އެމެރިކާގެ ޔުނިވަރސިޓީ އޮފް ޕެންސިލްވޭނިއާގެ ދަށުން ހިންގާ "ޕެން ވޮޝިންގޓަން" ސެންޓަރުން ތައްޔާރުކޮށްފައިވާ ރިޕޯޓު ގައި ބަލާފައި ވަނީ މިހާރު ހިނގަމުންދާ އީރާނު-އެމެރިކާ ހަނގުރާމައިގެ ސަބަބުން މެދުއިރުމަތީގައި އެމެރިކާގެ ބާރަށް އަންނަ ބަދަލުތަކާއި، އެމެރިކާގެ ބާރުވެރިކަމާ މެދު ކުރިން ކުރެވުނު ތަޞައްވުރުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށެވެ. މިއީ ވޮޝިންގޓަންގެ ސަރަޙައްދީ ބަލިކަށިކަން ހާމަކޮށްދިން ހަނގުރާމައެއް ކަމަށް ބުނެއެވެ.
24 މާރިޗު 2026 ގައި ބޭއްވި ސިޔާސަތުތަކާ ބެހޭ ވަށް މޭޒު މަޝްވަރާގައި ތަފާތު ދާއިރާތަކުން ފާހަގަކޮށްލެވޭ މާހިރުން ބައިވެރިވެވަޑައިގަތެވެ. އޭގެ ތެރޭގައި ހިމެނެނީ:
- މެދުއިރުމަތީގެ ދިރާސާވެރިން: ސަރަޙައްދީ ސިޔާސީ މަސްރަޙު ދިރާސާކުރާ ފަރާތްތައް.
- ހަކަތަ އަދި އިންޝުއަރެންސް މާހިރުން: ބާޒާރުގެ އަގުތަކާއި ރިސްކުތައް ވަޒަންކުރާ ބޭފުޅުން.
- އަސްކަރީ ޕްލޭނަރުން: އަސްކަރީ އޮޕަރޭޝަންތަކާއި ރޭވުންތަކުގެ މާހިރުން.
- ބައިނަލްއަޤްވާމީ ސަލާމަތާއި އިޤްތިޞާދީ ހަމަޖެހުމާ ބެހޭ ތަޖުރިބާކާރުން.
މަޝްވަރާކުރެވުނު މައިގަނޑު މައުޟޫޢުތައް
މި ބައްދަލުވުމުގެ ބައިވެރިން ވަނީ ތިރީގައިވާ މުހިންމު ކަންކަމާ މެދު ފުޅާ ދާއިރާއެއްގައި ބަހުސްކޮށްފައެވެ:
- އެމެރިކާ، ޔަހޫދީ ރެޖީމް އަދި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ނަތީޖާތައް.
- މަސްރަޙު އިތުރަށް ގޯސްވެދާނެ ނުވަތަ ފިނިވެދާނެ ގޮތްތައް.
- މި ހަމަނުޖެހުމުގެ ސަބަބުން ބައިނަލްއަޤްވާމީ ސަލާމަތަށާއި ހަކަތައިގެ ބާޒާރަށް ކުރާނެ އަސަރުތައް.
- އެމެރިކާ އާއި ޗައިނާއާ ދެމެދު އޮތް ސްޓްރެޓީޖިކް ވާދަވެރިކަމަށް މިއިން ކުރާނެ އަސަރު
އީރާނު ހަނގުރާމައާއި އެމެރިކާގެ ނުފޫޒުގެ މުސްތަޤްބަލު: މައިގަނޑު ނުކުތާތައް
1. އެމެރިކާގެ ބިރުދެއްކުމުގެ ބާރު ކުޑަވުން:
- އެމެރިކާގެ އަސްކަރީ ކުރިއެރުމަކީ ސިޔާސީ ނަތީޖާ ކަށަވަރުކޮށްދޭ ކަމެއް ނޫންކަން މި ހަނގުރާމައިން ވަނީ ހާމަވެފައެވެ. އީރާނާ ދެކޮޅަށް ބާރުގަދަ ޙަމަލާތަކެއް ދިން ނަމަވެސް، ޢިރާޤު، ސޫރިޔާ، ލުބުނާން އަދި ޔަމަނުގައި އޮތް އީރާނުގެ ނުފޫޒާއި އެމީހުންގެ ސަރަޙައްދީ އިއްތިޙާދުތައް ބަލިކަށިކޮށްލުމަށް އެމެރިކާއަށް ވަނީ ނުކުޅެދިފައެވެ.
