ކޮލެސްޓްރޯލް ބޭސްގުޅައަށް އަލްވަދާޢު.. އެންމެ އިންޖެކްޝނަކުން ކޮލެސްޓްރޯލް ދަށްކޮށްދޭ އައު ޖީން ތެރަޕީއެއް!

ފަހުގެ ކްލިނިކަލް ހޯދުންތަކުން ދައްކާގޮތުގައި، ހަށިގަނޑުގައި ހުންނަ ނުރައްކާތެރި "ބޭޑް ކޮލެސްޓްރޯލް" އާ ދެކޮޅަށް ކުރާ މަސައްކަތަށް ބޮޑު އިންގިލާބީ ބަދަލެއް ގެނެސްދޭނެ ފަދަ އުންމީދީ ޖީން ތެރަޕީއެއް ވަނީ ތަރައްޤީކޮށްފައެވެ. މި ފަރުވާއަކީ އެންމެ ޑޯޒެއް ނުވަތަ އެންމެ އިންޖެކްޝނަކުން ދެވޭ ފަރުވާއެކެވެ. މީގެ ސަބަބުން ހަށިގަނޑަށް ދިގު މުއްދަތުގެ އަސަރެއް ކުރާނެތީ، ކޮންމެ ދުވަހަކު އާންމުކޮށް ކާންޖެހޭ ބޭސްތައް ކެއުމުގެ ބޭނުން ކުޑަކޮށްދެއެވެ.

މި އައު ފަރުވާ ބިނާވެފައިވަނީ ޖީން އެޑިޓިންގ ޓެކްނޮލޮޖީގެ މައްޗަށެވެ. މީގެ އަމާޒަކީ ހަށިގަނޑުގައި ހުންނަ ނުރައްކާތެރި ސަރުބީ އުފެއްދުމާ ގުޅިފައިވާ ޖީންތައް މަސައްކަތްކުރުން ހުއްޓުވުމެވެ. މީގެ ސަބަބުން އެންމެ ޑޯޒަކަށް ފަހުވެސް، "ބޭޑް ކޮލެސްޓްރޯލް" ގެ ގޮތުގައި ފާހަގަވާ ލޯ-ޑެންސިޓީ ލިޕޯޕްރޮޓީން (އެލްޑިއެލް) ގެ މިންވަރު ދިގު މުއްދަތަކަށް ދަށްކޮށްދެއެވެ.

ކްލިނިކަލް ޓްރަޔަލްތަކުގެ ކުރީގެ މައުލޫމާތުތަކުން ދައްކާގޮތުގައި، "VERVE-102″ ގެ ނަމުން ނަންދެވިފައިވާ މި ތަޖުރިބާގެ ފަރުވާގެ އެންމެ ޑޯޒަކުން، ވާރުތަވާ ބައްޔެއްގެ ސަބަބުން ކޮލެސްޓްރޯލް މަތިވާ މީހުންނާއި ޅައުމުރުގައި ހާޓް އެޓޭކް ޖެހުމުގެ ފުރުސަތު ބޮޑު ބައެއް ބަލިމީހުންގެ ބޭޑް ކޮލެސްޓްރޯލްގެ މިންވަރު 50% އަށްވުރެ ބޮޑަށް ދަށްކޮށްދީފައެވެ. އަދި މިހާތަނަށް ހިންގި ތަޖުރިބާތަކުން ނުރައްކާތެރި އެއްވެސް ސައިޑް އިފެކްޓެއް ފާހަގަކުރެވިފައެއް ނުވެއެވެ.

މި ފަރުވާ މަސައްކަތްކުރާ ގޮތް

  • ޖީންއަށް އަމާޒުކުރުން: ލޭގައި ހުންނަ ސަރުބީގެ މިންވަރު ކޮންޓްރޯލްކުރާ ހާއްސަ ޖީންއަށް މީއިން އަމާޒުކުރެއެވެ.
  • ފުރަމޭގެ ސެލްތައް ބަދަލުކުރުން: މޭގެ ސެލްތަކުގެ ތެރޭގައި އެ ޖީންގެ ހަރަކާތްތައް ހުއްޓުވުމަށް ޒަމާނީ ޖީން އެޑިޓިންގ ބޭނުންކުރެއެވެ. ފުރަމެއަކީ ހަށިގަނޑުގައި ކޮލެސްޓްރޯލް އުފެއްދުމާއި ކޮންޓްރޯލްކުރުމުގެ މައިގަނޑު ގުނަވަނެވެ.
  • ދިގު މުއްދަތުގެ ހައްލު: ސައިންސްވެރިން އުންމީދުކުރަނީ މީގެ ސަބަބުން، މިހާރު ބޭނުންކުރާ ބޭސްގުޅަތަކާއި ތަކުރާރުކޮށް ޖަހަންޖެހޭ އިންޖެކްޝންތަކުގެ ބަދަލުގައި، ދާއިމީކޮށް ނުވަތަ ދިގު މުއްދަތަކަށް ކޮލެސްޓްރޯލް ދަށްކޮށްދޭނެ ކަމަށެވެ.

