Unsplash by Rajendra Biswal
Unsplash by Rajendra Biswal

ޖަޕާނުން އިންޑިއާގެ އަނބު އެތެރެކުރުން މަނާކޮށްފި

އިންޑިއާގެ މޭވާ ސާފުކުރާ މަރުކަޒެއް ޖަޕާނުގެ ކަރަންޓީނު އޮފިސަރުން ކުރި އިންސްޕެކްޝަނުން މިންގަނޑުތަކާއެއް ގޮތަށް ނެތުމާ ގުޅިގެން، ޖަޕާނުން އިންޑިއާގެ ތާޒާ އަނބު އެތެރެކުރުން ވަގުތީގޮތުން މަނާކޮށްފިއެވެ.

މި ނިންމުމުގެ ސަބަބުން އިންޑިއާގެ މަޝްހޫރު އަދި ޕްރީމިއަމް ވައްތަރުތައް ކަމަށްވާ އަލްފޮންސޯއާއި ކޭސާރު، ލަންގްރާ އަދި ބަނގަނަޕައްލީ އަނބު ޖަޕާނުގެ ބާޒާރަށް އެތެރެކުރުން ވަނީ ހުއްޓުމަކަށް އައިސްފައެވެ. މިއީ ފާއިތުވި 20 އަހަރުގެ ތެރޭގައި ޖަޕާނުން އިންޑިއާގެ އަނބަށް މިފަދަ ފިޔަވަޅެއް ކުރި ފުރަތަމަ ފަހަރެވެ.

މި މައްސަލަ ދިމާވީ އިންޑިއާގެ އުއްތަރަ ޕްރަދޭޝްގެ ރަހްމާންޕޫރުގައި ހުންނަ ޖަރާސީމު މަރާ 'ވޭޕަރ ހީޓް ޓްރީޓްމަންޓް' މަރުކަޒެއް އިންސްޕެކްޓް ކުރުމަށްފަހުއެވެ. މިއީ ބޭރު ޤައުމުތަކަށް އަނބު ފޮނުވުމުގެ ކުރިން، އޭގައި ހުންނަ ފަނި ނުވަތަ މޭވާ މެހީގެ ބިސްތައް ނައްތާލުމަށްޓަކައި ކެމިކަލް ބޭނުންނުކޮށް ހޫނު އާވިން ސާފުކުރާ މަރުކަޒެކެވެ. ޖަޕާނުގެ އޮފިސަރުން ބުނާގޮތުގައި އެ މަރުކަޒުގެ ސާފުތާހިރުކަމާއި، ޕެސްޓް-ކޮންޓްރޯލް ނައްތާލުމުގެ ނިޒާމުގައި ބޮޑެތި އުނިކަންތައްތަކެއް ހުއްޓެވެ. މިއާއެކު ޖަޕާނުގެ ޔޮކޮހާމާ ޕްލާންޓް ޕްރޮޓެކްޝަން އެސޯސިއޭޝަނުން ވަނީ އިންޑިއާގެ އެ ސެޓްފިކެޓްތައް ބަލައިނުގަންނަން ނިންމާފައެވެ.

މި ބޭން ކުރިމަތިވެފައިވަނީ އިންޑިއާގެ އަނބު އެކްސްޕޯޓްކުރާ މީހުންނަށް ވަރަށް ދަތި ދަނޑިވަޅެއްގައެވެ. ސަބަބަކީ:

  • އިންޑިއާއަށް ކުރިމަތިވި އާދަޔާޚިލާފު ހޫނުގަދަވުމުގެ ސަބަބުން އަނބު ދަނޑުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވުން.
  • މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ވައިގެ މަގުންނާއި ކަނޑުމަގުން މުދާ އުފުލުމުގެ ޚަރަދު އިންތިހާއަށް ބޮޑުވެފައިވުން.

ޖަޕާނަކީ އިންޑިއާގެ އަނބު އެންމެ ގިނައިން ގަންނަ ޤައުމަށް ނުވިނަމަވެސް، އެއީ އެންމެ އަގުބޮޑުކޮށް އަދި ޕްރީމިއަމްކޮށް އަނބު ވިކޭ އެއް ބާޒާރެވެ. 1986 ވަނަ އަހަރުވެސް މޭވާ މެހީގެ މައްސަލައިގައި ޖަޕާނުން އިންޑިއާގެ އަނބު މަނާކުރިއެވެ. އެ ފަހަރު އެ މައްސަލަ ހައްލުވެ، އަލުން އެތެރެކުރަން ފެށުނީ 20 އަހަރުގެ މަޝްވަރާތަކަށްފަހު 2006 ގައެވެ. މިހާރު އިންޑިއާ ސަރުކާރުން ދަނީ ޖަޕާނާއެކު ރަސްމީ މަޝްވަރާތައް ބާއްވައި، މިއަހަރުގެ އަނބު ސީޒަން ނިމުމުގެ ކުރިން މި މައްސަލައަށް އިދާރީ ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުންނެވެ.

ހިއްސާ ކުރައްވާ!