މައިކްރޯސޮފްޓާ ގުޅިގެން އެންވީޑިއާއިން އައު ކޮމްޕިއުޓަރުގެ ޖީލެއް އުފައްދަނީ

އެންވީޑިއާ ކުންފުނިން، މައިކްރޯސޮފްޓާ ގުޅިގެން އާ ޗިޕެއް ބާޒާރަށް ނެރެފިއެވެ. މިއީ އަމިއްލަ "އޭއައި އެޖެންޓުން" ބޭނުންކުރުމަށް ޚާއްޞަކޮށްގެން އުފެއްދި އާ ޖީލެއްގެ ކޮމްޕިއުޓަރު ޗިޕެކެވެ. އެންވީޑިއާއިން ބުނާ ގޮތުގައި، މި ނިންމުމާއެކު ކޮމްޕިއުޓަރުތައް އާދައިގެ ވަސީލަތްތަކުން ބަދަލުވެ، ބޭނުންކުރާ މީހާއާ ސީދާ މުޢާމަލާތްކޮށް މަސައްކަތްތައް ނިންމާދޭ "ސްމާޓް ބައިވެރިންނަށް" ވާނެއެވެ.

އާ RTX Spark ޗިޕުން 1 ޕެޓާފްލޮޕް ގެ އޭއައި ޕާފޯމަންސް ލިބެއެވެ. މީގެ އިތުރުން، ކުންފުނީގެ ކޫޑާ އަދި އާރްޓީއެކްސް އިކޯސިސްޓަމްގެ ފުރިހަމަ ސަޕޯޓާއި، 128 ޖީބީ ގެ ޔުނިފައިޑް މެމަރީ މި ޗިޕްގައި ހިމެނެއެވެ. މީގެ ސަބަބުން، ކްލައުޑް ޚިދުމަތްތަކަށް ބަރޯސާނުވެ، ބޮޑެތި އޭއައި މޮޑެލްތަކާއި ޑިޖިޓަލް އެޖެންޓުން ސީދާ އަމިއްލަ ކޮމްޕިއުޓަރުގައި ހިންގޭނެއެވެ.

އެންވީޑިއާއިން ކަށަވަރުކޮށްދޭ ގޮތުގައި މި ޗިޕް ހަރުކޮށްފައިވާ އާ ކޮމްޕިއުޓަރުތަކުން ތިރީގައިވާ ކަންކަން ކުރެވޭނެއެވެ:

  • 90 ޖީބީއަށްވުރެ ބޮޑެތި 3ޑީ މަންޒަރުތައް ފަސޭހައިން ހިންގުން.

  • 12K ރިޒޮލިއުޝަންގައި ވީޑިއޯތައް އެޑިޓްކުރުން.

  • 4K ރިޒޮލިއުޝަންގައި އޭއައި ވީޑިއޯ އުފެއްދުން.

  • 120 ބިލިއަން ޕެރަމީޓަރުގެ ބޮޑެތި ލެންގުއޭޖް މޮޑެލްތައް އެއް މިލިއަން ޓޯކަންގެ ކޮންޓެކްސްޓާއެކު ހިންގުން.

  • ބޮޑެތި ގޭމްތައް އެންމެ ހައި ރިޒޮލިއުޝަންގައި، ސިކުންތަކު 100 ފްރޭމަށްވުރެ މަތީގައި ކުޅުން.

އެންވީޑިއާގެ ސީއީއޯ އަދި ބާނީ ޖެންސަން ހުއާންގް ވިދާޅުވީ، ވޭތުވެދިޔަ 40 އަހަރު މީހުން އުޅުނީ އަމިއްލައަށް އެޕްލިކޭޝަންތައް ހުޅުވައިގެން ކޮމާންޑްތައް ލިޔާށެވެ. ނަމަވެސް، ކުރިއަށް އޮތް ތަނުގައި ބޭނުންކުރާ މީހާ ހަމައެކަނި ކަމަކަށް އެދުމުން، ކޮމްޕިއުޓަރު އަމިއްލައަށް އެ މަސައްކަތެއް ނިންމާލާނެއެވެ.

އޭނާ އިތުރަށް ވިދާޅުވީ، މިއައު ޗިޕަކީ އެންވީޑިއާއިން 30 އަހަރުން އުފެއްދި ހުރިހާ ޓެކްނޮލޮޖީއެއް އެއްކޮށްލައިގެން ހަދާފައިވާ އެއްޗެކެވެ. މީގެ ސަބަބުން ވަރަށް ތުނި ލެޕްޓޮޕްތަކުގައިވެސް ބާރުގަދަ އޭއައި މޮޑެލްތަކާއި ގޭމްތައް ހިންގޭނެއެވެ.

އެންވީޑިއާއިން މި އައު ސީޕީޔޫ ފަރުމާކުރީ އެހެން ކުންފުންޏަކާ ގުޅިގެންނެވެ. އޭގެ ބޭނުމަކީ ކަރަންޓު ބޭނުންކުރާ މިންވަރު މަދުކޮށް، ބެޓެރީ ގިނައިރު ހިފަހައްޓާ، އެކަމަކު އެންމެ މަތީ ދުވެލީގައި މަސައްކަތްކުރާ ޗިޕެއް ހެދުމެވެ. މި ޕްލެޓްފޯމް ޚާއްޞަކޮށްފައިވަނީ ތުނި ލެޕްޓޮޕްތަކަށާއި ކުދި ޑެސްކްޓޮޕްތަކަށެވެ.

އެންވީޑިއާއިން ފާހަގަކުރި ގޮތުގައި، އޭއައި އެޖެންޓް ޓެކްނޮލޮޖީއަށް ބޮޑު ބަދަލެއް މިިއައީ އޯޕަން ސޯސް މަޝްރޫޢުތައް ޑިވެލޮޕަރުންގެ މެދުގައި މަޤްބޫލުވުމުންނެވެ.

އެންވީޑިއާއިން ބުނި ގޮތުގައި އެންމެ ބޮޑު ގޮންޖެހުމަކީ މިފަދަ އޭއައި އެޖެންޓުން ސަލާމަތްތެރިކަމާއެކު އަމިއްލަ ކޮމްޕިއުޓަރުގައި ހިންގޭނެ ގޮތެއް ނެތުމެވެ. އެހެންކަމުން، އެންވީޑިއާއާއި މައިކްރޯސޮފްޓް ގުޅިގެން މިހާރު ދަނީ އޭއައި އެޖެންޓުންނަށް ޚާއްޞަ އާ ވިންޑޯޒް އެންވަޔަރަންމަންޓެއް އުފައްދަމުންނެވެ.

މައިކްރޯސޮފްޓްގެ ސީއީއޯ ސަތިއާ ނަޑެއްލާ ވިދާޅުވީ، އެމީހުންގެ އަމާޒަކީ ވިންޑޯޒް މެދުވެރިކޮށް ކޮންމެ ގެއަކަށާއި އޮފީހަކަށް ހައްދެއް ނެތް މިންވަރަށް އޭއައިގެ ފަސޭހަކަމާއި ބާރު ފޯރުކޮށްދިނުން ކަމަށެވެ. އަދި އައު RTX Spark ޗިޕަކީ އެ ހުވަފެން ޙަޤީޤަތަކަށް ހެދުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

ހިއްސާ ކުރައްވާ!