އައު ސެޓެލައިޓް ފޮޓޯތަކުން ހާމަވާ ގޮތުގައި، ޔަހޫދީ ޖެނޮސއިޑް ސިފައިން ޣައްޒާގައި އަސްކަރީ ބާރު ފުޅާކުރަމުންދާއިރު، ޣައްޒާގެ ދެކުނުގެ ބޮޑު ބައެއް ވަނީ މުޅިން ސުންނާފަތިކޮށްލާފައެވެ. "ގޫގުލް އާތު" އަށް އެންމެ ފަހުން އިތުރުކުރި މަތީ ފެންވަރުގެ ފޮޓޯތަކުން ފެންނަ ގޮތުގައި، މުޅި އަވަށްތަކާއި، ގަބުރުސްތާންތަކާއި، ދަނޑުވެރި ބިންތަކާއި އައްސޭރިފަށުގެ މުޖުތަމަޢުތައް ވަނީ ނައްތާލާ، ނުވަތަ ޔަހޫދީ ޖެނޮސއިޑް ސިފައިންގެ އަސްކަރީ ބޭސްތަކަކަށް ބަދަލުކޮށްލާފައެވެ.
"ޔޫރޯ-މެޑް ހިއުމަން ރައިޓްސް މޮނިޓަރ" އިން ހާމަކުރާ ގޮތުގައި، ޣައްޒާގެ ގަބުރުސްތާންތަކުގެ 94 އިންސައްތަ ވަނީ މުޅިން ނުވަތަ ބޮޑުބައެއް ހަލާކުކޮށްލާފައެވެ. އަދި އޭގެ ތެރެއިން ގިނަ ތަންތަން ވަނީ އަސްކަރީ މަރުކަޒުތަކަށް ބަދަލުކޮށްފައެވެ. ފަލަސްޠީނުގެ ނޫސްވެރިއެއް ކަމަށްވާ މުހަންނަދު ޤިޝްތާ "އަލްޖަޒީރާ" އަށް ކިޔައިދިންގޮތުގައި، ޚާން ޔޫނިސްގައި ހުރި އޭނާގެ އުޚުތުންގެ މަހާނަތައްވެސް މިހާރު ފެންނާކަށެއް ނެތެވެ. ސަބަބަކީ އެ ގަބުރުސްތާނުގެ މަތީގައި މިހާރު ޔަހޫދީ ޖެނޮސއިޑް ސިފައިންގެ އަސްކަރީ ޓެންޓުތަކާއި ހަމަލާދޭ ވެހިކަލްތައް ޕާކްކޮށްފައިވުމެވެ.
މުޅި އަވަށްތައް ބިމާހަމަކޮށްލުން
- ސައުދީ ނެއިބަހުޑް (ތައެްލުއްސުލްޠާން): ކުރިން 752 ހައުސިންގ ޔުނިޓް ހުރި މި އަވަށް ވަނީ މުޅިން ފުނޑުފުނޑުކޮށްލާފައެވެ.
- ސްވީޑިޝް ވިލޭޖް (ރަފަޙް): ރެފިއުޖީންނަށް ބޯހިޔާވަހިކަން ދިނުމަށް 1965 ގައި ބިނާކުރި މި އައްސޭރިފަށުގެ އަވަށް ވަނީ އިސްރާއީލުގެ އަސްކަރީ ޒޯނަކަށް ބަދަލުކޮށްފައެވެ. އެތަނުން ސަލާމަތްވެފައިވަނީ އެންމެ 5 ގެއެވެ.
- ރަފަޙް ބޯޑަރު ކްރޮސިންގ: ޣައްޒާގެ ރައްޔިތުން ބޭރަށް ދިއުމަށް ބޭނުންކުރި މައި ދޮރާށި ވަނީ މުޅިން ހަލާކުކޮށް، އެތަނުގައި އިސްރާއީލުގެ އަސްކަރީ ސާވައިލަންސް ޕޯސްޓުތަކާއި ކަށިނަރު ދަމާފައެވެ.
- އިރުމަތީ ޚާން ޔޫނިސް: ބަނީ ސުހައިލާ، އަބަސާން އަދި އަލްޒަނާ ފަދަ 120,000 މީހުން އުޅުނު އަވަށްތައް ވަނީ އަސްކަރީ މަގުތަކަކުން ވަކިކޮށްލާފައެވެ. މިއާއެކު އެތައް ބަޔަކު ވަނީ އަލްމަވާސީ އަދި ދޭރުލްބަލަޙްގެ ފުރިބާރުވެފައިވާ ޓެންޓުތަކަށް ހިޖުރަކުރަން މަޖުބޫރުވެފައެވެ.
