ބަނގްލަދޭޝަށް 2024 ވަނަ އަހަރު އައި ސިޔާސީ ބަދަލުތަކާއި އިންތިޚާބުކުރެވުނު އައު ސަރުކާރާއެކުވެސް، ބަންގްލަދޭޝް އަދިވެސް އޮތީ ދިގުދެމިގެންވާ ބޭއިންސާފުގެ ދަލެއްގައި ޖެހިފައި ކަމަށް އިޤްތިޞާދީ މާހިރު އަނޫ މުޙައްމަދު ބުނެއެވެ. އޭނާގެ ތަހުލީލެއްގައި ޑެއިލީ ސްޓާގައި ފާހަގަކޮށްފައިވާ ގޮތުގައި، 2024 ގެ އުތުރިއެރުމަށް މެދުވެރިވި އަނިޔާވެރި އަމަލުތައް، އޭގެ ފަހުން އައި ސަރުކާރުތަކުގެ ދަށުންވެސް ތަފާތު ގޮތްގޮތަށް ކުރިއަށް ދެއެވެ.
ލިޔުމުގައި ފާހަގަކޮށްފައިވާ ގޮތުގައި ޙަސީނާގެ ސަރުކާރުގައި، މީހުން ނިޒާމުން ގެއްލުވާލުމާއި، ޝަރީޢަތަކާ ނުލައި މީހުން މެރުމާއި، ޤާނޫނާ ޚިލާފަށް ހައްޔަރުކުރުން އަދި ޝަރުޢީ ނިޒާމު ސިޔާސީ ކުރުމުގެ ސަބަބުން ރައްޔިތުންގެ ރުޅިވެރިކަން ދިޔައީ އިތުރުވަމުންނެވެ. މިކަންކަމުގެ ސަބަބުން ކޯޓުތައް ބަލިކަށިވެ، ރައްޔިތުން ނިކަމެތިވެ، ގިނަ ބަޔަކު ޝަރީޢަތަކާ ނުލައި ބަންދުކޮށްފައި ތިބެންޖެހުނެވެ. 2024 ގެ އުތުރިއެރުމާއެކު، މިފަދަ އަނިޔާތައް ނިމުމަކަށް އައިސް، އަސާސީ ޙައްޤުތަކާއި ސަލާމަތްތެރިކަން އަލުން އިޢާދަވާނެކަމުގެ އުންމީދު އާލާވިއެވެ.
ނަމަވެސް، ތަހުލީލުގައި ބުނެފައިވާ ގޮތުގައި އިންތިޤާލީ ސަރުކާރަށް އެ އުންމީދުތައް ޙާޞިލުކޮށްދެވިފައެއް ނުވެއެވެ. އަދި ބޭއިންސާފު މަދުވުމުގެ ބަދަލުގައި ދިޔައީ ކުރިއަށެވެ. އާންމުން އެއްވެ ހިންގާ ހަމަނުޖެހުންތައް އިތުރުވެ، ޘަޤާފީ މަރުކަޒުތަކާއި، ޒިޔާރަތްތަކާއި އަދި ކުރެހުންތަކަށް ދެވުނު ޙަމަލާތަކާމެދު ކަމާބެހޭ ފަރާތްތަކުން އެކަށީގެންވާ ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. ބޮޑެތި މީޑިއާތަކާއި ޘަޤާފީ ޖަމާޢަތްތަކަށް ޙަމަލާދިން ފަހުންވެސް، އެކަންކަމުގެ ޒިންމާ އުފުލަންޖެހޭ ފަރާތްތަކާމެދު އެދެވޭ ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.
ޑިމޮކްރެޓިކް ޙައްޤުތަކުގެ ބޭނުންކުރާ ދަރިވަރުންނާއި އެކްޓިވިސްޓުން ހައްޔަރުކުރުމަށްޓަކައި، ޓެރަރިޒަމް މަނާކުރާ ޤާނޫނު ފަދަ ސާފުނޫން އިބާރާތްތަކުން ލިޔެފައިވާ ޤާނޫނުތައް އަދިވެސް ބޭނުންކުރަމުންދާކަން ލިޔުމުގައި ފާހަގަކޮށްފައިވެއެވެ. މީގެ ތެރޭގައި، މާރިޗު މަހު ޔުނިވަރސިޓީ ކެމްޕަހެއްގައި 'މާރިޗު 7 ގެ ތަޤްރީރު' ޖެހުމާ ގުޅިގެން ތިން ދަރިވަރަކު ހައްޔަރުކުރި މައްސަލަ ހިމެނެއެވެ.
ޙަސީނާގެ ވެރިކަމުގެ ދުވަސްވަރުން ފެށިގެން ނުނިމި ހުރި މައްސަލަތައް އަދިވެސް އޮތީ ހައްލުނުވެއެވެ. މީގެ ތެރޭގައި ތުވާކީ، ސާގަރް އަދި ރޫނީގެ މަރުގެ މައްސަލައާއި، މުނިއާގެ މަރުގެ މައްސަލަ ހިމެނެއެވެ. އާންމުންގެ ޕްރެޝަރު އޮތް ނަމަވެސް މި މައްސަލަތަކަށް މާބޮޑު ކުރިއެރުމެއް ލިބިފައެއް ނުވެއެވެ. އެނަލިސިސްގައި ބުނާ ގޮތުން މިއިން ދައްކުވައިދެނީ ޖަވާބުދާރީކުރުވުން ކަށަވަރުކުރުމުގައި އޮތް ބޮޑު ނާކާމިޔާބީއެކެވެ.
