ހުޅަނގުގެ 200 އަހަރުވީ ސޮލީބީ އިސްތިއުމާރީ ރޭވުންތަކާ ދެކޮޅަށް ފަލަސްޠީނުން އަދިވެސް ދަނީ ޖިހާދު ކުރަމުން

ފަލަސްޠީނުގެ ރައްޔިތުންނާ މެދު ހުޅަނގުގެ ސޮލީބީ ބާރުތަކުން ގެންގުޅޭ ދެކޮޅުވެރިކަމަކީ އައު ކަމެއް ނޫނެވެ. ފަލަސްޠީނު މީހުންގެ ކެކުޅުންތަކަކީ، ފާއިތުވީ 200 އެއްހާ އަހަރު ރާވައިގެން ހިންގާ، ދީނީ ޓެރަރިޒަމާއި އަދި އާބާދީއަށް ބަދަލު ގެންނަ އިސްތިއުމާރީ ސިޔާސަތުތަކުގެ ތެރެއިން އުފެދިފައިވާ މެދުކެނޑުމެއްނެތް ސިލްސިލާއެކެވެ. ޒަޔަނިޒަމް އަކީ މި ދިގު ތާރީޚުގެ އެންމެ ފަހުގެ މަރުޙަލާއެވެ. މިއީ އެއްޒަމާނެއްގައި ޔަހޫދީންނަށް ބޮޑެތި އަނިޔާތަކެއް ދިން ހުޅަނގުގެ ބާރުތަކުން، ފަހުން އެމީހުންގެ އަމިއްލަ ޖަރީމާތަކަށް ފަސް އަޅައި ފޮރުވުމަށްޓަކައި އަދި އިސްތިއުމާރީ މަޤްޞަދުތައް ޙާޞިލުކުރުމަށްޓަކައި ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށްގެން އުފެއްދި އޮޅުވާލުމެކެވެ.

ތާރީޚީ ޙަޤީޤަތްތަކާއި ހުޅަނގުގެ ރޭވުންތައް

  • ސޮލީބީ ހަނގުރާމަވެރިންގެ ފަހުގެ ދައުރު: ސޮލީބީ ހަނގުރާމަތައް ނިމުމަކަށް އައި ނަމަވެސް، ޔޫރަޕްގެ ނަޞާރާ ޖަމާޢަތްތަކުން ޚާއްޞަކޮށް ޕްރޮޓެސްޓަންޓް ޙަރަކާތްތަކުން ފަލަސްޠީނަކީ ދީނީ އަދި އިސްތިއުމާރީގޮތުން ވެރިވެގަންނަންޖެހޭ ބިމެއްގެ ގޮތުގައި ދެކެމުންދިޔައެވެ.
  • 18 އަދި 19 ވަނަ ޤަރުނު: ފަރަންސޭސިވިލާތް، އިނގިރޭސިވިލާތް އަދި ފަހުން އެމެރިކާއިން ވަނީ އެމީހުންގެ ސިޔާސީ ނުފޫޒު ފުޅާކުރުމަށްޓަކައި، ޔޫރަޕްގެ ޔަހޫދީން ފަލަސްޠީނުގައި އާބާދުކުރުމުގެ ބޮޑެތި މަޝްރޫޢުތައް ރާވާފައެވެ.
  • އެމެރިކާގެ ކޮލޮނީތައް: 1800 ގެ އަހަރުތަކުގެ މެދުތެރޭގައި އެމެރިކާ އާއި ޔޫރަޕްގެ ޕްރޮޓެސްޓަންޓުން ވަނީ ނަސްރާނީ ދީން ފަތުރާ ދޮން މީހުންގެ ބަސްތީތައް، ކޮލޮނީތަކެއް ފަލަސްޠީނުގެ ބިމުގައި ހަދާފައެވެ.
  • ޒަޔަނިޒަމް އުފެދުން: ޒަޔަނިސްޓް ޙަރަކާތް އުފެދިގެން އައީ މިފަދަ އިސްތިއުމާރީ ވެށްޓެއްގެ ތެރެއިންނެވެ. އޭރު ޔޫރަޕްގެ ސަރުކާރުތަކަކީ ޔަހޫދީންނާ އިންތިހާއަށް ދެކޮޅު އެމީހުންގެ ނަސްލު ނައްތާލަން ބޭނުންވި ބައެކެވެ. ނަމަވެސް، އެމީހުން ބޭނުންވީ ޔޫރަޕްގެ ބިމުން ޔަހޫދީ އާބާދީ ބޭރުކޮށްލައި އެތަނުން އެ ނަސްލު ފޮހެލާށެވެ!

