ޗައިނާގެ ދުންފަތުގެ މައްސަލަ ދަނީ އިތުރަށް ގޯސްވަމުން

ޗައިނާގެ ރައީސް ޝީ ޖިންޕިންގް މީގެ އަހަރުތަކެއް ކުރިން ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލައްވާފައި ވީނަމަވެސް، އެމަނިކުފާނު ލީޑުކުރައްވާ ގައުމަކީ އަދިވެސް ދުނިޔޭގައި އެންމެ ގިނައިން ސިނގިރޭޓު ބޭނުންކުރާ ގައުމެވެ. އަދި އިސްލާހީ ފިޔަވަޅުތަކެއް އަޅާނެކަމަށް ކުރިން ވެފައިވާ ވަޢުދުތަކާއެކުވެސް، ދުންފަތުގެ އިސްތިއުމާލުކުރުން މަދުކުރުމަށް ކުރެވޭ މަސައްކަތްތައް ވަނީ މަޑުޖެހިފައެވެ.

2012 ވަނަ އަހަރު ޝީ ވަނީ ބިލް ގޭޓްސް ގާތު، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމުން ސިއްހަތަށް ކުރިއެރުން ލިބިއްޖެކަމަށް ވިދާޅުވެފައެވެ. އަދި ދުންފަތަކީ ގައުމީ ބޮޑު މައްސަލައެއްކަމަށް ގަބޫލުފުޅުކުރައްވައި، އެކަމަށް "ފިޔަވަޅުތަކެއް އަޅުއްވާނެ" ކަމަށް ވަޢުދުވެވަޑައިގަތެވެ. ނަމަވެސް ދިހަވަރަކަށް އަހަރު ފަހުންވެސް، ދުންފަތުގެ އިސްތިއުމާލުކުރާ ނިސްބަތް ދަށްކުރުމުގައި ނުވަތަ މުޅި ގައުމުގައި އާންމު ތަންތަނުގައި ސިނގިރޭޓު ބުއިން މަނާކުރުމުގެ ގާނޫނެއް ތަންފީޒުކުރުމުގައި ޗައިނާއިން ހޯދާފައިވަނީ ވަރަށް ކުޑަ ކުރިއެރުމެކެވެ.

ދުނިޔޭގެ ނިސްބަތުން ސިނގިރޭޓު ވިއްކާ މިންވަރު ދަށްވެފައިވީ ނަމަވެސް، ޗައިނާގެ މިސްރާބު ހުރީ މުޅިން އިދިކޮޅަށެވެ. މުޅި ދުނިޔޭގައި ސިނގިރޭޓު ބޭނުންކުރާ މިންވަރު 26% ދަށްވެފައިވާއިރު، 2003 އިން 2023 އަށް ޗައިނާގައި ސިނގިރޭޓު ބޭނުންކުރި މިންވަރު ވަނީ 39% އިތުރުވެފައެވެ. ދުނިޔޭގައި ވިއްކާ ސިނގިރޭޓުގެ ދެބައިކުޅަ އެއްބައި މިހާރު ބޭނުންކުރަނީ ޗައިނާގައެވެ. އެގޮތުން ކޮންމެ އަހަރަކު 2.4 ޓްރިލިއަން ސިނގިރޭޓު އެ ގައުމުން ގަނެއެވެ.

މިކަމަށް އޮތް އެންމެ ބޮޑު އެއް ހުރަހަކީ، ސިނާއަތް ރެގިއުލޭޓްކުރުމުގެ އިތުރުން 'ޗައިނާ ނޭޝަނަލް ޓޮބޭކޯ ކޯޕަރޭޝަން' ހިންގަމުން އަންނަ 'ސްޓޭޓް ޓޮބޭކޯ މޮނޮޕޮލީ އެޑްމިނިސްޓްރޭޝަން' އެވެ.

  • 2025 ވަނަ އަހަރު އެ ކުންފުނިން ފައިދާއާއި ޓެކްސްގެ ގޮތުގައި 244 ބިލިއަން ޑޮލަރު ހޯދާފައިވެއެވެ.
  • މިއީ ޗައިނާ ސަރުކާރުގެ އާމްދަނީގެ ގާތްގަނޑަކަށް 7% އެވެ.
  • އެ ގައުމުގެ އަސްކަރީ ޚަރަދުތަކާ ގާތްކުރާ އަދަދެކެވެ.
  • މާލީ ގޮތުން މިހާ ބޮޑަށް ބަރޯސާވެފައި އޮތުމުގެ ސަބަބުން، ދުންފަތާބެހޭ އިދާރާއަށް ސިޔާސީ ގޮތުން ބޮޑު ނުފޫޒެއް ލިބި، ދުންފަތާ ދެކޮޅަށް ހިންގާ ހަރަކާތްތައް ވަނީ ބަލިކަށިވެފައެވެ.

