އިންތިގާލީ މުއްދަތަކާ ނުލައި ޔޫރަޕުން އެމެރިކާ ސިފައިން ބޭލުން އަވަސްކުރަން އެމެރިކާއިން ނިންމައިފި

ކުރިން ލަފާކުރެވިފައިވާ ވަރަށްވުރެ އަވަސް މިނެއްގައި ޔޫރަޕްގައި އެމެރިކާގެ އަސްކަރީ ހަރަކާތްތައް މަދުކުރުމަށް އެމެރިކާއިން ދަނީ ރާވަމުންކަމަށް ޖަރުމަނުގެ ނޫހެއް ކަމަށްވާ "ވެލްޓް އަމް ޒޮންޓާގް" އިން ބުނެފިއެވެ. އަދި މިކަމާ ގުޅޭ ޚާއްސަ ޕްލޭންތަކެއް ޕެންޓަގަން އިން ވަރަށް އަވަހަށް ހުށަހަޅާނެ ކަމަށް ބުނއެވެ.

އެ ނޫހުން ޕެންޓަގަންގެ މަސްދަރަކާ ހަވާލާދީ ބުނެފައިވާ ގޮތުގައި، ޔޫރަޕްގައި ގާއިމުކޮށްފައިވާ އަސްކަރީ މަރުކަޒުތަކުން ސިފައިން ބޭލުމުގެ މަސައްކަތް އަވަސްކުރުމަށް ވޮޝިންޓަނުން ގަސްތުކުރެއެވެ. އަދި އަންނަ މަހުގެ ތެރޭގައި މި ހުށަހެޅުންތައް ނޭޓޯ (ނޯތު އެޓްލާންޓިކް ޓްރީޓީ އޯގަނައިޒޭޝަން) އަށް ހުށަހަޅާނެއެވެ.

ނޫހުގައި ބުނެފައިވާ ގޮތުގައި، "މި ހުށަހެޅުންތަކުގެ ތެރެއިން އެއް ހުށަހެޅުމަކީ އޭގައި ނުރައްކާތަކެއް އެކުލެވިގެންވާ އަދި ތައްޔާރުވުމަށް އެކަށީގެންވާ ވަގުތު ނުލިބޭނެ ހުށަހެޅުމެއް ކަމަށް ޔޫރަޕްގެ އެކުވެރި ދައުލަތްތަކުން ދެކެއެވެ."

މި ފިޔަވަޅުތައް އަޅަން ފަށާފައިމިވަނީ، ޖަރުމަނުވިލާތުގައި ތިބި އެމެރިކާގެ 5،000 ސިފައިން އަނބުރާ ގެންދިއުމުގެ ޕްލޭންތަކެއް މެއި މަހު ވޮޝިންޓަނުން އިއުލާނުކޮށްފައި ވަނިކޮށެވެ. ގިނަ ބަޔަކު ދެކޭގޮތުގައި މިއީ އީރާނާއެކު ކުރެވޭ ހަނގުރާމައާ ގުޅޭގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޔޫރަޕްގެ ބައެއް ގައުމުތަކާ ދެމެދު އުފެދިފައިވާ ޚިޔާލުތަފާތުވުންތަކާ ގުޅިފައިވާ ކަމެކެވެ.

ރިޕޯޓުތައް ބުނާގޮތުން، އަންނަ މަހު ނޭޓޯއިން ބާއްވާ ފޯސް-ޖެނެރޭޝަން ކޮންފަރެންސެއްގައި އެމެރިކާއިން މި ޕްލޭންތައް ހުށަހަޅާނެއެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން ޕެންޓަގަން އިން އަދި މީޑިއާއަށް މައުލޫމާތު ދީފައެއް ނުވެއެވެ.

މީގެ އިތުރުން، ޖަރުމަނުގެ އިތުރުން އިޓަލީ އަދި ސްޕެއިންގައި ތިބި އެމެރިކާ ސިފައިންގެ އަދަދު މަދުކުރުމުގެ ފުރުސަތު އޮތްކަމަށް މި މަހުގެ ކުރީކޮޅު ޓްރަމްޕް ވަނީ އިޝާރާތްކުރައްވާފައެވެ. އަދި މިކަމާ ގުޅޭ ނިންމުމެއް "ކުރު މުއްދަތެއްގެ ތެރޭގައި" ނިމިގެންދާނެ ކަމަށްވެސް އޭރު ވިދާޅުވިއެވެ.

ޖަރުމަނުވިލާތުގައި މިހާރުވެސް އެކްޓިވް ޑިއުޓީގައި އެމެރިކާގެ 35،000 އެއްހާ ސިފައިން ތިބިއިރު، މިއީ ޔޫރަޕްގައި އެމެރިކާ ސިފައިން އެންމެ ގިނައިން ތިބި ގައުމެވެ. ޕެންޓަގަންއިން ބުނެފައިވަނީ ސިފައިން ބޭލުމުގެ މަސައްކަތް 6 މަހާއި 12 މަހާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި ނިމޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ނަމަވެސް، ސިފައިން ބޭލުމުގެ މަރުހަލާ އަވަސްކުރާނެ މިންވަރެއް ނުވަތަ އެމެރިކާގެ ޕްލޭންތަކުގައި ހިމެނެނީ ކޮން އަސްކަރީ މަރުކަޒުތަކެއް ކަން ޖަރުމަނުގެ ނޫހުން ހާމަކޮށްފައެއް ނުވެއެވެ.

