އެމެރިކާގެ މުއްސަނދިންނާއި އެހެނިހެން ރައްޔިތުންގެ ދެމެދުގައިވާ މާލީ އަދި އިގްތިސާދީ ފަރަގު އިންތިހާއަށް ބޮޑުވަމުންދާކަން ހާމަވެއްޖެއެވެ. ކޭ-ޝޭޕް އިގްތިސާދު ގެ ނަމުން ނަންދެވިފައިވާ މި ހާލަތުގައި، މުއްސަނދިންގެ މުއްސަނދިކަން ހަލުވި މިނެއްގައި އިތުރުވަމުންދާއިރު، މެދު ފަންތިއާއި ދަށު ފަންތީގެ އާމްދަނީ ލިބޭ މީހުން ދަނީ މާލީ ގޮތުން އިތުރަށް ފަހަތަށް ސޮއްސާލަމުންނެވެ.
އެމެރިކާގެ ސެންޓްރަލް ބޭންކް (ފެޑެރަލް ރިޒާވް) ގެ ތަފާސްހިސާބުތަކަށް ބަލާއިރު، 1989 ވަނަ އަހަރު އެމެރިކާގެ އެންމެ މުއްސަނދި 10 އިންސައްތަ އާއިލާތަކުގެ އަތުގައި ހުރީ ގައުމުގެ ޖުމްލަ ރަސްމާލު ގެ 32 އިންސައްތައެވެ. ނަމަވެސް، 2025 ވަނަ އަހަރާ ހަމައަށް އައިއިރު މި ނިސްބަތް ވަނީ 68 އިންސައްތައަށް އުފުލިފައެވެ.
ދެ މިސްރާބަކަށް ދަތުރުކުރާ އިގްތިސާދެއް
ސީ.އެން.އެން އިން ޝާއިއުކޮށްފައިވާ އިގްތިސާދީ ދިރާސާއެއްގައިވާ ގޮތުން، މިހާރު ފެންނަމުންދާ ދެކަފިވުމަކީ ހަމައެކަނި ލިބޭ އާމްދަނީގެ ސަބަބުން ދިމާވާ ކަމެއް ނޫނެވެ. އޭގެ ބަދަލުގައި، މިއީ އެމީހުންގެ މިލްކިއްޔާތުގައި ހުރި މާލީ ވަސީލަތްތަކާއި ފައިސާ ހަރަދުކުރާ ގޮތުގެ ސަބަބުން ދިމާވާ ކަމެކެވެ. ހާއްސަކޮށް ފާއިތުވި އަހަރުތަކުގައި ގެދޮރާއި ހިއްސާގެ އަގުތައް އުފުލުމާއި، ތަކެތީގެ އަގުބޮޑުވުމު ގެ ސަބަބުން މި ފަރަގު ވަނީ ބޮޑުވެފައެވެ.
ފާއިތުވި ތިން އަހަރުގެ ތެރޭގައި އެމެރިކާގެ ހުރިހާ ފަންތިއެއްގެ މީހުންގެ މުއްސަނދިކަން އިތުރުވި ނަމަވެސް، ތަފާތަކީ މުއްސަނދިކަން އިތުރުވި ދުވެއްޔެވެ. އެގޮތުން އެންމެ މުއްސަނދި 1 އިންސައްތަ މީހުންގެ މުއްސަނދިކަން 30 އިންސައްތަ ކުރިއަށް ޖެހިލިއިރު، މެދު ފަންތީގެ 40 އިންސައްތަ މީހުންގެ މުއްސަނދިކަމަށް އައީ އެންމެ 10 އިންސައްތައިގެ ކުރިއެރުމެކެވެ.
ރިއަލް އެސްޓޭޓާއި ހިއްސާ: މުއްސަނދިވުމުގެ ތަޅުދަނޑި
ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އެމެރިކާގެ އެންމެ މުއްސަނދި 20 އިންސައްތަ މީހުން، ގައުމުގެ ޖުމްލަ ބޯހިޔާވަހިކަމުގެ އަގުގެ ދެބައިކުޅައެއްބަޔަށްވުރެ ގިނަ މިލްކުވެރިކަން ހިއްސާކުރެއެވެ. މިއާ ހިލާފަށް، ގެދޮރު ގަތުމަށް ނަގާ ލޯނުގެ އިންޓްރެސްޓް ރޭޓް މަތިވުމުގެ ސަބަބުން ދަށު ފަންތީގެ މީހުންނަށް ގެދޮރު ގަތުމުގެ ބާރު ވަނީ ކެނޑިފައެވެ. އެންމެ ފަގީރު 20 އިންސައްތަ މީހުން ހިއްސާކުރަނީ އެމެރިކާގެ ބޯހިޔާވަހިކަމުގެ އަގުގެ އެންމެ 3 އިންސައްތައެވެ.
