އެމެރިކާ އުފެދުނުތާ 250 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވުމަށް ހަމަޖެހިފައިވާ މިއުޒިކީ ހަރަކާތްތަކަކުން ގިނަ ފަންނާނުންތަކެއް ވަކިވުމާ ގުޅިގެން، އަންނަ ބުދަ ދުވަހު ވޮޝިންޓަން ޑީސީގައި "އެމެރިކާ އިޒް ބެކް" ގެ ނަމުގައި އައު އެއްވުމެއް ބޭއްވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަންގައިފިއެވެ.
މި މިއުޒިކް ޝޯތައް ބޭއްވުމަށް ހަމަޖެހިފައިވަނީ، 2026 ވަނަ އަހަރުގެ ޖޫން މަހުގެ 25 އިން ޖުލައި މަހުގެ 10 އަށް، 16 ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ ބޮޑު ހަރަކާތެއް ކަމަށްވާ "ގްރޭޓް އެމެރިކަން ސްޓޭޓްސް ފެއަރ" ގެ ތެރެއިންނެވެ.
"ޓްރުތް ސޯޝަލް" ޕްލެޓްފޯމުގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް އިތުރަށް ވިދާޅުވީ، ބުދަ ދުވަހު ބާއްވާ ހަރަކާތުގައި ބައިވެރިވުމަށް ފަންނާނުން ޖެހިލުންވުން ދިމާވެފައިވާކަން އެނގިވަޑައިގަންނަވާ ކަމަށެވެ.
ވަކިވި ފަންނާނުންގެ އަގު ވައްޓާލަމުން ޓްރަމްޕް ވިދާޅުވީ ބޮޑު މުސާރައެއް ދީފައިވާ "ތިންވަނަ ފަންތީގެ ފަންނާނުންގެ" ބަދަލުގައި، "ދުނިޔޭގެ ކޮންމެ ތާކުވެސް އެންމެ މޮޅު ފަންނާނު" ގެނައުމަށް އޭނާ ވިސްނަވާ ކަމަށެވެ.
"އެލްވިސް (ޕްރެސްލީ) ގެ މަޝްހޫރުކަމުގެ އެންމެ އުސްމިނުގައި އޭނާއަށްވުރެ މާ ގިނަ މީހުން އެއްކުރާ، އަދި ގިޓާއަކާ ނުލައި އެކަން ކުރާ މީހާ، އަދި އެހެން އެންމެންނަށްވުރެ ބޮޑަށް އަހަރެމެންގެ ގައުމު ދެކެ ލޯބިވާ މީހާ، އަދި ބައެއް މީހުން ބުނާ ގޮތުގައި ތާރީޚުގައިވެސް އެންމެ މޮޅު ރައީސް ކަމަށްވާ، ޑޮނަލްޑް ޖޭ. ޓްރަމްޕް" އަމިއްލަ ނަފްސަށް ޚުޝާމަދު ކުރަމުން ޓްރަމްޕް ޓުރުތު ސޯޝަލް ގައި ލިޔުނެވެ.
މީޙުން ބޯ ހަމަނުޖެހޭ މޮޔައެއް ކަމަށް ބުނާ ޓްރަމްޕް ވިދާޅުވީ އޭނާ އެތަނުގައި ބޮޑު ތަގުރީރެއް ދެއްވައި، ވެރިކަމާ ހަވާލުވެވަޑައިގަތީއްސުރެ ކުރައްވަމުން ގެންދަވާ ފަދައިން ގައުމުގެ މަސްލަހަތު ކުރިއަށް ގެންދަވާނެ ކަމަށެވެ.