ޔޫރަޕްގައި ތިބި އެމެރިކާ ސިފައިންގެ ޖުމްލަ އަދަދު ގާތްގަނޑަކަށް 84،000 އަށް އަރައެވެ. އަސްކަރީ ތަމްރީނުތަކާއި ޑިޕްލޯއިމަންޓްތަކަށް ބިނާކޮށް މި އަދަދުތަކަށް ބަދަލު އާދެއެވެ. ޔޫރަޕްގައި ހުންނަ އެމެރިކާގެ ބޭސްތަކަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެމެރިކާއިން ހިންގާ އަސްކަރީ އޮޕަރޭޝަންތަކުގެ މައި މަރުކަޒެކެވެ. އޭގެ އިތުރުން، މި ބޭސްތަކުގެ ސަބަބުން އެ ގައުމުތަކުގެ އިގުތިސާދަށް އެހީތެރިކަން ލިބި، ޚާއްސަކޮށް އިރުމަތީ ޔޫރަޕްގައި ރަޝިއާގެ ނުފޫޒު ކުޑަކުރުމަށް ކުރާ މަސައްކަތުގައި މުހިންމު ދައުރެއް އަދާކުރެއެވެ.

ޕޮލެންޑަށް ފޮނުވަން އުޅުނު 4،000 ސިފައިން ނުފޮނުވަން އެމެރިކާގެ ސެކްރެޓަރީ އޮފް ވޯރ ޕީޓް ހެގްސެތް މި މަހުގެ މެދުތެރޭގައި ނިންމެވި ކުއްލި ނިންމުމުގެ ސަބަބުން، ޕެންޓަގަންގެ މުވައްޒަފުންނާއި ޔޫރަޕްގެ އެކުވެރި ދައުލަތްތަކަށް ވަރަށް ބޮޑު ހައިރާންކަމެއް ލިބުނެވެ. އަދި މިކަމާ ގުޅިގެން ކޮންގްރެސްގައި ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވިއެވެ.

މެގަޒިން "ޕޮލިޓިކޯ" އިން ފާހަގަކުރި ގޮތުގައި މި ނިންމުމަކީ ވަރަށް ހައިރާންކުރަނިވި ނިންމުމެކެވެ. ސަބަބަކީ އެމެރިކާ ސިފައިންނާއި އަސްކަރީ ސާމާނު އޭރު ޕޮލެންޑަށް ދާން ފަށާފައިވަނިކޮށް މިކަން ހުއއްޓުވުމެވެ. މިކަމުގެ ސަބަބުން، މިފަދަ ފިޔަވަޅުތަކުން ރަޝިއާއަށް އިތުރު ހިތްވަރެއް ލިބިދާނެކަމުގެ ކަންބޮޑުވުން ޔޫރަޕްގެ ވެރިރަށްތަކާއި ޕެންޓަގަންގެ ތެރޭގައި ވަނީ އުފެދިފައެވެ.

"ވޮޝިންޓަން ޕޯސްޓް" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހުކުރު ދުވަހު ސިފައިންގެ އިސް ވެރިންނާއެކު ބޭއްވި ކޮމިޓީ ބައްދަލުވުމުގައ، ދެ ޕާޓީގެ ކޮންގްރެސް މެމްބަރުން ވަނީ ސިފައިން އަނބުރާ ގެނައުމުގެ މި އަމަލާ ދެކޮޅުހަދާފައެވެ. އަދި މި ނިންމުން ނިންމުމުގެ ކުރިން ކޮންގްރެސް އާއި ޔޫރަޕްގެ އެކުވެރި ދައުލަތްތަކާ މަޝްވަރާކޮށްފައި ނުވާތީ ޕެންޓަގަން އަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވެއެވެ.

މަސްދަރުތަކުން ބުނާގޮތުގައި، ކުރިއަށް އޮތް ތަނުގައި ފެނިދާނެ އެހެން ބައެއް ކަންކަމުގެ ތެރޭގައި:

  • އެމެރިކާއިން ބައެއް އަސްކަރީ ތަމްރީނުތަކުގައި ބައިވެރިވުން ހުއްޓާލުން.
  • ޓްރަމްޕާ މުޅިން އެއްބަސްނުވާ ގައުމުތަކުގައި ތިބި ސިފައިން ޓްރަމްޕަށް ބޮޑަށް ތާއީދުކުރާ އެހެން ގައުމުތަކަށް ބަދަލުކުރުން. މިއީ ޓްރަމްޕްގެ ފުރަތަމަ ދައުރުގައިވެސް ގެންގުޅުއްވި ޚިޔާލެކެވެ.

މަސްދަރުތަކުން ސާފުކޮށްދިން ގޮތުގައި، ސިފައިން އަނބުރާ ގެންދިއުމާ ގުޅޭގޮތުން އެމީހުން ކުރާ ލަފާތައް ބިނާކޮށްފައިވަނީ ޓްރަމްޕް އާންމުކޮށް ދައްކަވާފައިވާ ވާހަކަފުޅުތަކާއި، ނޭޓޯގެ މުސްތަގުބަލުގެ ޕްލޭންތަކާ ގުޅޭގޮތުން އެމެރިކާގެ އޮފިޝަލުންނާއެކު ނޭޓޯގެ އޮފިޝަލުން ކުރެއްވި މަޝްވަރާތަކުގެ މައްޗަށެވެ.

ހިއްސާ ކުރައްވާ!