އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރިޔާސީ ލައިބްރަރީ ބިނާކުރުމުގެ މަސައްކަތްތައް ފެށިފައިވާއިރު، އެލައިބްރަރީގެ ޒަރީޢާއިން އޭނާގެ ވެރިކަމުގެ ތާރީޚު އަމިއްލަފުޅަށް ބޭނުންފުޅުވާ ގޮތަށް ލިޔުއްވައި ބަދަލުކުރައްވަން އުޅުއްވާ ކަމަށް ބުނެ ތާރީޚު ދިރާސާކުރާ މާހިރުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.
އެމެރިކާގެ ރައީސްކަން ކުރައްވާ ބޭފުޅުންގެ ވެރިކަމުގެ ރަސްމީ ލިޔެކިޔުންތަކާއި ހަނދާންތައް ރައްކާކުރުމަށް "ރިޔާސީ ލައިބްރަރީ" ހެދުމަކީ އާދައެކެވެ. ޓްރަމްޕްގެ ލައިބްރަރީ ފައުންޑޭޝަނުން މިހާރު ވަނީ މި ބިނާ އެޅުމަށްޓަކައި ނޭނގޭ ފަރާތްތަކުން 50 މިލިއަނަށްވުރެ ގިނަ ޑޮލަރުގެ އެހީ ހޯދާފައެވެ. ފްލޮރިޑާގެ މިއާމީގައި ހުންނަ މަޝްހޫރު ފްރީޑަމް ޓަވަރު ކައިރިން ލިބިފައިވާ ބިމެއްގައި ހަދާ މި ބިނާއާ ބެހޭގޮތުން ޓްރަމްޕް ވިދާޅުވެފައިވަނީ، އޭނާ އާދައިގެ ލައިބްރަރީއެއް ނުވަތަ މިއުޒިއަމްއެއް ހެއްދެވުމަށް ބޭނުންފުޅު ނުވާ ކަމަށާއި، އެތަން ވުން އެންމެ ގާތީ ރީތި ގަނޑުވަރަކަށް ކަމަށެވެ. އަދި އެތާނގެ ލޮބީގައި "އެއާ ފޯސް ވަން" 747 މަތިންދާބޯޓެއް ބެހެއްޓުމަށްވެސް ވިސްނަވައެވެ.
ނަމަވެސް، ތާރީޚީ ދިރާސާވެރިން އެންމެ ބޮޑަށް ކަންބޮޑުވަނީ ޓްރަމްޕްގެ ވެރިކަމުގެ ޙަޤީޤީ ރެކޯޑްތައް އާންމުންނަށް ފެންނަން ހުންނާނެތޯ އާ މެދު އުފެދޭ ސުވާލުތަކާ ހުރެއެވެ.
ނިކްސަން ރިޔާސީ ލައިބްރަރީގެ ކުރީގެ ޑިރެކްޓަރެއް ކަމަށްވާ ޓިމޮތީ ނަފްތާލީ ވިދާޅުވި ގޮތުގައި، ޓްރަމްޕް ދެކެވަޑައިގަންނަވަނީ އޭނާއަށް ތާރީޚު ކޮންޓްރޯލް ކުރެއްވިދާނެ ކަމަށެވެ. އަދި އަމިއްލަ ސޫރަ ރީތިކުރުމަށްޓަކައި ޙަޤީޤީ މަޢުލޫމާތުތައް އޮޅުވާލައްވަން މަސައްކަތް ކުރައްވާފާނެ ކަމުގެ ބިރު އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ވައިޓް ހައުސްގެ ރަސްމީ ލިޔެކިޔުންތައް ނައްތާލުމާއި، ސިއްރު އެޕްލިކޭޝަންތައް ބޭނުންކޮށްގެން މުޢާމަލާތް ކުރުމުގެ ސަބަބުން، ވެރިކަމުގެ ޙަޤީޤީ ރެކޯޑްތައް ބެލެހެއްޓުމަށް ހުރަސްތަކެއް އެޅިފައިވާ ކަމަށް ފާރަވެރިވާ ޖަމްޢިއްޔާތަކުން ބުނެއެވެ. ޖޯޖް ވޮޝިންގޓަން ރިޔާސީ ލައިބްރަރީގެ އެގްޒެކެޓިވް ޑިރެކްޓަރ ލިންޑްސޭ ޗެރވިންސްކީ ވިދާޅުވީ، ރެކޯޑްތައް ރަނގަޅަށް ނެތްނަމަ ވެރިކަމެއްގައި ހިނގާދިޔަ ކަންކަމަށް ޒިންމާދާރު ނުކުރެވޭނެ ކަމަށެވެ.
މި ލައިބްރަރީ އެޅުމަށް މިއާމީން ހިލޭ ދިން އަގުބޮޑު ބިމާ ގުޅިގެންވެސް މިހާރު ވަނީ ބޮޑު ޤާނޫނީ މައްސަލައެއް ފެންމަތިވެފައެވެ. މިއާމީގެ ރައްޔިތުންގެ ގްރޫޕަކުން ވަނީ، ރައީސް ޓްރަމްޕްގެ އަމިއްލަ މާލީ ފައިދާއަށްޓަކައި ދައުލަތުގެ ބިމެއް ނާޖާއިޒު ގޮތުގައި ހަދިޔާކޮށްފައިވާ ކަމަށް ބުނެ ކޯޓަށް ދަޢުވާއެއްވެސް ހުށަހަޅާފައެވެ.



