ޖަޕާނުގެ އެންމެ ފަހުގެ ބޯހިމެނުމުގެ ތަފާސްހިސާބުތައް ދައްކާގޮތުން، 2025 ވަނަ އަހަރުގެ ނިޔަލަށް އެ ގައުމުގެ އާބާދީ ވަނީ ގާތްގަނޑަކަށް 123 މިލިއަނަށް ދަށަށް ގޮސްފައެވެ. މިއީ އެ ގައުމުގެ ޒަމާނީ ތާރީޚުގައި އާބާދީ އެންމެ ބޮޑަށް ދަށަށްދިޔަ ފަހަރު ކަމަށްވާއިރު، މިއީ އެ ގައުމަށް ކުރިމަތިވެފައިވާ އާބާދީގެ ބޮޑު ކާރިސާ އިތުރަށް ގޯސްވަމުންދާކަމުގެ ހެއްކެއް ކަމަށް އެ ގައުމުގެ މީޑިއާ ބުނެއެވެ.
ރަސްމީ ބޯހިމެނުމުގެ ނަތީޖާތަކަށް ބަލާއިރު، ބޭރުގައުމުތަކުގެ މީހުން ހިމެނޭހެން ޖަޕާނުގެ އާބާދީން ވަނީ 2020 ވަނަ އަހަރާ އަޅާބަލާއިރު 3.1 މިލިއަން މީހުން މަދުވެފައެވެ. މިއީ އެންމެ 5 އަހަރުގެ ތެރޭގައި 2.5 އިންސައްތައިގެ ދަށްވުމެކެވެ.
ކޮންމެ 5 އަހަރަކުން އެއްއަހަރު ކުރިއަށްގެންދާ ބޯހިމެނުމުގެ ނަތީޖާއިން އާބާދީ ދަށަށް ދިޔަކަން ފާހަގަވި ތިންވަނަ ފަހަރެވެ. މީގެ މައިގަނޑު ސަބަބަކީ އުފަންވާ ކުދިންގެ އަދަދަށްވުރެ މަރުވާ މީހުންގެ އަދަދު ގިނަވުމުގެ އިތުރުން، ޖަޕާނުގެ މުޖުތަމައުގައި އުމުރުން ދުވަސްވީ މީހުންގެ ނިސްބަތް ހަލުވިމިނެއްގައި އިތުރުވަމުންދިޔުމެވެ.
މީގެއިތުރުން، ތަފާސްހިސާބުތަކުން ދައްކާގޮތުގައި ޖަޕާނުގެ ޖުމްލަ އާބާދީގެ 30 އިންސައްތައަށްވުރެ ގިނަ މީހުން މިހާރު ދިރިއުޅެނީ ގްރޭޓަރ ޓޯކިޔޯ ސަރަހައްދުގައެވެ. މިއީ ވެރިރަށް ޓޯކިޔޯގެ އާބާދީ މި ފާހަގައަށްވުރެ މަތިވި ފުރަތަމަ ފަހަރެވެ. މިއިން ދޭހަކޮށްދެނީ ބޮޑެތި ސިޓީތަކާއި ރަށްފުށުގެ ސަރަހައްދުތަކުގެ ދެމެދުގައިވާ ފަރަގު ބޮޑުވަމުންދާ ކަމެވެ. ރަށްފުށުގެ ސަރަހައްދުތަކުން ދަނީ މީހުން މަދުވެ، މުސްކުޅިވަމުންނެވެ.
ޖަޕާނުގެ ކަމާބެހޭ ފަރާތްތަކުން ދެކޭގޮތުގައި އާބާދީއަށް އަންނަމުންދާ މި ބަދަލުތަކަކީ ގައުމުގެ އިގްތިސާދަށާއި، ވަޒީފާގެ ބާޒާރަށާއި، އިޖުތިމާއީ ހިދުމަތްތަކަށް ކުރިމަތިވަމުންދާ ބޮޑު ގޮންޖެހުމެކެވެ. ހާއްސަކޮށް ކުރިއަށް އޮތް އަހަރުތަކުގައިވެސް އާބާދީ ދަށަށްދާނެ ކަމަށް ބެލެވޭތީ މިކަމުގެ ކަންބޮޑުވުން ބޮޑެވެ.
އދ. ގެ 2025 ވަނަ އަހަރުގެ އަންދާޒާތަކަށް ބަލާއިރު، އާބާދީގެ ގޮތުން ޖަޕާނަކީ ދުނިޔޭގެ 12 ވަނައަށް އެންމެ އާބާދީ ބޮޑު ގައުމެވެ. އަދި އެއީ ދުނިޔޭގެ ޖުމްލަ އާބާދީގެ 1.5 އިންސައްތައެވެ.
ދުނިޔޭގެ އެންމެ އާބާދީ ބޮޑު 20 ގައުމުގެ ތެރެއިން، 2020 އާއި 2025 އާ ދެމެދު އާބާދީ ދަށަށްދިޔަ މަދު ގައުމުތަކުގެ ތެރޭގައި ޖަޕާނުގެ އިތުރުން ޗައިނާ، ރަޝިޔާ އަދި ތައިލެންޑް ހިމެނެއެވެ. ނަމަވެސް، މީގެތެރެއިންވެސް އެންމެ ބޮޑު އުނިވުމެއް ރެކޯޑުކުރެވިފައިވަނީ ޖަޕާނުންނެވެ.







