ދުނިޔޭގެ ގައުމުތަކަށް ވިސާގެ ޚިދުމަތް ފޯރުކޮށްދޭ އަމިއްލަ ކުންފުނި 'ވީއެފްއެސް ގްލޯބަލް' ގެ ފައިދާ އިތުރުވަމުންދާއިރު، ވީޒާ އައުޓްސޯސްކުރުމާ މެދު ކަންބޮޑުވުންތަކެއް އުފެދިއްޖެ އެވެ. ލެ މޮންޑް އަދި ލައިޓްހައުސް ރިޕޯޓްސް އިން ގުޅިގެން ދާދިފަހުން ކުރިއަށްގެންދިޔަ ބައިނަލްއަޤްވާމީ ތަޙުޤީޤަކުން، ވީޒާ ޕްރޮސެސްކުރުން ބޭރުގެ ކުންފުނިތަކާ ޙަވާލުކުރުމުގެ ސަބަބުން އުފެދިފައިވާ ނިޒާމާމެދު ވަނީ ސުވާލު އުފައްދާފައެވެ. މިއީ މާލީ ގޮތުން އެކުންފުންޏަށް ބޮޑު ފައިދާއެއް ލިބޭ ކަމެކެވެ. ނަމަވެސް ޤަވާއިދުތަކާއި އުޞޫލުތައް ބަލިކަށި ނިޒާމަކަށް ވުމާއެކު، އޭގެ ނޭދެވޭ އަސަރު އެތައް މިލިއަން ދަތުރުވެރިންނަށް ދަނީ ކުރަމުންނެވެ. މި ރިޕޯޓުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ، ފްރާންސް އއި ޔޫރަޕްގެ 71 ޤައުމެއްގެ ވީޒާ އެޕްލިކޭޝަންތައް މިހާރު ބަލަހައްޓަމުން އަންނަ އަމިއްލަ ކުންފުންޏެއް ކަމަށްވާ 'ވީއެފްއެސް ގްލޯބަލް' އަށެވެ.
މި ތަޙުޤީޤުން ހާމަވިގޮތުގައި، ވީޒާގެ ކަންކަން އައުޓްސޯސް ކުރުމުގެ ސަބަބުން ވަނީ އާންމުންނަށް އެހެން އިޚްތިޔާރެއް ނެތް މާކެޓެއް އުފެދިފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، ކުރިން ކޮންސިއުލޭޓްތަކުން ސީދާ ދެމުން އައި ޚިދުމަތްތަކަށް މިހާރު އެޕްލިކަންޓުން ޖެހެނީ ބޮޑު އަގު ދައްކާށެވެ.
ފަގީރު ޤައުމުތަކުގައި، އިތުރު ފީއެއް ނުދައްކައި އެޕޮއިންޓްމަންޓެއް ހޯދުމަކީ ވަރަށް ދަތި ކަމެއްކަމަށް ވީޒާއަށް އެދޭ ފަރާތްތަކުން ބުނެއެވެ. އަމިއްލަ ކުންފުނިތަކާ މިކަން ޙަވާލުކުރި ފަހުން، މި މުޅި ޕްރޮސެސް ކުރިއަށްވުރެ އަގުބޮޑުވެ، ހާމަކަން ކުޑަވެފައިވާކަމަށް ލެ މޮންޑް އަށް އިންޓަވިއު ދިން ބައެއް މީހުން ބުނެފައިވެއެވެ.
ރިޕޯޓަރުން ބަލާފައިވާ ލިޔެކިޔުންތަކުން ދައްކާގޮތުގައި، މި ނިޒާމު މޮނިޓަރކޮށް ބެލެހެއްޓުމުގައި ނިޒާމީ ބޮޑެތި ބަލިކަށިކަންތަކެއް ހުރިކަން ވަނީ ފާހަގަކުރެވިފައެވެ. އަދި ނިޒާމުގެ ބައެއް ހިސާބުތަކުގައި ކޮރަޕްޝަންގެ ޢަމަލުތައް ހިންގާކަމުގެ ތުހުމަތުތައްވެސް ވަނީ ފެންމަތިވެފައެވެ. މީހުންގެ ވިސާ އެޕްލިކޭޝަން ދިގު މުއްދަތަށް ފިޔަވަޅެއ ްނާޅައި ބެހެއްޓުމާއި ފަރުވާ ކުޑަ ކުރާ ކަމަށް ޝަކުވާ ކޮށްފައި ވއެވެ.
ޚަރަދު ކުޑަކުރުމުގެ ބޭނުމުގައި ގިނަ ސަރުކާރުތަކަކުން ވީޒާ ބަލައިގަތުމުގެ މަސައްކަތް އައުޓްސޯސް ކޮށްފައިވާކަންވެސް މި ތަޙުޤީޤުގައި ފާހަގަކޮށްފައިވެއެވެ. ނަމަވެސް މި ބަދަލުގެ ސަބަބުން، ކުރިން ސީދާ ދައުލަތްތަކުގެ ބާރުގެ ދަށުން އަދާކުރަމުން އައި ޒިންމާތަކެއް އަމިއްލަ ކުންފުނިތަކުން އަދާކުރާ، ޤާނޫނީ ގޮތުން ހުސްކަން ބޮޑު އޮޅުންބޮޅުން މާޙައުލެއް ވަނީ އުފެދިފައެވެ.