2. އީރާނުގެ ސާބިތުކަމާއި ނުސީދާ ހަނގުރާމައިގެ އުކުޅުތައް
- އީރާނުގެ ބާރުތަކާ ގުޅިފައިވާ އެކި ޖަމާޢަތްތައް މެދުވެރިކޮށް ނުސީދާކޮށް ހަނގުރާމަކުރުމަށް އީރާނަށް ލިބިފައިވާ ޤާބިލުކަމަކީ އެމެރިކާގެ ރޭވުންތަކަށް ކުރިމަތިވެފައިވާ ބޮޑު ހުރަހެކެވެ. ޠެހެރާނުން ވަނީ ސަރަޙައްދުގެ ޖިއޮގްރަފީ އަދި ސިޔާސީ ބައިބައިވުންތައް އެމީހުންގެ ސްޓްރެޓީޖިކް ބާރަކަށް ބަދަލުކޮށްލާފައެވެ.
3. ސަރަޙައްދީ ބާރުތަކުގެ ގުޅުންތައް ބަދަލުވުން
- މި ހަނގުރާމައިގެ ސަބަބުން ޚަލީޖުގެ އަރަބި ޤައުމުތަކުގެ ވިސްނުމަށް ވަނީ ބަދަލުތަކެއް އައިސްފައެވެ. އޭގެ ތެރެއިން ބައެއް ޤައުމުތަކުން ދަނީ ސަލާމަތީގޮތުން އެމެރިކާއަށް އެކަނި ބަރޯސާވުން ހުއްޓާލާ، ޗައިނާ އާއި ރަޝިޔާއާއެކު އޮންނަ ގުޅުންތައް އިތުރަށް ބަދަލުކޮށް ވަރުގަދަކުރަމުންނެވެ.
4. ދުނިޔޭގެ ފެންވަރުގައި ކުރާނެ އަސަރުތައް
- މި ހަނގުރާމައަކީ ދުނިޔޭގެ ސިޔާސީ މަސްރަޙުން އެމެރިކާގެ ހަމައެކަނި ބާރުވެރިކަމުގެ ނިޒާމު ބަލިކަށިވަމުންދާކަމުގެ ނިޝާނެކެވެ. މެދުއިރުމަތީގައި އެމެރިކާއިން ބޭނުންވާ ގޮތަށް ކަންކަން ނިންމުމަށް ކުރާ މަސައްކަތް ނާކާމިޔާބުވުމަކީ މުޅި ދުނިޔޭގެ ބާރު ދެއްކުމަށް އަންނަ ބަދަލުތަކާ ގުޅިފައިވާ ކަމެކެވެ.
އެމެރިކާއަކީ މެދުއިރުމަތީގެ ބޮޑު ބާރުގެ ގޮތުގައި ދެމިއޮތް ނަމަވެސް، އެމެރިކައިން ބޭނުންވާ ގޮތްގޮތަށް ގޮތަށް ޝަރުޠުތައް ކަނޑައެޅުމުގެ ބާރު ދަނީ ދުވަހުން ދުވަހަށް ކުޑަވަމުންނެވެ. އީރާނުގެ ސާބިތުކަމާއި، ސަރަހައްދުގެ ބަދަލުވަމުންދާ އިއްތިޙާދުތަކުގެ ސަބަބުން މެދުއިރުމަތި ބަދަލުވެގެންދާނީ ގިނަ ބާރުތަކެއް އެކުލެވޭ އެެމެރިކާއަށް އެކަނި ކޮންތްރޯލު ނުކުރެވޭނެފަދަ ސަރަޙައްދަކަށެވެ.





