ޗައިނާއިން ބޭރުގެ ވިޔަފާރިތަކާއި ސްޓޮކް މާކެޓް ކޮންޓްރޯލްތައް ހަރުކަށިކުރަނީ ކީއްވެ؟

ޗައިނާގެ ރައްޔިތުން ގައުމުން ބޭރުގެ ހިއްސާގެ ބާޒާރުގައި އިންވެސްޓްކުރުން ކޮންޓްރޯލްކުރުމަށް އެ ގައުމުގެ ސަރުކާރުން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. ބްލޫމްބާގުން ރިޕޯޓްކޮށްފައިވާ ގޮތުގައި މީގެ މައިގަނޑު ސަބަބަކީ ގައުމުން ބޭރަށް ގިނަ އަދަދެއްގެ ފައިސާ ނުކުމެގެން ދިއުން ހުއްޓުވުމެވެ.

ފާއިތުވި އަހަރު އެކަނިވެސް، ހުއްދަ ނެތި ގާތްގަނޑަކަށް 1 ޓްރިލިއަން އެމެރިކާ ޑޮލަރު ވަނީ ޗައިނާއިން ބޭރަށް ގެންގޮސްފައެވެ. މިކަމާ ގުޅިގެން ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ވަނީ، ގައުމުގެ އެތެރޭގެ ލައިސަންސް ނެތި ހިންގާ ބޭރުގެ މާރުކުރާ ކުންފުނިތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މީގެ ތެރޭގައި ފޫޓޫ އަދި ޓައިގާ ފަދަ މަޝްހޫރު ކުންފުނިތައް ހިމެނެއެވެ.

މި ކޮންޓްރޯލްތަކުގެ މުހިންމު އެއް ބޭނުމަކީ ޗައިނާގެ ފައިސާގެ އަގު ހިފެހެއްޓުމާއި މާލީ ނިޒާމުގެ ހަމަޖެހުން ގާއިމުކުރުމެވެ. މީގެ އިތުރުން، ބޭރުގެ ޕްލެޓްފޯމްތައް މެދުވެރިކޮށް މުއާމަލާތްކުރުމުން މަރުކަޒީ ބޭންކަށް އެ މުއާމަލާތްތައް މޮނިޓަރކުރަން ދަތިވުމާއި، މަނީ ލޯންޑަރިންގ އަދި މަކަރާއި ހީލަތް ހެދުމުގެ ފުރުސަތު ބޮޑުވުންވެސް މި ފިޔަވަޅުތައް އެޅި ސަބަބުތަކުގެ ތެރޭގައި ހިމެނެއެވެ.

އައު ގަވާއިދުތަކުގެ ދަށުން، ޗައިނާގެ އިންވެސްޓަރުންނަށް ބޭރުގެ މާކެޓްތަކުގައި އައު އިންވެސްޓްމަންޓްތައް ކުރުން ވަގުތީގޮތުން ވަނީ މަނާކޮށްފައެވެ. އަދި މިހާރު ހުރި އެކައުންޓްތަކުން ފައިސާ ނެގުމަށް ދެ އަހަރު ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

މުހައްލިލުން ބުނާ ގޮތުގައި، ޗައިނާ ސަރުކާރުން މި ފިޔަވަޅުތައް އަޅަމުންދަނީ އެ ގައުމުގެ އެތެރޭގެ އިގްތިސާދަށް ފައިސާ ވެއްދުމަށާއި، ބޭރު ގައުމުތަކުގެ މާކެޓްތަކަށް ބަރޯސާވުން ކުޑަކުރުމުގެ މަގުސަދުގައެވެ.

ހިއްސާ ކުރައްވާ!