ދުންފަތުގެ ޓެކްސްއަށް ބޮޑަށް ބަރޯސާވެފައިވާ ސަރަހައްދީ ސަރުކާރުތަކުން ގިނަ ފަހަރަށް ހަރުކަށި ގަވާއިދުތަކާ ދެކޮޅު ހަދައެވެ. ބައެއް ސިޓީތަކުގައި ލޯކަލް ބަޖެޓުގެ 20% އިން ފެށިގެން 50% އަށްވުރެ މަތީ އަދަދެއް ހިއްސާކުރަނީ ދުންފަތުން ލިބޭ އާމްދަނީއެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ސަރަހައްދުތައް ކަނޑައެޅުމަށް ހުށަހެޅޭ ގަވާއިދުތަކުގެ ބާރު ކަނޑުވާލެވި، ގާނޫނު ތަންފީޒުކުރުން އޮންނަނީ ވަރަށް ބަލިކަށިކޮށެވެ.

2005 ވަނަ އަހަރު ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ ގެ ދުންފަތް ކޮންޓްރޯލްކުރުމާބެހޭ މުއާހަދާ ޗައިނާއިން ތަސްދީގުކުރި ނަމަވެސް، އޭގައިވާ އެންމެ ހަރުކަށި ފިޔަވަޅުތައް ތަންފީޒުކޮށްފައެއް ނުވެއެވެ. ގިނަ ގައުމުތަކާ ޚިލާފަށް، ޗައިނާގައި ސިނގިރޭޓު ފޮށީގައި ސިއްހީ އިންޒާރުތައް ޖަހާފައި ހުންނަނީ ވަރަށް ކުޑަކޮށެވެ. އަދި އޭގެ ބަދަލުގައި ފޮށީގައި ގިނައިން ހުންނަނީ ގައުމީ ރޫހު އާލާކޮށްދޭ ފަދަ ކުރެހުންތަކެވެ.

ވެރިކަމުގެ ކުރީކޮޅު، މި ސިނާއަތާ ކުރިމަތިލުމަށް ޝީ ތައްޔާރަށް ހުންނެވިތަން ފެނުނެވެ. އެގޮތުން، އާންމު ތަންތަނުގައި ސަރުކާރުގެ އޮފިޝަލުން ސިނގިރޭޓު ބުއިން މަނާކުރެވި، 2015 ވަނަ އަހަރު ދުންފަތުގެ ޓެކްސް ބޮޑުކުރެވުނެވެ. ނަމަވެސް، ދުންފަތާ ދެކޮޅަށް ވަކާލާތުކުރާ ބޭރުގެ ޖަމްއިއްޔާތަކާ ދެކޮޅަށް ޗައިނާއިން ހަރުކަށި ފިޔަވަޅުތަކެއް އަޅަން ފެށުމުންނާއި އިގްތިސާދީ ފިއްތުންތައް ބޮޑުވުމާ ގުޅިގެން މި މަސައްކަތުގެ ދުވެލި ވަނީ މަޑުޖެހިފައެވެ.

މުހައްލިލުން ބުނާ ގޮތުގައި ޗައިނާގެ އިގްތިސާދު މަޑުޖެހުމާއި ގާނޫނުތައް ތަންފީޒުކުރުން ބަލިކަށިވުމުގެ ސަބަބުން، ހާސްކަމުން ދުރުވުމަށްޓަކައި ނިކޮޓީން ބޭނުންކުރާ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. އަދި ދުންފަތުގެ މޮނޮޕޮލީ ކުންފުނީގެ ސިޔާސީ ބާރުވެރިކަމުގެ ސަބަބުން ހަރުދަނާ އިސްލާހީ ބަދަލުތަކަށް ދަނީ ހުރަސްއެޅެމުންނެވެ.

ޝީ އަމިއްލަފުޅަށް ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލެއްވި ނަމަވެސް، ޗައިނާގެ ދުންފަތުގެ މައްސަލަ އޮތީ ވަރަށް ފުންކޮށް މޫލާފައެވެ. އަދި ސިނގިރޭޓުން ލިބޭ އާމްދަނީއަށް ސަރުކާރުން މާލީ ގޮތުން ބަރޯސާވެފައިވާ މިންވަރުން ދޭހަވަނީ، މިކަމަށް ހަގީގީ ބަދަލެއް އައުމަށް އަދިވެސް ގިނަ ދުވަސްތަކެއް ނަގާނެ ކަމެވެ.

ހިއްސާ ކުރައްވާ!