އެމެރިކާގެ ފޮރިން ސަރވިސް އެސޯސިއޭޝަނުން ހާމަކުރި ގޮތުގައި، ވޭތުވެދިޔަ އަހަރު އެމެރިކާގެ ދެހާހެއްހާ ޑިޕްލޮމޭޓުން ވަނީ އެމީހުންގެ މަޤާމުތައް ދޫކޮށް ގޮސްފައެވެ. ޓްރަމްޕް ސަރުކާރުން ބައެއް މީހުން ވަޒީފާއިން ވަކިކުރިއިރު، އަނެއް ބަޔަކަށް މަޖުބޫރުވީ ރިޓަޔަރ ކުރާށެވެ. މި ބޮޑު ބަދަލު މިިއައީ އެ ޤައުމުގެ ޚާރިޖީ ސިޔާސަތަށް ގޮންޖެހުންތަކާއި ކާރިސާތައް އިތުރުވަމުންދާ، އަދި ދުނިޔޭގެ އެކި ކޮޅުތަކުގައި ހުރި އެމެރިކާގެ އެމްބަސީތަކުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައިގައި ސަފީރުން ނެތް ވަގުތެއްގައެވެ.
"އެންބީސީ ނިއުސް" އިން ވަނީ ޚާރިޖީ ދާއިރާގެ މިހާރުގެ އަދި ކުރީގެ 12 އަށްވުރެ ގިނަ އޮފިޝަލުންނާ އިންޓަވިއުކޮށްފައެވެ. އެ ބޭފުޅުން ސިފަކުރެއްވި ގޮތުގައި މިއީ "ޚާރިޖީ ދާއިރާގެ ފަހަތަށްޖެހުން" ދުވަސްވަރެކެވެ. އޮފިޝަލުން ވިދާޅުވި ގޮތުގައި، ރަޝިޔާއާއި މެދުއިރުމަތީގެ މަތީ ފަންތީގެ މަޝްވަރާތަކުގައި ޚާރިޖީ ދާއިރާގެ އިސް އޮފިޝަލުން ބައިވެރިނުކޮށް، ރައީސް ޑޮނަލްޑް ޓްރަމްޕް ދަނީ އާއިލާއާއި ރައްޓެހިން ލައިގެން އެ ދާއިރާއަށް ވަރަށް ބޮޑަށް އިހުމާލުވަމުންނެވެ.
ޓްރަމްޕްގެ ފުރަތަމަ ރިޔާސީ ދައުރާ އަޅާބަލާއިރުވެސް، މިފަހަރު މިވަނީ މާ ބޮޑު ފަހަތަށްޖެހުމެއް އައިސްފައެވެ. ކުރީގެ ދައުރުގައި ސަރުކާރުން ސަފީރުކަމަށް ފޮނުވި މީހުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނައީ ޕްރޮފެޝަނަލް ޑިޕްލޮމޭޓުންނެވެ. ނަމަވެސް، މިހާރު ސަރުކާރުން ސަފީރުކަމަށް ފޮނުވާ މީހުންގެ ތެރެއިން ޕްރޮފެޝަނަލް ޑިޕްލޮމޭޓުންގެ ނިސްބަތަކީ %8 އަށްވުރެވެސް ދަށް އަދަދެކެވެ.
100 އެމްބަސީ ސަފީރުންނާ ނުލައި
އިސް އޮފިޝަލުން މަތީ ފަންތީގެ ލީޑަރޝިޕް މަޤާމުތަކުން ދުރުކުރުމަށް ޓްރަމްޕް ނިންމި ނިންމުމުގެ ސަބަބުން، ގާތްގަނޑަކަށް 100 އެމްބަސީއެއްގައި އެއީ، ޖުމްލަ އެމްބަސީތަކުގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ އެމްބަސީގައި ސެނެޓުގެ ރުހުން ލިބިފައިވާ ސަފީރުންނެއް ނެތެވެ. އެމެރިކާގެ ފޮރިން ސަރވިސް އެސޯސިއޭޝާނުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ކުރީގެ ސަރުކާރުގައި މިފަދަ ހުސް މަޤާމުތަކުގެ އަދަދު ހުރީ މީގެ ދެބައިކުޅަ އެއްބައިގައެވެ.