"މީގެ ދެ އަހަރު ކުރިން، އެމެރިކާ އޮތީ މަރުވެފައެވެ. ނަމަވެސް މިހާރު، އެމެރިކާއަކީ މުޅި ދުނިޔޭގައިވެސް އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ގައުމެވެ. ބޮޑެތި އަދަދުތަކުން ފައިސާ ނަގާ، އުފާވެރިކަމެއް ނެތް ފަންނާނުންނޭ ކިޔާ މީހުންނެއް އަޅުގަނޑު ބޭނުމެއް ނޫނެވެ. އަޅުގަނޑު ބޭނުންވަނީ ހަމައެކަނި އުފާވެރި، ވިސްނުންތޫނު، ކާމިޔާބު، އަދި މޮޅުވާން އެނގޭ މީހުން އަޅުގަނޑުގެ ވަށައިގެން ތިބުމަށެވެ." އޭނާ އިތުރަށް ވިދާޅުވިއެވެ:
"އެހެންކަމުން، ޓްރުތް ސޯޝަލްގައި ކުރި މި ޕޯސްޓުގެ ދަށުން، އަންނަ ބުދަ ދުވަހު ވޮޝިންޓަން ޑީސީގައި، ހަމަ އެ ގަޑީގައި އަދި ހަމަ އެތަނުގައި 'އެމެރިކާ އިޒް ބެކް' ގެ ނަމުގައި އެއްވުމެއް ބޭއްވުމުގެ ފުރުސަތު އޮތް މިންވަރު ދިރާސާކުރުމަށް އަޅުގަނޑުގެ މަންދޫބުންނަށް އަންގަމެވެ. މިކަމަށް ދައުވަތު އެރުވިފައިވަނީ ހަމައެކަނި މަތިވެރި ގައުމީ އަބްޠާލުންނަށެވެ. މިއީ އެމެރިކާގެ އަޑުގަދަ ވާނެ އަދި ރީތި އުފާފާޅުކުރުމަކަށް ވާނެއެވެ." އަދި އޭނާ ވިދާޅުވިއެވެ:
މައްސަލައިގެ ތަފްސީލު
-
ފެއަރގެ އިންތިޒާމުތައް: ފްރީޑަމް 250 ގްރޫޕުން އިންތިޒާމުކުރާ މި ފެއަރ ކުރިއަށްދާނީ އެމެރިކާގެ ކެޕިޓަލް އިމާރާތުން ފެށިގެން ވޮޝިންޓަން މޮނިއުމަންޓާ ހަމައަށް "ނޭޝަނަލް މޯލް" ޕާކުގައެވެ. މިތަނުގައި މިއުޒިކް ޝޯތަކަށް ޚާއްސަ ސްޓޭޖްތަކާއި، ސްޓޭޓްތަކުގެ ޕެވިލިއަންތަކާއި، މައުރަޒުތައް އަދި މޯލްގެ އެކި ހިސާބުތަކުގައި މީހުން ޝައުގުވެރިވާ ފަދަ އެހެނިހެން ކަންކަން ހުންނާނެއެވެ.
-
ފަންނާނުން ވަކިވުން: މިއުޒިކް ޝޯތަކުގެ ޕްރޮގްރާމާ ގުޅިގެން ޖެހިޖެހިގެން އެތައް ފަންނަނަކު ވަނީ ބައިވެރިނުވާނެކަން އަންގާފައެވެ.
-
ބްރެޓް މައިކަލްސް ވަކިވުން: ރޮކް ބޭންޑް (ޕޮއިޒަން) ގެ ލީޑް ލަވަކިޔުންތެރިޔާ ބްރެޓް މައިކަލްސް ހުކުރު ދުވަހު ވަނީ މި ހަރަކާތުން ވަކިވެފައެވެ. އޭނާ ވެފައިވަނީ މި ހަރަކާތުން ވަކިވި ފަސްވަނަ މިއުޒީޝަނަށެވެ. އޭނާ ބުނެފައިވަނީ އޭނާ ކުރިން ހީކުރީ މިއީ ވަކި ފަރާތަކަށް ނުޖެހޭ ހަރަކާތެއް ކަމަށެވެ.
-
ސަބަބުތައް ސިއްރުކުރުން: ފަންނާނުން ވަކިވި ސަބަބުތައް އިންތިޒާމުކުރާ ފަރާތްތަކުން ފާޅުގައި ހާމަކޮށްފައި ނުވި ނަމަވެސް، މިގޮތަށް ފަންނާނުން ވަކިވަމުން ދިއުމާ ގުޅިގެން، މި ހަރަކާތް ކުރިން ރާވާފައިވާ ގޮތަށް ކުރިއަށް ގެންދެވިދާނެކަމާމެދު ވަނީ ސުވާލު އުފެދިފައެވެ.