އަނިޔާވެރި ކުށްތަކާއި، ކުޑަކުދިންނަށް ކުރާ އަނިޔާ އަދި ޖިންސީ ގޯނާގެ މައްސަލަތައް، ޚާއްޞަކޮށް ތަޢުލީމީ މުއައްސަސާތަކުގައި އިތުރުވަމުންދާކަން ލިޔުމުގައި ފާހަގަކޮށްފައިވެއެވެ. އަދި މިކަންކަމުގައި ޖަވާބުދާރީކުރުވުމަށް ނުވަތަ ފުރައްސާރައާ ދެކޮޅަށް ހަދާފައިވާ ޕޮލިސީތައް ތަންފީޒުކުރުމަށް ކަމާބެހޭ ފަރާތްތަކުން އެކަށީގެންވާ ފިޔަވަޅު އަޅަމުން ނުދާކަންވެސް ފާހަގަކޮށްފައިވެއެވެ. އިންތިޤާލީ ދުވަސްވަރު މިނިވަންކަމުގެ ހަނގުރާމައިގެ ކުރެހުންތަކާއި ބިނާތަކަށް ދިން ގެއްލުންތަކާމެދު ފިޔަވަޅު އަޅާފައިނުވާއިރު، އެ ތަންތަން މަރާމާތުކުރުމަށް ނުވަތަ އެކަންކުރި ބަޔަކު ހޯދުމަށް މާބޮޑު މަސައްކަތެއް ކޮށްފައެއް ނުވެއެވެ.
ވެރިކަން ހިންގުމާ ގުޅޭގޮތުން ލިޔުމުގައި ބުނެފައިވަނީ، ދެފުށް ފެންނަ ސިޔާސަތުތަކާއި ޖަވާބުދާރީކުރުވުން އަދިވެސް އޮތީ ބަލިކަށިކޮށް ކަމަށެވެ. ބިންތައް ފޭރުމާއި، ޖަންގަލިތައް ހަލާކުކުރުމާއި، ކޯރުތަކަށް އަރައިގަތުމާއި އަދި ބިރުދައްކައިގެން ފައިސާ ހޯދުން ފަދަ ކަންކަން ކުރިއަށްދާއިރު، ގިނަ ވިކްޓިމުންނަށް އަދިވެސް އިންސާފު ލިބިފައެއް ނުވެއެވެ. ޤާނޫނުހަދާ މަޖިލީހުގައި ގިނަ މައްސަލަތަކަކާ ބެހޭގޮތުން ބަޙުސްކުރެވުނު ނަމަވެސް، ޝަރުޢީ ނިޒާމު އިޞްލާޙުކުރުމާއި، ކެމްޕަސްތަކުގެ ސަލާމަތްތެރިކަމާއި، އަދި ނުނިމި ހުރި ބޮޑެތި ޖިނާޢީ މައްސަލަތައް ފަދަ މުހިންމު ކަންކަމަށް އިސްކަންދީފައެއް ނުވެއެވެ.
އިންތިޚާބުގެ ދުވަސްކޮޅެއް ކުރިން އިންތިޤާލީ ސަރުކާރުން އެމެރިކާއާއެކު ސޮއިކުރި ވިޔަފާރީގެ އެއްބަސްވުމަކާ ގުޅޭގޮތުންވެސް ތަހުލީލުގައި ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އެ ލިޔުމުގައި ބުނާ ގޮތުން މި އެއްބަސްވުމުގެ ސަބަބުން ބަންގްލަދޭޝްގެ އިޤްތިޞާދީ މިނިވަންކަމަށް ނުރައްކާވެ، ދަނޑުވެރިކަމާއި، މަސްވެރިކަމާއި، ބޭހުގެ ސިނާޢަތާއި އަދި އައިޓީ ދާއިރާގައި މަސައްކަތްކުރާ އެތައް މިލިއަން މީހުންގެ ދިރިއުޅުމަށް ނުރައްކާ ކުރިމަތިވެދާނެއެވެ.
އިންޑިއާގެ ބޯޑަރ ސެކިއުރިޓީ ފޯސް އިން ބޯޑަރު ސަރަޙައްދުގައި މީހުން މެރުން ކުރިއަށްދާއިރު، މެއި މަހުވެސް އެތައް ބަޔަކު މަރުވިކަމަށް ރިޕޯޓުކޮށްފައިވެއެވެ. ކުރީގެ ސަރުކާރުތަކުން މިކަމާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިނުވާތީ ފާޑުކިޔުންތައް އަމާޒުވިކަން ފާހަގަކޮށް، އާންމުން އުންމީދުކުރަނީ އައު ބީއެންޕީ ސަރުކާރުން މިކަމުގައި ހަރުދަނާ ފިޔަވަޅުތަކެއް އަޅާނެކަމަށް ނަމަވެސް، އަދި އެފަދަ ހަރުދަނާކަމެއް ފެނިފައިނުވާކަމަށް ލިޔުމުގައި ބުނެފައިވެއެވެ.