ޚާރިޖީ ވުޒާރާގެ މިހާރުގެ އަދި ކުރީގެ އޮފިޝަލުން ވިދާޅުވީ، 2024 ވަނަ އަހަރު 13 އަށްވުރެ ގިނަ މުވައްޒަފުން ތިބި މި ބާރުގެ ތެރެއިން މިހާ ގިނަ ބަޔަކު ވަކިވެގެންދިއުމަކީ އެމެރިކާ "ނާޒުކު ފައްތަރަކަށް" ވައްޓާލާނެ ކަމެއް ކަމަށެވެ.
މިހާރުވެސް މޮލްޑޯވާއަށް ކަނޑައަޅާފައި ހުންނަ އެމެރިކާގެ ސަފީރުގެ މަޤާމު އޮތީ ހުސްކޮށެވެ. މީގެ އިތުރުން "އީބޯލާ" ރޯގާ ފެތުރެން ފަށާފައިވާ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ ހިމެނޭ ގޮތަށް ދުނިޔޭގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ސަފީރުންގެ މަޤާމުތައް އޮތީ ހުސްކޮށެވެ.
ޔޫކްރެއިނަށް ކަނޑައަޅާފައި ހުންނަ ސަފީރެއްވެސް މިވަގުތަކު ނެތެވެ. ކީވްގައި ހުންނަ އެމްބާސީ ހުރީ ހުސްކޮށެވެ، އަދި ހަމައެއާއެކު ސައިޕްރަސްއަށް ކަނޑައަޅާފައި ހުންނަ އެމެރިކާގެ ސަފީރުގެ މަޤާމުވެސް ފުރަމުންދާ ތަޖުރިބާކާރު ޑިޕްލޮމޭޓް ޖޫލީ ޑޭވިސް، އަންނަ މަހު މަޤާމުން ވަކިވެ، ރިޓަޔަރ ކުރައްވާނެއެވެ.
އިސްތިޢުފާ ދިނުމަށް މަޖުބޫރުކުރުން
ޓްރަމްޕްގެ ސަރުކާރު ވެރިކަމަށް އައި ފުރަތަމަ މަސްތަކުގައި، ސަފީރުކަމުގެ މަޤާމުތަކަށް ނޮމިނޭޓްކޮށްފައި ތިބި ޕްރޮފެޝަނަލް ޑިޕްލޮމޭޓުންގެ އެތައް ނަމެއް އަނބުރާ ގެންދަން ފެށިއެވެ. އަދި ޑިސެމްބަރު މަސް އައިއިރު، އޭރުވެސް މަޤާމުތަކުގައި ތިއްބެވި ޕްރޮފެޝަނަލް 30 އެއްހާ ސަފީރުން ސަރުކާރުން ވަނީ އަނބުރާ ގައުމަށް ބަދަލުކޮށްފައެވެ.
އެކި ސަރުކާރުތަކުގައި މަސައްކަތްކޮށްފައިވާ އެމެރިކާގެ ޑިޕްލޮމޭޓުންނަށް، އެހެން ވަޒީފާތަކަށް ކުރިމަތިލުމުގެ ފުރުޞަތު އޮތް ކަމަށް ސަރުކާރުން އެންގިއެވެ. ނަމަވެސް އެމީހުންނަށް އޮތް ފުރުޞަތުތައް ވަރަށް ހަނިވިއެވެ. އެނބުރި އަންނަ ސަފީރުންނަށް އާ މަސައްކަތެއް ހޯދުމަށް ސަރުކާރުން ދެނީ 90 ދުވަހުގެ މުއްދަތެކެވެ. އެ މުއްދަތުގައި ކަމެއް ހަމަނުޖެހިއްޖެނަމަ، 1980 ވަނަ އަހަރުގެ ފޮރިން ސަރވިސް ޤާނޫނުގެ ދަށުން އެމީހުންނަށް ރިޓަޔަރކުރަން މަޖުބޫރުވެއެވެ.