ޒަޔަނިޒަމް އާއި ހުޅަނގުގެ ބާރުތަކުގެ ގުޅުން

ހުޅަނގުގެ ޤައުމުތަކުން ކުރިން ޔަހޫދީންނާ މެދު ގެންގުޅުނު ނަސްލު ފޮހެލުމުގެ ނަފުރަތު، 1917 ގެ ފަހުން އަދި ޚާއްޞަކޮށް 1945 ގެ ފަހުން "ޔަހޫދީންނަށް އެހީތެރިވުން" ކަމަށް ލޭބަލްކޮށް އޮޅުވާލައިގެން ބަދަލުކޮށްލިއެވެ. ނަމަވެސް މިއީ ޙަޤީޤީ ލޯތްބެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. މިކަމިގައި މިމީހުންގެ:

  • އަމިއްލަ އެދުން: ހުޅަނގުގެ ސަރުކާރުތަކުން މިއަދުވެސް ޔަހޫދީ ރެޖީމަށް ތާއީދުކުރަނީ ޔަހޫދީންދެކެ ވާ ލޯތްބަކުން ނެއް ނޫނެވެ. އެއީ މެދުއިރުމަތީގައި ހުޅަނގުގެ އަސްކަރީ އަދި ސިޔާސީ ނުފޫޒު ދެމެހެއްޓުމަށްޓަކައެވެ.
  • އިދިކޮޅު ޔަހޫދީން ބާކީކުރުން: ޒަޔަނިޒަމްއާ ދެކޮޅު ޔަހޫދީ ޙަރަކާތްތައް ޔޫރަޕާއި އެމެރިކާގައި އޮތް ނަމަވެސް، 1967 ގެ ފަހުން އެ ޖަމާޢަތްތައް ބާކީކޮށް، އެއީ "އަމިއްލަ ނަފްސަށް ނަފުރަތުކުރާ" ބައެއްގެ ގޮތުގައި ވަނީ ލޭބަލްކޮށްފައެވެ.

ފަލަސްޠީނުގެ ނުގުޑާ އަޒުމާއި ދިފާޢީ ބާރު

ފަލަސްޠީނުގެ ރައްޔިތުން ދަނީ 19 ވަނަ ޤަރުނުން ފެށިގެން ނަޞާރާ، ޔަހޫދީ ، ސަހުޔޫނީ އަދި ބޭރުގެ އެކި އިސްތިއުމާރީ ބާރުތަކާ ދެކޮޅަށް ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.

  • ދެމެހެއްޓެނިވި ޖިހާދު: 1980 ގެ އަހަރުތަކަށްފަހު ފަލަސްޠީނުގެ މިނިވަންކަމަށް މަސައްކަތްކުރި ޖަމާޢަތްތަކާއި ޕިއެލްއޯގެ ބާރު ކުޑަވެ، ފަލަސްޠީނިއަން އޮތޯރިޓީ އުފެދުނު ނަމަވެސް، އާންމު ރައްޔިތުން ދަނީ ޔަހޫދީ ރެޖީމުގެ އަސްކަރީ ވެރިކަމާއި ފުޅާވަމުންދާ އާބާދީތަކާ ދެކޮޅަށް ކޮންމެ ދުވަހަކުވެސް ނުގުޑާ އަޒުމެއްގައި ތެދުވަމުންނެވެ. އިސްލާމީ ހަމާސާއި އިސްލާމީ ޖިހާދުގެ މީގެ ބަދަލުގައި އުފެދުނު ހަރަކާތްތަކެވެ.

މި ހިތްވަރުގަދަ މަސައްކަތުގެ ސަބަބުން މިއަދު މުޅި ދުނިޔޭގެ ސަމާލުކަމާއި ހަމްދަރުދީ ފަލަސްޠީނުގެ މިނިވަންކަމުގެ ހަރަކާތަށް ވަނީ ލިބިފައެވެ. މީގެ ތެރޭގައި ޒަޔަނިޒަމާ ދެކޮޅު ހަދާ ހުޅަނގުގެ ޔަހޫދީންވެސް ހިމެނެއެވެ.

މިއަދު ހުޅަނގުގެ މީޑިއާއާއި، ޔުނިވަރސިޓީތަކުން އަދި ސަރުކާރުތަކުން ޔަހޫދީ ރެޖީމަށް ދޭ ބޮޑު ތާއީދަކީ މި ބުނާ ދިގު ތާރީޚީ އިސްތިއުމާރީ ރޭވުމުގެ ބައެކެވެ. ޣައްޒާގައި މިހާރު ހިންގަމުންދާ ނަސްލު ނައްތާލުމާއި ލޭއޮހޮރުވުންތަކާއި މުޅި ސަރަހައްދު ސުންނާފަތިކުރުމަކީވެސް އެ 200 އަހަރުވީ އިސްތިއުމާރީ ވިސްނުމުގެ ނަތީޖާއެވެ.

ބާރުގެ ބޭނުން ކިތަންމެ ބޮޑަކަށް ކުރި ނަމަވެސް، ޔަހޫދީ ރެޖީމާއި ހުޅަނގުގެ ބާރުތައް މި ކުރަނީ ނާކާމިޔާބުވާނެ ހަނގުރާމައެކެވެ. ސަބަބަކީ ފަލަސްޠީނުގެ ރައްޔިތުންގެ ސާބިތުކަމާއި ދިފާޢީ ހިތްވަރު، އެ ބިމަށް ވެރިވެގަތް ކޮންމެ އިސްތިއުމާރީ ބާރަކަށްވުރެ ގަދަވެފައި ދިގުދެމިގެން ގޮސްފައިވުމެވެ.

ހިއްސާ ކުރައްވާ!