ޔަހޫދީ ޖެނޮސައިޑް ރެޖީމުގެ ސިފައިން މިއަދު ހޯމަ ދުވަހު، އިސްތިޢުމާރުކޮށްފައިވާ އަލްޤުދުސްގެ އިރުދެކުނުން އޮންނަ އަބޫ ދީސް އަވަށުގައި ހުންނަ އަލްޤުދުސް ޔުނިވަރސިޓީއަށް ވަދެގަނެ، އެތަނުގެ ދަރިވަރުންނާއި މުވައްޒަފުންނަށް ބިރުދައްކައިފިއެވެ.
އަލްޤުދުސް ގަވަރނަރޭޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ރެޖީމުގެ އަސްކަރީ ބައެއް އުޅަނދުތައް ޔުނިވަރސިޓީގެ ކެމްޕަސް ތެރެއަށް ވަދެގަތް ކަމަށެވެ. އަދި ހަތިޔާރު އަޅައިގެން ތިބި ސިފައިން އުޅަނދުތަކުން ފައިބައި، ބައެއް ދަރިވަރުން ހުއްޓުވައި، އެ ސަރަހައްދުގައި އެކުދިންނާ ސުވާލުކޮށް މަޢުލޫމާތު ސާފުކޮށްފައިވާ ކަމަށެވެ. ސިފައިން އެ ސަރަހައްދުން ފޭބިއިރު، އެއްވެސް ކުއްޖަކު ހައްޔަރުކުރި ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.
މީގެ އިތުރުން، އަލްޤުދުސްގެ އަލްޢީސަވިއްޔާ އަވަށުގެ އިރުމަތީ ދޮރާށިން، ރޭގެ ވަގުތެއްގައިޔަހޫދީ ޖެނޮސައިޑް ބާރުތަކުން ފަލަސްޠީނުގެ އަންހެނަކު ހައްޔަރުކޮށް، އޭނާގެ އުޅަނދު އަތުލާފައިވެއެވެ. އަދި ސިޓީގެ އުތުރުގައިވާ އައްޒަޢީމް ޗެކްޕޮއިންޓުން 4 ޒުވާނަކު ހައްޔަރުކޮށް، ހިޒްމާ އަވަށުގައި އަސްކަރީ ފިޔަވަޅުތައް ވަރުގަދަކޮށް، ގިނަ އަދަދެއްގެ އަސްކަރީ ޗެކްޕޮއިންޓްތައް ވަނީ ގާއިމުކޮށްފައެވެ.
އެހެން ކަމަކަށް ބަލާއިރު، އަލްޤުދުސް ގަވަރނަރޭޓްގެ ތަރުޖަމާނު މަޢުރޫފް އަލްރަފީޢީ ބަޔާނެއްގައި އިންޒާރު ދެއްވި ގޮތުގައި، އަލްއަޤްޞާ މިސްކިތުގައި ޔަހޫދީ ޖެނޮސައިޑް ރެޖީމުން އަޅަމުންދާ ފިޔަވަޅުތައް ދަނީ އިތުރުވަމުންނެވެ. "އަލްޖަޒީރާ މުބާޝިރު" އަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ، އަލްއަޤްޞާ މިސްކިތުގައި އެ ރެޖީމުގެ ދިދަތައް އުފުލުމާއި، މިސްކިތަށް ވަދެގަންނަ ވަދެގަތުންތައް ފުޅާކުރުމަކީ، އަލްޤުދުސްގައި އާ ހާލަތެއް ސާބިތުކޮށް، އިސްލާމީ އައުޤާފްގެ ބާރުތައް ކަނޑުވާލުމަށް ކުރާ ކަމެއް ކަމަށެވެ.
އިއްޔެ ވެސް ހައްދުފަހަނައެޅި އެތައް ސަތޭކަ ޔަހޫދީ ވަޒަންވެރިންނެއް ވަނީ ބާބުލް މަޣާރިބާ މަގުން ގްރޫޕްތަކަކަށް ބެހިގެން އަލްއަޤްޞާ މިސްކިތަށް ވަދެގަނެފައެވެ. އަދި ޤުއްބަތުއްޞަޚްރާ ސަރަހައްދަށް ގޮސް، ޔަހޫދީ ޖެނޮސައިޑް ރެޖީމުގެ ދިދަތައް އުފުލައި، ނަސްލީ އިމްތިޔާޒުގެ ތަލްމޫދީ އަޅުކަމުގެ ޝިއާރުތައް ފާޅުކޮށްފައެވެ. އަދި މިސްކިތުގެ ގޯތިތެރޭގައި އުނދަގޫކުރުމުގެ ހަރަކާތްތައް ހިންގައި، އެ ރެޖީމުގެ ރަސްމީ ގައުމީ ސަލާމް ކިޔާފައިވެއެވެ.