މީގެއިތުރުން، ކޮވިޑް-19 ގެ ބަލިމަޑުކަމަށްފަހު ލޯނުތަކުގެ އިންޓްރެސްޓް ރޭޓް ތާރީހީ މިންވަރަކަށް ދަށަށްދިޔުމުން، ގެދޮރުގެ މިލްކުވެރިން ވަނީ ރީ-ފައިނޭންސްކޮށް، ގާތްގަނޑަކަށް 430 ބިލިއަން ޑޮލަރުގެ އިތުރު ފައިސާ ނަގައި ބޮޑެތި މާލީ ފައިދާތައް ހޯދާފައެވެ.
އެމެރިކާގެ މާލީ ވަސީލަތްތަކާއި ހިއްސާގެ ތިންބައިކުޅަދެބަޔަށްވުރެ ގިނަ މިލްކުވެރިކަން އޮތީ އެންމެ މުއްސަނދި 20 އިންސައްތަ މީހުންގެ އަތުގައެވެ. އަދި އެންމެ މުއްސަނދި 1 އިންސައްތަ މީހުން އެކަނިވެސް ހިއްސާގެ ހަތަރުބައި ކުޅައެއްބަޔަށްވުރެ ގިނަ މިލްކުވެރިކަން ދަމަހައްޓައެވެ.
ތަކެތީގެ އަގުބޮޑުވުމުގެ އަސަރުވެސް އެކި ފަންތިތަކަށް ކޮށްފައިވަނީ އެކި މިންވަރަށެވެ. ދަށު ފަންތީގެ އާމްދަނީ ލިބޭ މީހުން، އެމީހުންނަށް ލިބޭ ފައިސާގެ ބޮޑު ބައެއް ހަރަދުކުރަންޖެހެނީ ކާބޯތަކެއްޗާއި ބޯހިޔާވަހިކަން ފަދަ ޒަރޫރީ ބޭނުންތަކަށެވެ. މިއީ މުއްސަނދިން ބޭނުންކުރާ ތަކެއްޗަށްވުރެ އަގު މަތިވަމުންދާ ދާއިރާތަކެކެވެ.
މިނިއާޕޮލިސްގެ ފެޑެރަލް ރިޒާވް ބޭންކުގެ ރިޕޯޓެއް ބުނާގޮތުން، 2005 އާއި 2023 އާ ދެމެދު އެންމެ ފަގީރު 20 އިންސައްތަ މީހުން އުފުލަންޖެހުނު ހަގީގީ އަގުތައް 57 އިންސައްތަ މަތިވިއިރު، އެންމެ މުއްސަނދި 20 އިންސައްތަ މީހުންނަށް މަތިވީ އެންމެ 46 އިންސައްތައެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި އަހަރަކު 40،000 ޑޮލަރަށްވުރެ މަދުން އާމްދަނީ ލިބޭ މީހުން 2023 ޖެނުއަރީން ފެށިގެން ހަރަދުކުރުން މަދުކުރިއެވެ. އަދި މިކަން ހަމައަކަށް އެޅުނީ 2024 ސެޕްޓެމްބަރުގައެވެ. މިދިޔަ ތިން އަހަރު މި ފަންތީގެ މީހުންގެ ހަރަދުތަކަށް އައީ އެންމެ 1.3 އިންސައްތައިގެ ބަދަލެކެވެ. ނަމަވެސް އަހަރަކު 125,000 ޑޮލަރަށްވުރެ ގިނައިން އާމްދަނީ ލިބޭ އާއިލާތަކުގެ ހަރަދުތައް ވަނީ 7.6 އިންސައްތަ އިތުރުވެފައެވެ.
މާހިރުން ދެކޭގޮތުގައި މުއްސަނދިން ބޮޑެތި ހަރަދުތައް ކުރުމުގެ ސަބަބުން މުދަލާއި ހިދުމަތްތަކުގެ ޑިމާންޑް މަތިވެ، ތަކެތީގެ އަގުތައް ދަށަށް ނުގޮސް މަތީގައި ހިފެހެއްޓުމަށް މަގުފަހިވެއެވެ. މީގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރަނީ އާންމު ރައްޔިތުންނަށެވެ.




