ބަންގްލަދޭޝްގައި ހިމަބިހި ވެކްސިން މަދުވެ، ބަލިމަޑުކަމެއް ފެތުރިދާނެ ކަމުގެ އިންޒާރު ކުރީގެ ވަގުތީ ސަރުކާރަށް ލިޔުމުންނާއި ބައްދަލުވުންތަކުގައި އެތައް ފަހަރަކު ދީފައިވާނެ ކަމަށް އދ. ގެ ކުޑަކުދިންނާ ބެހޭ ފަންޑު (ޔުނިސެފް) އިން ބުނެފިއެވެ.
ޔުނިސެފުން ބަންގްލަދޭޝްއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ރާނާ ފްލާވާސް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ވަގުތީ ސަރުކާރުގެ ދުވަސްވަރު ސިއްހަތާ ބެހޭ ވުޒާރާއަށް 5 ނުވަތަ 6 ސިޓީ ފޮނުވައި، އަދި 10 ވަރަކަށް ބައްދަލުވުމުގައި ވެކްސިން މަދުވެދާނެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވާނެ ކަމަށެވެ.
ފްލާވާސް ފާހަގަކުރެއްވި ގޮތުގައި ވެކްސިން އޯޑަރުކުރުން ލަސްވީ ފައިސާ ނެތިގެންނެއް ނޫނެވެ. ފިނޭންސް މިނިސްޓްރީން ބަޖެޓު ހަމަޖައްސައިދީފައި އޮތް ނަމަވެސް، ވެކްސިން ހޯދުމުގެ އުސޫލުތަކަށް ގެނައި ބަދަލުތަކާ ގުޅިގެން ޕްރޮކިއުމަންޓް މަރުހަލާ ލަސްވީއެވެ. ޚާއްސަކޮށް ބީލަން ހުޅުވާލައިގެން "އޯޕަން ބިޑިންގ" އަށް ދިއުމުން، ވެކްސިން ފަދަ މުހިންމު ބޭސްތައް ލިބެން އަހަރެއްހާ ދުވަސް ނަގާކަމަށް އޭނާ ވިދާޅުވިއެވެ.
ވެކްސިން ޕްރޮގްރާމް މެދުކެނޑުމުގެ ސަބަބުން ބަންގްލަދޭޝްގައި މިހާރު ވަނީ ހިމަބިހި ވަރަށް ބޮޑަށް ފެތުރިފައެވެ. ރިޕޯޓުތައް ބުނާގޮތުން، މި ބަލިމަޑުކަމުގައި މިހާތަނަށް 500 އަށްވުރެ ގިނަ ކުޑަކުދިން ވަނީ މަރުވެފައެވެ. އަދި 62،000 އަށްވުރެ ގިނަ ކުދިންނަށް ބަލިޖެހި، ހޮސްޕިޓަލުގައި ފަރުވާދޭން ޖެހިފައިވެއެވެ. މިއީ ބަންގްލަދޭޝްގައި ފަހުގެ ތާރީޚެއްގައި މި ބަލި މިހާ ބޮޑަށް ފެތުރުނު ފުރަތަމަ ފަހަރެވެ.
ޔުނިސެފްގެ މި ވާހަކަތަކާ ގުޅިގެން، ޑރ. މުޙައްމަދު ޔޫނުސްގެ އިންޓަރިމް ސަރުކާރުގެ ޗީފް އެޑްވައިޒަރުގެ ކުރީގެ ސްޕެޝަލް އެސިސްޓެންޓް ޕްރޮފެސަރ ސައީދުއްރަޙްމާން ވަނީ މި ތުހުމަތުތަކަށް ރައްދު ދެއްވާފައެވެ. އޭނާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ޔުނިސެފުން ފޮނުވި ލިޔުންތަކުގައި ސީދާ "ހިމަބިހި ފެތުރިދާނެކަމުގެ" އިންޒާރެއް ދީފައި ނުވާ ކަމަށެވެ. އަދި ވެކްސިން ނުލިބިގެން އެއްވެސް ބަޔަކު އަނބުރާ ފޮނުވާލަން ޖެހުނުކަމުގެ ރިޕޯޓެއް ލިބިފައި ނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ނަމަވެސް، ސިއްހީ މާހިރުންނާއި އާންމުން ދަނީ ވެކްސިން ލިބުން ލަސްވުމުގެ ސަބަބުން ކުޑަކުދިންގެ މެދުގައި ބަލި ދިފާއުކުރުމުގެ ބާރު ދަށްވެ، މި ކާރިސާ ކުރިމަތިވީކަމަށް ބުނެ، ކުރީގެ އިންޓަރިމް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އަދި މި މައްސަލައިގެ މިނިވަން ތަހުގީގެއް ކުރުމަށްވެސް ގޮވާލާފައިވެއެވެ.