ހިތުގެ ބަލިތަކަށް ފަރުވާކުރުމުގެ މުސްތަގުބަލު

މި ދިރާސާގައި ބައިވެރިވި ސައިންސްވެރިން ބުނާގޮތުގައި، މިއީ ހިތުގެ ބަލިތަކަށް ފަރުވާކުރުމުގެ މުސްތަގުބަލެވެ. ޚާއްޞަކޮށް އާންމުކޮށްދޭ "ސްޓެޓިން" ފަދަ ބޭސްތަކުން ހާލަތު ރަނގަޅުނުވާ މީހުންނާއި، ވާރުތަވާ ބަލީގެ ސަބަބުން ކޮލެސްޓްރޯލް އިންތިހާއަށް މަތިވާ މީހުންނަށް މިއީ ބޮޑު އުންމީދެކެވެ.

މީގެ އިތުރުން، މިފަދަ އެހެން ޓެކްނޮލޮޖީއެއް ބޭނުންކޮށްގެން ހެދި ތަޖުރިބާއެއްގައި، "CTX310″ ގެ ނަމުން ނަންދެވިފައިވާ އައު ޖީން ތެރަޕީއަކުން ވަނީ ބޭޑް ކޮލެސްޓްރޯލްގެ އިތުރުން "ޓްރައިގްލިސރައިޑްސް" ފަދަ ލޭގައި ހުންނަ ސަރުބީގެ މިންވަރުވެސް 50% އާ ގާތްކުރާ މިންވަރަކަށް ދަށްކޮށްދީފައެވެ. މިއީ ހިތުގެ ބަލިތަކުގެ ނުރައްކާ އިތުރުކޮށްދޭ "ANGPTL3″ ނަމަކަށް ކިޔާ ޖީންއެއް ހުއްޓުވައިގެން ހޯދި ކާމިޔާބީއެކެވެ.

ބޭސްކެއުމުގެ ބުރަ ބޮޑުވުމުގެ މައްސަލައަށް ހައްލެއް

މާހިރުން ފާހަގަކުރާ ގޮތުގައި މި ފަރުވާގެ މުހިންމުކަން ހަމައެކަނި އޭގެ ކާމިޔާބީއަކު ނޫނެވެ. މިއީ ކޮލެސްޓްރޯލް ބަލި މީހުންނަށް ދިމާވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާ ގަވާއިދުން ދިގު މުއްދަތަކަށް ބޭސްކެއުމުގެ މައްސަލައަށް އޮތް ހައްލެކެވެ. ދުނިޔޭގެ އެކި ކޮޅުތަކުގައި މިލިއަނުން މީހުން ކޮންމެ ދުވަހަކު ބޭސްކާންޖެހެއެވެ ނުވަތަ ދޭތެރެ ދޭތެރެއިން އިންޖެކްޝަން ޖަހަންޖެހެއެވެ.

މި އުންމީދީ ނަތީޖާތަކާއެކުވެސް، ސައިންސްވެރިން ބުނަނީ މި ފަރުވާތައް އަދި އޮތީ ކުރީކޮޅުގެ ތަޖުރިބާތަކުގެ މަރުހަލާގައި ކަމަށެވެ. ޖީން އެޑިޓްކުރުމުގެ އަސަރު ގިނަ އަހަރުތަކަކަށް ނުވަތަ ދާއިމީކޮށް ދެމިއޮންނާތީ، މީގެ ރައްކާތެރިކަމާއި ދިގު މުއްދަތުގެ ފައިދާ ކަށަވަރުކުރުމަށްޓަކައި އަދިވެސް ފުޅާ ދިރާސާތަކެއް ކުރަންޖެހެއެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައިވެސް ބަލިމީހުން މޮނިޓަރު ކުރަމުންދާނެއެވެ.

މާހިރުން ދެކޭގޮތުގައި މި ޓެކްނޮލޮޖީ ކާމިޔާބުވެއްޖެނަމަ، ހިތުގެ ބަލިތަކާއި މެޓަބޮލިޒަމްގެ ބަލިތަކަށް ދެވޭ ފަރުވާއަށް އިންގިލާބީ ބަދަލެއް އަންނާނެއެވެ. އަދި ކޮލެސްޓްރޯލްގެ ބައްޔަކީ މުޅި އުމުރަށް ކޮންމެ ދުވަހަކު ބޭސްކާންޖެހޭ ބައްޔެއްގެ ބަދަލުގައި، އެންމެ ފަހަރަކު ކުރާ މެޑިކަލް ފަރުވާއަކަށް ބަދަލުވެގެންދާނެއެވެ.

ހިއްސާ ކުރައްވާ!