އިންޑިއާގެ ކޯޓަކުން، 200 ކްރޯޑު ރުޕީސްގެ މަނީ ލޯންޑަރިންގ މައްސަލައެއްގައި ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޖެކްލީން ފެނާންޑޭޒް ހިމެނޭހެން އިތުރު 15 މީހެއްގެ މައްޗަށް ދަޢުވާ އުފުލުމަށް (ފްރޭމް ޗާޖަސް) ނިންމައިފިއެވެ.
އިންޑިއާގެ މީޑިއާ ރިޕޯޓުކޮށްފައިވާ ގޮތުގައި، ޖެކްލީންގެ އިތުރުން މި މައްސަލައިގައި ދަޢުވާ އުފުލުމަށް ނިންމާފައިވާ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ:
- މައްސަލައިގެ މައިގަނޑު ތުހުމަތުކުރެވޭ ސުކޭޝް ޗަންދްރަޝޭކަރް
- ސުކޭޝްގެ އަންހެނުން ލީނާ މާރިއާ ޕޯލް
- ޕިންކީ އިރާނީ
- ދީޕަކް ރަމްނާނީ
ނިއުދިއްލީގެ ކޯޓުން ފާހަގަކޮށްފައިވާ ގޮތުގައި، ލިބިފައިވާ ހެކިތަކުގެ މައްޗަށް ބިނާކޮށް، މަނީ ލޯންޑަރިންގ ހުއްޓުވުމުގެ ޤާނޫނުގެ ދަށުން ހުރިހާ ތުހުމަތުކުރެވޭ ފަރާތްތަކުގެ މައްޗަށް ޝަރީޢަތް ހިންގުމަށް ފުދޭވަރެއްގެ އަސާސީ ހެކިތަކެއް އެބަހުއްޓެވެ. މި މައްސަލައިގެ އިތުރު އަޑުއެހުމަކަށް އަންނަ ޖޫން 3 ވަނަ ދުވަހު ކޯޓަށް ހާޒިރުވުމަށް ހުރިހާ ފަރާތްތަކަށް ވަނީ އަންގާފައެވެ.
ރިޕޯޓުތައް ބުނާގޮތުން، ފާއިތުވި މަދު އަހަރުތަކެއްގެ ތެރޭގައި ސުކޭޝް ޗަންދްރަޝޭކަރާ ދެކޮޅަށް ކުރިއަށްދާ މަނީ ލޯންޑަރިންގ ތަޙުޤީޤުގައި ޖެކްލީންގެ ނަން ވަނީ އެތައް ފަހަރަކު ފެންމަތިވެފައެވެ. އިންޑިއާގެ އިންފޯސްމަންޓް ޑިރެކްޓަރޭޓް އިން ވަނީ މީގެ ކުރިން އެތައް ފަހަރަކު އޭނާ ހާޒިރުކޮށް ސުވާލުވެސް ކޮށްފައެވެ.
ތަޙުޤީޤުން އެނގޭ ގޮތުގައި ސުކޭޝް ޗަންދްރަޝޭކަރުގެ މައްޗަށް ތުހުމަތުކުރެވެނީ އެކި ފަރާތްތަކަށް އޮޅުވާލައިގެން މާލީ މަކަރާއި ޙީލަތް ހަދައި، އެތައް ކްރޯޑު ރުޕީސްއެއް ފޭރުމުގެ ކުށެވެ. އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި ޖެކްލީން ވަނީ ސުކޭޝްގެ ފަރާތުން އަގުބޮޑު ހަދިޔާތަކާއި މާލީ މަންފާތަކެއް ހޯދާފައެވެ.







