަތީ މިދިޔަ އަހަރު އުމުރުފުޅުން 82 އަހަރުގައެވެ.

އެހެންނަމަވެސް، ޖުލައި 2025 ގައި ޓްރަމްޕްގެ ފައިގެ ކުޑަހުޅު ދުޅަވެފައިވާ މަންޒަރާއި، މޭކަޕުން ފޮރުވަން މަސައްކަތްކޮށްފައިވާ، ނޫފައިގަނެފައިވާ އަތެއް ފެންނަ ފޮޓޯތަކެއް ޢާންމުވުމަށްފަހު، މީހުން ބުނެފައި ވަނީ ޓްރަމްޕް ދިރިހުއްޓައި އެތެރެއިން ކުނި ވަނީ ކަމަށެވެ. އަދި ދާދިފަހުން އޭނާގެ ކަރުގައި ލައްތަކެއް ގޮތަށް ފިތްތަކެއް ނަގާފައިވާކަން ފެންނަ ފޮޓޯތަކަކާ ގުޅިގެން، އޭނާގެ ޞިއްޙީ ޙާލަތާމެދު ވަނީ އިތުރު ސުވާލުތަކެއް އުފެދިފައެވެ.

ހިއްސާ ކުރައްވާ!