ބަންގްލަދޭޝްގައި ފާއިތުވި 30 އަހަރުގެ ތެރޭގައި އަންހެނުންގެ ކުރިއެރުމަށް ބޮޑެތި ކާމިޔާބީތަކެއް ލިބި، ދުނިޔޭގެ ސަމާލުކަން ހޯދާފައިވީ ނަމަވެސް، މުޖުތަމައުގެ ތެރޭގައި އަންހެނުން ފެންނަ މިންވަރު އިތުރުވުމާއެކު އެކަމާ ދެކޮޅަށް ކުރިމަތިވާ ހުރަސްތަކާއި ގޮންޖެހުންތައް ވެސް އިންތިހާއަށް އިތުރުވަމުންދާ ކަމަށް 'ނިއު އޭޖް' ނޫހުގައި ޝާއިއުކޮށްފައިވާ ދިރާސާ ރިޕޯޓެއްގައި ބުނެފިއެވެ.
ޔުނިވަރސިޓީ އޮފް ދިއްލީގެ ޕީއެޗްޑީ ރިސާޗް ސްކޮލަރެއް ކަމަށްވާ ސިޔާމް ސަރްވަރު ޖަމީލް ލިޔުއްވާފައިވާ މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން، ތައުލީމީ ދާއިރާއާއި، ގާމެންޓް ސިނާއަތުގެ ވަޒީފާތަކުގެ އިތުރުން ސިޔާސީ މަގާމުތަކުގައި ވެސް ބަންގްލަދޭޝްގެ އަންހެނުންގެ ދައުރު މިހާރު ވަނީ ވަރަށް ބޮޑަށް ފުޅާވެފައެވެ. ނަމަވެސް، މި ކުރިއެރުމާއެކު ކަނާތު ފިޔައިގެ ހަރުކަށި ފިކުރުތައް އިތުރުވެ، އަންހެނުންގެ މިނިވަންކަމަށް ހުރަސްއެޅުމުގެ ރޫހެއް މުޖުތަމައުގައި ވަނީ އުފެދިފައެވެ.
ބަންގްލަދޭޝްގެ ބިއުރޯ އޮފް ސްޓެޓިސްޓިކްސް އަދި އދ. ގެ ޕޮޕިއުލޭޝަން ފަންޑު (ޔޫ.އެން.އެފް.ޕީ.އޭ) ގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެ ގައުމުގެ އަންހެނުންގެ ތެރެއިން ގާތްގަނޑަކަށް 76 އިންސައްތަ އަންހެނުން ކޮންމެވެސް ސިފައެއްގައި އަނިޔާވެރިކަމާ ކުރިމަތިލާންޖެހެއެވެ. މީގެ އިތުރުން، ޑިޖިޓަލް ޓެކްނޮލޮޖީ ކުރިއެރުމާއެކު، އޮންލައިންކޮށް ފުރައްސާރަކުރުމާއި، 'ޑޮކްސިންގ' (އަމިއްލަ މައުލޫމާތާއި ފޮޓޯ ލީކުކޮށްލުން) އަދި 'ޓްރޯލް' ކުރުން ފަދަ އައު ބާވަތުގެ ގަނާކުރާ އަނިޔާތައް ވަނީ އިންތިހާއަށް އިތުރުވެފައެވެ. ޚާއްޞަކޮށް އަންހެން ނޫސްވެރިންނާއި، ސިޔާސީގޮތުން ހަރަކާތްތެރިވާ އަންހެނުންނަށް އަމާޒުކޮށް ދީނީ އަދި އަޚްލާޤީ ނަމުގައި އޮންލައިން ހަމަލާތައް ދެމުންދާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ތާރީޚީ ގޮތުން ބަލާއިރު، 1990 ގެ އަހަރުތަކުގައި ހުސައިން މުހައްމަދު އިރްޝާދުގެ ވެރިކަމުގައި އެންޖީއޯތަކުން ފެށި މަޝްރޫއުތަކާއެކު އަންހެނުންގެ އިޤްތިޞާދީ ދައުރު ފުޅާވާން ފެށިއެވެ. އަދި ޝެއިޚް ޙަސީނާ އާއި ޚާލިދާ ޒިޔާ ފަދަ ލީޑަރުންގެ ސަބަބުން ސިޔާސީ ދާއިރާއަށް އަންހެނުން ވަނުމުގެ މަގު ފަހިވިއެވެ. ނަމަވެސް، 2011 އާއި 2013 އާ ދެމެދު 'ހިފާޒަތޭ އިސްލާމް' ފަދަ ޖަމާއަތްތަކުން ކުރި މުޒާހަރާތަކާއެކު، އަންހެނުންގެ ހައްގުތަކަކީ ދީނާއި އަޚްލާޤާ ޚިލާފު ކަންްތައްތަކެއްގެ ގޮތުގައި ދައްކަން މަސައްކަތް ކުރެވުނެވެ.
ރިޕޯޓުގައި އިތުރަށް ބުނެފައިވާ ގޮތުގައި، ދާދިފަހުން ބޭއްވި އިންތިޚާބުތަކުގައި ވެސް ދީނީ ޕާޓީތައް ކަމަށްވާ 'ބަންގްލަދޭޝް ޖަމާއަތޭ އިސްލާމީ' އަދި 'ޚިލާފަތު މަޖްލިސް' ފަދަ ޕާޓީތަކުން އެއްވެސް އަންހެން ކެންޑިޑޭޓަކު ކުރިމަތިލައްވާފައެއް ނުވެއެވެ. މިއީ ސިޔާސީ ދާއިރާގައި އަންހެނުންގެ ހިއްސާ ހަމައެކަނި ރަމްޒީ ކަމަކަށް ހެދުމަށް ކުރެވޭ މަސައްކަތެކެވެ.
މި ހުރަސްތަކުން ސަލާމަތްވުމަށްޓަކައި، ހަމައެކަނި ސިޓީތަކަށް ބިނާވެފައިވާ އަންހެނުންގެ ހަރަކާތްތަކުގެ ބަދަލުގައި، ރަށްފުށުގެ އަދި ދީނީ ގޮތުން ކޮންޒަވޭޓިވް ވިސްނުން ހުންނަ އަންހެނުންގެ ހާލަތަށް ވެސް ރިއާޔަތްކޮށް، ސަގާފަތާއި ދީނީ ހަމަތަކުގެ ތެރެއިން ހުރިހާ ފަރާތްތަކެއް ހިމެނޭ ފުޅާ މަޝްވަރާތަކެއް ކުރިއަށްގެންދަން ޖެހޭ ކަމަށް މި ދިރާސާގައި ބުނެފައިވެއެވެ.





