ޓްރަމްޕް އެދޭ ގޮތަށް އަމަލުކޮށްފިނަމަ ޕާކިސްތާނުގެ ހުރިހާ ޕާސްޕޯޓެއް އަލުން ޕްރިންޓްކުރަން ޖެހިދާނެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެދިވަޑައިގަންނަވާ ގޮތަށް، އިސްރާއީލު ބަލައިގަނެ "އަބްރަހަމް އެކޯޑްސް" ގައި ޕާކިސްތާނުން ބައިވެރިވެއްޖެނަމަ، އެ ގައުމުގެ ރައްޔިތުން ބޭނުންކުރާ ހުރިހާ ޕާސްޕޯޓެއް އަލުން ޕްރިންޓްކުރަން ޖެހިދާނެކަމަށް އިނގިރޭސިވިލާތުގެ 'ދަ އިންޑިޕެންޑެންޓް' ނޫހުން ރިޕޯޓްކޮށްފިއެވެ.

މެދުއިރުމަތީގެ މައްސަލަތަކާ ގުޅުވައިގެން ޓްރަމްޕް ވަނީ ބައެއް ގައުމުތަކުން، ޚާއްސަކޮށް ޕާކިސްތާނާއި ސައުދީ އަރަބިއްޔާ ފަދަ ގައުމުތަކުން އިސްރާއީލާއެކު ގުޅުން ގާއިމުކުރުމަކީ މަޖުބޫރުކަމެއްގެ ގޮތުގައި ހެދުމަށް ގޮވާލައްވާފައެވެ. ނަމަވެސް ޕާކިސްތާނުން ވަނީ މިކަމާ ދެކޮޅު ހަދައި، އެއްބަސްވުމުގައި ބައިވެރިނުވާނެކަން ހާމަކޮށްފައެވެ.

އިންޑިޕެންޑެންޓް ނޫހުން ބުނެފައިވާ ގޮތުގައި، ޓްރަމްޕްގެ ހުށަހެޅުމާ އެއްގޮތަށް ޕާކިސްތާނުން އިސްރާއީލު ބަލައިގެންފިނަމަ އެ ގައުމަށް ބޮޑު އިދާރީ މައްސަލައަކާ ކުރިމަތިލާންޖެހޭނެއެވެ. ސަބަބަކީ، މިހާރު ޕާކިސްތާނުން ދޫކުރާ ކޮންމެ ޕާސްޕޯޓެއްގައިވެސް، "މި ޕާސްޕޯޓަކީ އިސްރާއީލު ފިޔަވައި ދުނިޔޭގެ ހުރިހާ ގައުމަކަށް ދަތުރުކުރުމަށް ސައްހަ އެއްޗެއް" ކަމަށް ފާޅުކަންބޮޑުކޮށް ލިޔެފައި އޮންނާތީއެވެ.

ޕާކިސްތާނަކީ 1947 ވަނަ އަހަރު މިނިވަންކަން ލިބުނީއްސުރެ އިސްރާއީލު ބަލައިގެންފައިވާ ގައުމެއް ނޫނެވެ. އަދި ޕާސްޕޯޓުގައި ލިޔެފައިވާ އެ ޢިބާރާތަކީ ފަލަސްތީނުގެ ހައްގުގައި އެ ގައުމުން ގެންގުޅޭ ޚާރިޖީ ސިޔާސަތު ރަމްޒުކޮށްދޭ މުހިންމު ނިޝާނެކެވެ.

ޓްރަމްޕްގެ ނިންމުމާ އެއްގޮތަށް ޕާކިސްތާނުން އިސްރާއީލާއެކު ގުޅުން ގާއިމުކޮށްފިނަމަ، ޕާސްޕޯޓުގައިވާ އެ ޢިބާރާތް ސަރުކާރުގެ ސިޔާސަތާ ފުށުއަރާނެއެވެ. އެހެންކަމުން މުޅި ޕާސްޕޯޓްގެ ޑިޒައިން ބަދަލުކޮށް، އައު ޕާސްޕޯޓްތަކެއް ޕްރިންޓްކުރުން ނޫން އިތުރު ގޮތެއް އެ ގައުމަށް ނޯންނާނެކަމަށް ނޫހުގައި ބުނެފައިވެއެވެ. މިއީ މެލޭޝިއާ އަދި ބަންގްލަދޭޝް ފަދަ ގައުމުތަކުގެ ޕާސްޕޯޓުގައިވެސް އޮންނަ ފަދަ ލިޔުމެކެވެ.

ހިއްސާ ކުރައްވާ!