ޕެންޓަގަންގެ ނޫސްވެރިންގެ އޮފީހަކީ "ސިއްރު ސަރަޙައްދެއް" ކަމަށް ކަނޑައަޅައި، ނޫސްވެރިން ވަނުން މަނާކޮށްފި

އެމެރިކާގެ ދިފާޢީ ވުޒާރާ ޕެންޓަގަން ގެ އެތެރޭގައި ހުންނަ ނޫސްވެރިންގެ އޮފީހަކީ "ސިއްރު ސަރަޙައްދެއް" ކަމަށް އެ ވުޒާރާއިން ކަނޑައަޅައި، ނޫސްވެރިން އެތަނަށް ވަނުން މަނާކޮށްފިއެވެ. "ވޮޝިންގޓަން ޕޯސްޓް" ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޕެންޓަގަންގެ މި ނިންމުމުގެ ސަބަބުން، ނޫސްވެރިންނަށް ސުވާލުތަކުގެ ޖަވާބު ހޯދުމަށްޓަކައި އެ ވުޒާރާގެ ޕަބްލިކް އެފެއާޒް އޮފިޝަލުންނާ ބައްދަލުކުރުމުގެ ފުރުޞަތު މިހާރު ވަނީ ބަންދުވެފައެވެ.

ޕެންޓަގަންއިން ނޫސްވެރިންނަށް ފިޔަވަޅު އަޅަން މި ފެށީ، ނޫސްވެރިން އިމާރާތަށް ވަނުމަށް ހުރި ހުރަސްތަކާ ދެކޮޅަށް "ނިއުޔޯކް ޓައިމްސް" އިން ކުރި ދަޢުވާއެއް ފެޑެރަލް ފަނޑިޔާރަކު ކާމިޔާބުކޮށްދިނުމާ ގުޅިގެންނެވެ. އެ ހުކުމަށްފަހު، މިއަހަރުގެ މާރިޗު މަހު ޕެންޓަގަންއިން ވަނީ މީޑިއާ އިދާރާތަކުގެ އޮފީސްތައް އެ ޢިމާރާތުން ނެރޭނެކަން އިޢުލާންކޮށްފައެވެ.

އެމެރިކާގެ ދިފާޢީ ވުޒާރާގެ ތަރުޖަމާނު ޝޯން ޕާނެލް ވަނީ ނޫސްވެރިން އެތައް އަހަރެއް ވަންދެން އަސްކަރީ ޚަބަރުތައް ކަވަރުކުރަން ބޭނުންކުރި "ރިޕޯޓަރުންގެ ކޮރިޑޯ" ވަގުތުން ބަންދުކުރަން އަމުރުކޮށްފައެވެ.

ޕެންޓަގަންގެ މި ހަރުކަށި ފިޔަވަޅުތަކާ ދެކޮޅު ހެދުމުގެ ގޮތުން، އެތައް އަހަރެއްގެ ތަޖުރިބާހުރި އެތައް ބައިވަރު ނޫސްވެރިންނެއް ވަނީ އެމީހުންގެ އެކްރެޑިޓޭޝަން ކާޑުތައް އަނބުރާ ޙަވާލުކޮށް، ޕެންޓަގަންގެ އޮފީސްތައް ދޫކޮށް ނިކުމެފައެވެ.

ތަރުޖަމާނު ޕާނެލް ވިދާޅުވި ގޮތުގައި، ނޫސްވެރިންނަށް މަސައްކަތްކުރެވޭނީ ޕެންޓަގަން ޢިމާރާތުން ބޭރުގައި ހަދާ "އެނެކްސް" އެއްގައެވެ. ނަމަވެސް އެތަން ނިމޭނެ ތާރީޚެއް އޭނާ ހާމައެއް ނުކުރެއެވެ. މިކަމަށް ރައްދުދެމުން ނިއުޔޯކް ޓައިމްސްގެ ތަރުޖަމާނު ޗާރލީ ސްޓެޑްލޭންޑަރ ވިދާޅުވީ، ޕެންޓަގަންގެ މި ނިންމުމަކީ ކޯޓު އަމުރާ ޚިލާފު އަދި ޤާނޫނުއަސާސީއާ ކަނޑައެޅިގެން ޚިލާފު ނިންމުމެއް ކަމަށާއި، އެ ނޫހުން އަލުން ކޯޓަށް ދާނެ ކަމަށެވެ.

މި މައްސަލައަކީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން މިނިވަން ނޫސްވެރިކަމަށް ހުރަސްއަޅައި، ތްރަމްޕަށް ސަޕޯޓު ކުރާ މީޑިއާއަށް ފުރުޞަތުދޭ ކަމަށް ބުނެ އުފެދިފައިވާ ބޮޑު ދެބަސްވުމުގެ ބައެކެވެ.

ހިއްސާ ކުރައްވާ!