ތަޢުލީމީ ނިޒާމާއި ދަނޑުވެރިކަން ގަސްދުގައި ހަލާކުކޮށްލުން
- ޔުނިސެފުން ރިޕޯޓްކުރާ ގޮތުގައި ޣައްޒާގެ 97 އިންސައްތައަށްވުރެ ގިނަ ސްކޫލް ޔަހޫދީ ޖެނޮސއިޑް ސިފައިން ވަނީ ހަލާކޮށް ސުންނާފަތި ކޮށްފައެވެ. މީގެ ސަބަބުން 658,000 ކުދިންނަށް ރަސްމީ ތަޢުލީމު ނުލިބޭތާ ދެ އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. މީގެ އިތުރުން، އިސްލާމިކް ޔުނިވަރސިޓީ، އަދި ޣައްޒާގެ އަލްއަޒްހަރު ޔުނިވަރސިޓީ އަދި އަލްއިސްރާ ޔުނިވަރސިޓީ ފަދަ މައިގަނޑު ހުރިހާ މަތީ ތަޢުލީމުދޭ މަރުކަޒުތައް ވަނީ ގޮއްވާލާ ބިމާހަމަކޮށްފައެވެ.
- ދަނޑުވެރިކަމަށް ބަލާއިރު، އދ. ގެ ފުޑް އެންޑް އެގްރިކަލްޗާ އޯގަނައިޒޭޝަން އިން ބުނަނީ ޣައްޒާގެ ދަނޑުހައްދާ ބިންތަކުގެ ތެރެއިން ބޭނުންކުރެވެނީ 5 އިންސައްތައަށްވުރެ ކުޑަ މިންވަރެއް ކަމަށެވެ. ބުލްޑޯޒަރުތައް ބޭނުންކޮށްގެން ފަސްގަނޑު ޖަހައި ގްރީންހައުސްތައް ނައްތާލުމުގެ ސަބަބުން ބަނޑުހައިހޫނުކަމުގެ މައްސަލަ ވަނީ އިންތިހާއަށް ބޮޑުވެފައެވެ.
"އަޅުގަނޑުމެން މިތިބީ ބޮޑު ބަނޑުހައިހޫނުކަމާ ދާދި ގާތުގައި. ކާބޯތަކެތި ބަހާ ތަންތަނުން އާއިލާތައް އެނބުރި އަންނަނީ ހުސް ތަށިތަކާއެކު." ނޫސްވެރިޔާ ޢުލާ އަބޫ މުޢައްމަރު:
ހަމަލަބަދަލު ކުރުން ހުއްޓާލާ ލައިނާ ޚިލާފަށް އިސްރާއީލުން ބާރު ފުޅާކުރުން
އިސްރާއީލުގެ ޗެނަލް 12 އިން ލީކުވި ވީޑިއޯއެއްގައި ފެންނަ ގޮތުގައި، ޖެނޮސައިޑް ޔަހޫދީ ނަތަންޔާހޫ ވަނީ ޣައްޒާގެ ބާރު ފުޅާކުރުމުގެ މިންވަރު 60 އިންސައްތައިން 70 އިންސައްތައަށް އިތުރުކުރުމަށް ޔަހުދީ ޖެނޮސައިޑް ސިފައިންނަށް އަމުރުކޮށްފައެވެ. މިއީ އެމެރިކާ މެދުވެރިވެގެން ވެފައިވާ ހަމަލަ ދިނުން ހުއްޓާލުމުގެ އެއްބަސްވުމުގެ "ޔެލޯ ލައިން"އާ ޚިލާފު ކަމެކެވެ.
އެހީދޭ ޖަމިއްޔާތަކަށް މާރިޗު މަހު ސިއްރިއްޔާތުގައި ފާއްދާލި މަޢުލޫމާތު ބުނާ ގޮތުގައި، ޔަހުދީ ޖެނޮސައިޑް ރެޖީމުން މިހާރުވެސް ޣައްޒާގެ 64 އިންސައްތަ ބިން ވަނީ ހިފާފައެވެ. އަލްޖަޒީރާގެ ހިސާބުތަކުން ދައްކާގޮތުގައި، އޮކްޓޯބަރުން ފެށިގެން އެޕްރީލް މަހުގެ ނިޔަލަށް ޔަހުދީ ޖެނޮސައިޑް ރެޖީމުން ވަނީ 2,400 އަށްވުރެ ގިނަ ފަހަރު ހަމަލަތައް ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވެފައެވެ. ޚާއްޞަކޮށް، ފެބްރުއަރީ މަހު ޔަހުދީ ޖެނޮސައިޑް ރެޖީމަށް ވާގިވެރިވާ އެމެރިކާ އާއި ޔަހުދީ ޖެނޮސައިޑް ރެޖީމުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައަށްފަހު ޣައްޒާއަށްދޭ ހަމަލާތައް ވަނީ ކުރިއަށްވުރެ ވަރުގަދަކޮށްފައެވެ.
މިހާރު ޣައްޒާގެ 1.9 މިލިއަން ރައްޔިތުން ގެދޮރު ގެއްލި، ބައެއް އާއިލާތައް 10 އަށްވުރެ ގިނަ ފަހަރު ހިޖުރަކުރަން ޖެހިފައިވާއިރު، އެ އެންމެން ތިބީ އަލްމަވާސީގެ އައްސޭރިފަށުގެ ކުޑަކުޑަ ސަރަހައްދެއްގެ ޓެންޓުތަކުގައި ތޮއްޖެހިފައެވެ. އަލްޖަޒީރާ



