އެމެރިކާގެ ޤާނޫނު ހަދާ މަޖިލިސް ކޮންގްރެސް އިން، އެމެރިކާ އާއި ޔަހޫދީ ޖެނޮސައިޑް ރެޖީމްގެ ދިފާޢީ ވިއުގައާއި ހަތިޔާރުގެ ނިޒާމުތައް އެއްކޮށްލައި، ދެ ފަރާތުގެ ދިފާޢީ ގުޅުން މިހާތަނަށް ނުދެކޭފަދަ ވަރުގަދަ މިންވަރަކަށް ގުޅުވާލުމުގެ ބޮޑު މަޝްރޫޢެއް ކުރިއަށް ގެންދިއުމަށް ފިޔަވަޅުތަކެއް އަޅަން ފަށައިފިއެވެ. މި މަޝްރޫޢުގެ ބޭނުމަކީ މެދުއިރުމަތީގައި ޔަހޫދީ ޖެނޮސައިޑް ރެޖީމަށް އޮތް ދިފާޢީ ކުރިއެރުން އެގޮތުގައި ދެމެހެއްޓުމާއި، ދެ ފަރާތުގެ ދިފާޢީ ސްޓްރެޓެޖީތައް އެއް މިސްރާބަކަށް ގެނައުމެވެ.
މި ޕްލޭންގެ ދަށުން ކުރިއަށްދާނެ މައިގަނޑު ކަންތައްތަކުގެ ތެރޭގައި ހިމެނެނީ:
- ޓެކްނޮލޮޖީ އާއި އޭއައި ހިއްސާކުރުން: އެމެރިކާގެ އެންމެ ފަހުގެ ދިފާޢީ ޓެކްނޮލޮޖީއާއި، އާޓިފިޝަލް އިންޓެލިޖެންސް ސިސްޓަމްތަކުގެ އިތުރުން ސައިބަރ ދިފާޢީ ވަސީލަތްތައް ސީދާ ޔަހޫދީ ޖެނޮސައިޑް ރެޖީމްގެ ދިފާޢީ ބާރުތަކާ ހިއްސާކޮށް، ގުޅިފައިވާ ވިއުގައެއް ބިނާކުރުން.
- މިސައިލް ދިފާޢީ ނިޒާމު: ދެ ފަރާތުގެ މިސައިލް ދިފާޢީ ނިޒާމުތައް ކަމަށްވާ ޔަހޫދީ ރެޖީމްގެ އަޔަން ޑޯމް އާއި އެމެރިކާގެ ނިޒާމުތައް އެއް ވިއުގައަކުން ގުޅާލައި، ރޭޑާރުގެ މަޢުލޫމާތު ވަގުތުން ބަދަލުކުރެވޭނެ ގޮތް ހެދުން.
- ގުޅިފައިވާ ކޮމާންޑް: ދެ ފަރާތުގެ ދިފާޢީ ކޮމާންޑަރުންނަށް އެކުގައި އޮޕަރޭޝަންތައް ރާވައި، ހިންގުމަށް ފަސޭހަވާނެހެން އޮޕަރޭޝަނަލް މަރުކަޒުތައް އެއް ފުރާޅެއްގެ ދަށަށް ގެނައުން.
މި ޤާނޫނީ ހުށަހެޅުން ކޮންގްރެސްގެ ތެރެއިން ކުރިއަށްދާއިރު، އެމެރިކާގެ ސިޔާސީ މަސްރަޙުގައި ވަނީ ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ. ޔަހޫދީ ރެޖީމަށް ތާއީދުކުރާ ރިޕަބްލިކަން އަދި ޑިމޮކްރެޓްސްގެ މެންބަރުން ބުނާގޮތުގައި މިއީ މެދުއިރުމަތީގެ ހަމަޖެހުމަށާއި، އީރާނުގެ ނުރައްކާތަކުން ދިފާޢުވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
ނަމަވެސް، އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާ ޖަމާޢަތްތަކާއި ބައެއް ޕްރޮގްރެސިވް މެންބަރުން ވަނީ މިކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އެފަރާތްތަކުން ފާހަގަކުރާ ގޮތުގައި:
- މިފަދަ އެއްކޮށްލުމެއްގެ ސަބަބުން، ޣައްޒާ އަދި ފަލަސްޠީނުގެ ސަރަޙައްދުތަކުގައި ޔަހޫދީ ޖެނޮސައިޑް ރެޖީމުން ހިންގާ ޖެނޮސައިޑް ޙަރަކާތްތަކުގެ ސީދާ ޒިންމާ އެމެރިކާއިން އުފުލަން ޖެހޭނެއެވެ.
- ޔަހޫދީ ރެޖީމްގެ ފަރާތުން ހިންގާ އިންސާނީ ޙައްޤުތަކާ ޚިލާފު ޢަމަލުތަކަށް އެމެރިކާގެ ހަތިޔާރާއި ޓެކްނޮލޮޖީ ސީދާ ބޭނުންކުރުން އިތުރުވެގެންދާނެއެވެ.
- މި ބިލު ފާސްވެ، ޤާނޫނަކަށް ވެއްޖެނަމަ، މިއީ އެމެރިކާގެ ތާރީޚުގައިވެސް އެހެން ބަޔެއްގެ ދިފާޢީ ބާރުތަކާ މިފަދަ ގޮތަކަށް ގުޅިގެން މަސައްކަތްކުރަން ފަށާ ފުރަތަމަ ފަހަރަށް ވެގެންދާނެއެވެ.







