ކެލިފޯނިއާގެ ކުރީގެ މޭޔަރަކު ޗައިނާ ސަރުކާރުގެ ޤަވާއިދާ ޚިލާފު އެޖެންޓެއްގެ ގޮތުގައި މަސައްކަތްކުރި ކަމަށް އިޢުތިރާފުވެއްޖެ އެވެ. ކެލިފޯނިއާގެ އާކޭޑިއާގެ ކުރީގެ މޭޔަރު އައިލީން ވޭންގ، ޗައިނާ ސަރުކާރުގެ ރަޖިސްޓްރީނުކުރާ އެޖެންޓެއްގެ ގޮތުގައި މަސައްކަތްކުރި ކަމަށް ފެޑެރަލް ކޯޓުގައި އިޢުތިރާފުވެއްޖެ އެވެ. ލޮސް އެންޖެލިސްގައި އޭނާ މިކަމަށް އިޢުތިރާފުވެފައިވާއިރު، ފެޑެރަލް ޤާނޫނުގެ ދަށުން އެމެރިކާ ސަރުކާރަށް އެންގުމަކާ ނުލައި، ޗައިނާގެ އޮފިޝަލުންގެ އިރުޝާދުގެ ދަށުން ބެއިޖިންގއަށް ފައިދާހުރި ކޮންޓެންޓް ޕްރޮމޯޓްކުރި ކަމަށް އޭނާ ވަނީ އެއްބަސްވެފައެވެ.
އުމުރުން 56 އަހަރުގެ ވޭންގގެ މައްޗަށް، ޤަވާއިދާ ޚިލާފަށް ބޭރުގެ އެޖެންޓެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ދަޢުވާ އުފުލާފައިވަނީ އޭޕްރީލް މަހުއެވެ. ޕްރޮސެކިއުޓަރުން ބުނާ ގޮތުގައި އޭނާ މި ޙަރަކާތްތައް ހިންގާފައިވަނީ 2020 އާއި 2022 އާ ދެމެދުގައެވެ. އެއީ 2022 ވަނަ އަހަރު އޭނާ އާކޭޑިއާގެ ސިޓީ ކައުންސިލަށް އިންތިޚާބުވުމުގެ ކުރިންނެވެ.
އޭނާ ވަނީ އޭރު ކައިވެނިކުރަން ހަމަޖެހިފައިހުރި ފަރާތް ޔާއޮނިންގ "މައިކް" ސަން އާއެކު ހިންގި 'ޔޫ.އެސް ނިއުސް ސެންޓަރ' ކިޔާ ވެބްސައިޓެއްގައި ބެއިޖިންގއަށް ތާއީދުކުރާ ލިޔުންތައް ޙިއްޞާކޮށްފައެވެ. ސަން ވަނީ މިދިޔަ އަހަރު ހަމަ މި ދަޢުވާއަށް އިޢުތިރާފުވުމާ ގުޅިގެން 4 އަހަރުގެ ޖަލު ޙުކުމެއް ތަންފީޛުކުރަން ފަށާފައެވެ.
ކޯޓުގެ ލިޔެކިޔުންތަކުގައި ފާހަގަކޮށްފައިވާ އެކަމުގެ އެއް މިސާލަކީ، ޒިންޖިއާންގގައި އުއިޣޫރު މުސްލިމުންނަށް ކުރާ އަނިޔާތަކަށް އިންކާރުކޮށް 2021 ވަނަ އަހަރު ލޮސް އެންޖެލިސްގައި ހުންނަ ޗައިނާގެ ކޮންސުލް ޖެނެރަލް ފޮނުވި ސިޓީއެކެވެ. ޗައިނާ ސަރުކާރުގެ އޮފިޝަލެއްގެ ފަރާތުން މި ސިޓީ ލިބުނުތާ މަދު މިނެޓުކޮޅެއްގެ ތެރޭގައި ވޭންގ ވަނީ އެ ސިޓީ އޭނާގެ ވެބްސައިޓުގައި ޝާއިޢުކޮށްފައެވެ. ބެއިޖިންގއިން އުއިޣޫރުންނާމެދު ޢަމަލުކުރާ ގޮތަކީ ޤަތުލުޢާންމެއް ކަމަށް އެމެރިކާއާއި އެހެނިހެން ބައެއް ސަރުކާރުތަކުން ވަނީ ރަސްމީކޮށް ކަނޑައަޅާފައެވެ.
މި މަހުގެ ކުރީކޮޅު ވޭންގ ވަނީ މޭޔަރުކަމުން އިސްތިޢުފާދީފައެވެ. އޭނާގެ ވަކީލުން ބުނި ގޮތުގައި ވޭންގއަށް އޮޅުވާލާފައިވަނީ ސަން އެވެ. އަދި ވޭންގގެ މި ޢަމަލުތަކަކީ "ނުބައި މީހަކަށް ކުރެވުނު އިތުބާރާއި ލޯބީގެ" ނަތީޖާކަމަށް ވަކީލުން ސިފަކުރިއެވެ. އޮކްޓޯބަރު 6 ގައި އޭނާގެ މައްޗަށް ޙުކުމް އިއްވާއިރު، 10 އަހަރާ ހަމައަށް ޖަލަށްލުމާއެކު 3 އަހަރުގެ ސުޕަވައިޒްޑް ރިލީސްއެއް އައުން އެކަށީގެންވެއެވެ. އޭނާ މިހާރު ހުރީ 25,000 ޑޮލަރުގެ ބޮންޑެއްގެ ދަށުން ކަފާލާތުގެ އުސޫލުން ދޫކޮށްލާފައެވެ.
އާކޭޑިއާގެ އޮފިޝަލުން ބުނި ގޮތުގައި މީގެ ކުރިން އޭނާ މަޤާމުން ވަކިނުކުރެވުނީ، ސިޓީގެ ޗާޓަރުގައިވާ ގޮތުން ކުށެއް ސާބިތުވުމަށްފަހު މެނުވީ މަޤާމުން ވަކިނުކުރެވޭތީއެވެ. އެކްޓިންގ މޭޔަރު ޕޯލް ޗެންގް ވިދާޅުވީ، އެފްބީއައިގެ ތަޙުޤީޤު ކުރިއަށްދަނިކޮށް މި މައްސަލަ ސިޔާސީ ކުރުމަކީ ފެޑެރަލް އިދާރާތަކުގެ މަސައްކަތަށް ހުރަސްއެޅޭނެ ކަމެއް ކަމަށެވެ.






