5 ބިލިއަން ޔޫއެސް ޑޮލަރުގެ، ތިނެއް ނުވަތަ ހަތަރު އަހަރުގެ އައު ލޯނު ޕްރޮގްރާމަކަށް ބަންގްލަދޭޝްއިން ވަނީ އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް އައިއެމްއެފް އާއެކު މަޝްވަރާތައް ފަށާފައެވެ. މި އައު އެއްބަސްވުމަކީ 2022 ވަނަ އަހަރު ފާސްކުރި އައިއެމްއެފްގެ މިހާރުގެ ޕްރޮގްރާމްގެ ބަދަލުގައި އެކުލަވައިލާ އެއްބަސްވުމެކެވެ. މިހާރުގެ ބީއެންޕީ ސަރުކާރުން ބުނާގޮތުގައި އެ ޕްރޮގްރާމްގައި ހިމެނެނީ އެމީހުންގެ އިންތިޚާބީ ވައުދުތަކާ ފުށުއަރާ ޝަރުޠުތަކެކެވެ. ފައިނޭންސް މިނިސްޓަރު އާމިރު ޚުސްރޫ މަހްމޫދު ޗައުދަރީ ވިދާޅުވީ، ކުރީގެ ޕްރޮގްރާމަކީ ރައްޔިތުން އިންތިޚާބު ނުކުރާ ސަރުކާރަކުން މަޝްވަރާކޮށްފައިވާ ޕްރޮގްރާމެއް ކަމަށާއި، އޭގައި ހިމެނޭ ބައެއް ޝަރުޠުތައް އާންމުންގެ މަސްލަހަތާ ދެކޮޅުވާނަމަ އައު ސަރުކާރުން "ގަބޫލެއް ނުކުރާނެ" ކަމަށެވެ.
އޮފިޝަލުން ވިދާޅުވާ ގޮތުގައި ބަންގްލަދޭޝްއަށް އަދިވެސް އައިއެމްއެފްގެ ހީވާގި ޕްރޮގްރާމެއް ބޭނުންވެއެވެ. ސަބަބަކީ އެއީ ބައިނަލްއަގުވާމީ ލޯނުދޭ ފަރާތްތަކުގެ "ރުހުމުގެ ސިއްކަ" ކަމަށް ވާތީއެވެ. އަދި މީގެ ސަބަބުން ވޯލްޑް ބޭންކް، އޭޑީބީ އޭއައިއައިބީ އަދި ޖައިކާ އިން މާލީ އެހީ ހޯދުމަށް މަގުފަހިވެގެންދެއެވެ.
ސަރުކާރުން ލަފާކުރާ ގޮތުގައި ކުރިއަށް ހުރި ބަޖެޓުތަކަށް ފައިސާ ހޯދުމަށާއި އިންތިޚާބީ ވައުދުތައް ފުއްދުމަށްޓަކައި ބަޖެޓް ސަޕޯޓުގެ ގޮތުގައި އަހަރަކު 3 އާއި 4 ބިލިއަން ޔޫއެސް ޑޮލަރު ބޭނުންވާނެއެވެ. އައިއެމްއެފްއިން އަހަރަކު މަދުވެގެން 1 ބިލިއަން ޑޮލަރު ކަށަވަރުވުމަކީ ބޭރުގެ އިތުރު މާލީ އެހީތައް ހޯދުމަށް އެހީތެރިވެދޭނެ ކަމެކެވެ.
މިހާރު އޮތް އައިއެމްއެފް ޕްރޮގްާމާ ގުޅިފައިވާ ބައެއް އިސްލާހުތައް ތަންފީޛުކުރަން ބީއެންޕީ ސަރުކާރުން ބޭނުމެއް ނުވެއެވެ. އޭގެތެރޭގައި ހިމެނެނީ:
- ވެޓް ޓެކްސްގެ އެއް ރޭޓެއް ކަނޑައެޅުން
- ކަރަންޓާއި ގަސްކާނާގެ ސަބްސިޑީތައް ކުޑަކުރުން
- ބާޒާރުގެ ނިސްބަތަށް ބަލައި ފައިސާ ބަދަލުކުރާ ރޭޓަށް އިސްލާހުތައް ގެނައުން
- ޓެކްސް އިސްތިސްނާކުރާ މިންވަރު ދަށްކުރުން
- ބޭންކިންގ ދާއިރާއާއި ނޭޝަނަލް ބޯޑް އޮފް ރެވެނިއު އަލުން ބައްޓަންކުރުން
އޮފިޝަލުން ވިދާޅުވީ މި ހާލަތުގައި މި ޝަރުޠުތައް ގަބޫލެއް ނުކުރެވޭނެ ކަމަށެވެ.
އައިއެމްއެފްއާއެކު ބާއްވާ މަޝްވަރާތައް ކޮންމެ ހަފުތާއަކުވެސް ކުރިއަށްދަނީ ވާޗުއަލްކޮށެވެ. އަދި އެ ފަންޑުން ބަންގްލަދޭޝްއަކީ ލޯނު އަނބުރާ ދެއްކުމުގެ ގާބިލުކަން ހުރި ގައުމެއްކަމުގެ ލިޔުމުންދޭ ޔަގީންކަން ދޭނެކަމުގެ ފުރިހަމަ އިތުބާރު ސަރުކާރަށް އެބައޮތެވެ. މިއީ ބަޖެޓް ސަޕޯޓް ދޫކުރުމުގެ ކުރިން ތަރައްގީގެ އެހެން ބައިވެރިން ބޭނުންވާ މުހިންމު ލިޔުމެކެވެ.
އެކި ޖަމާއަތްތަކުން ބަޖެޓް ސަޕޯޓުގެ ގޮތުގައި ޖޫން މަހުގެ ނިޔަލަށް ގާތްގަނޑަކަށް 3 ބިލިއަން ޔޫއެސް ޑޮލަރު ލިބޭނެ ކަމަށް ބަންގްލަދޭޝްއިން އުންމީދުކުރެއެވެ. ފައިނޭންސް މިނިސްޓަރު ވިދާޅުވީ އައިއެމްއެފްއާއެކު ކުރެވޭ މަޝްވަރާތައް ކުރިއަށްދާ ކަމަށާއި، ނަމަވެސް އޭގެ ތަފްސީލު ހާމަކުރައްވަން އޭނާ އިންކާރު ކުރެއްވިއެވެ.






