އިންޑިއާގެ ސަރުކާރުން އިމިގްރޭޝަންއާ ބެހޭ ގަވާއިދަށް ބަދަލު ގެނަސްފި

އިންޑިއާގެ ސަރުކާރުން އެ ގައުމުގެ އިމިގްރޭޝަންއާ ބޭރުމީހުންނާ ބެހޭ ގަވާއިދުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް، އާ އުސޫލުތަކަކަށް އަމަލުކުރަން ފަށައިފިއެވެ. 2025ވަނަ އަހަރު އިސްލާހުކުރި ބޭރުމީހުންނާ ބެހޭ ގަވާއިދުގެ ދަށުން ގެނައި މި ބަދަލުތަކުގެ އެންމެ މުހިންމު ބޭނުމަކީ، އެ ގައުމުގައި ދިގު މުއްދަތަކަށް އުޅެން ބޭނުންވާ ބޭރު ގައުމުތަކުގެ ރައްޔިތުން އަމަލުކުރަންޖެހޭ އުސޫލުތައް ހަރުދަނާކުރުމާއި، ބައެއް ޚާއްސަ ހާލަތްތަކުގައި ބޮޑެތި ލުއިތަކެއް ހަމަޖައްސައިދިނުމެވެ. މިއީ އިންޑިއާއަށް ޒިޔާރަތްކުރާ އަދި އެ ގައުމުގައި ދިރިއުޅޭ ބޭރުގެ ގިނަ އަދަދެއްގެ މީހުންނަށް އޭގެ ސަބަބުން ބޮޑެތި އަސަރުތަކެއް ކުރާނެ މުހިންމު ނިންމުމެކެވެ.

އާ ގަވާއިދުގައިވާ ގޮތުން، އިންޑިއާގައި ހުންނަ މުއްދަތު އިތުރުކުރަން ނުވަތަ ގިނަ ދުވަހު މަޑުކުރަން ބޭނުންވާ ކޮންމެ ބޭރުމީހަކުވެސް، އެމީހެއްގެ އަތުގައި އޮތް ވިސާގެ މުއްދަތު ހަމަވުމުގެ ކުރިން ބޭރުމީހުން ރަޖިސްޓަރީކުރާ ޚާއްސަ އިދާރާގައި ރަޖިސްޓަރީކުރަން މިހާރު ވަނީ މަޖުބޫރުކޮށްފައެވެ.

މީގެ ކުރިން ބައެއް ހާލަތްތަކުގައި ވިސާގެ މުއްދަތު ހަމަވުމަށްފަހުވެސް ރަޖިސްޓަރީކުރުމުގެ ފުރުސަތު ލިބުނު ނަމަވެސް، އާ އުސޫލުގެ ދަށުން އެ ފުރުސަތު ވަނީ ބަންދުވެފައެވެ. ވިސާގެ މުއްދަތު ހަމަވުމުގެ ކުރިން ރަޖިސްޓަރީ ނުކޮށްފި ނަމަ، އެއީ ގާނޫނާ ޚިލާފުވުން ކަމުގައި ބެލެވި، ބޮޑެތި ޖޫރިމަނާތަކަކާ ކުރިމަތިލާންޖެހުމުގެ އިތުރުން ގައުމުން ފޮނުވާލުމުގެ ފުރުސަތުވެސް ބޮޑެވެ. މި ބަދަލުގެ ސަބަބުން ގައުމުގައި އުޅޭ ބޭރުމީހުންގެ ސައްހަ މައުލޫމާތާއި އަދަދުތައް ސަރުކާރުގެ އިދާރާތަކަށް ވަގުތުން ވަގުތަށް ބެލެހެއްޓުމަށް ފަސޭހަވެގެންދާނެއެވެ.

މި ހަރުކަށި ބަދަލުތަކާއެކު، އިންޑިއާ ސަރުކާރުން ވަނީ އިންސާނީ ނަޒަރަކުން ބަލައި ވަރަށް ބޮޑު ލުޔެއްވެސް ދީފައެވެ.

އެއީ ބޭރު ގައުމުތަކަށް އުފަންވާ ކުޑަކުދިންނާއި، އިންޑިއާގައި އުޅޭ ބޭރުމީހުންނަށް ލިބޭ ކުދިން ސަރުކާރުގެ އިދާރާތަކަށް ރިޕޯޓުކުރުމުގައި ގެންގުޅުނު ހަރުކަށި އުސޫލެވެ. މީގެ ކުރިން ކުޑަކުދިންގެ މައުލޫމާތު ވަކި މުއްދަތެއްގެ ތެރޭގައި ރިޕޯޓު ނުކޮށްފި ނަމަ، ބެލެނިވެރިންނަށް ބޮޑެތި ގާނޫނީ ހުރަސްތަކާއި އުނދަގޫތަކާ ކުރިމަތިވެއެވެ. ނަމަވެސް އާ އިސްލާހުގެ ދަށުން، ކުޑަކުދިންގެ މައުލޫމާތު ހިއްސާކުރުމާއި ރަޖިސްޓަރީކުރުމުގެ ކަންކަމުގައި ބޮޑެތި ލުއިތަކެއްދީ، ބެލެނިވެރިންނަށް ފަސޭހައިން އެކަންކަން ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

މި ބަދަލުތަކާ ގުޅޭގޮތުން އިންޑިއާގެ ދާޚިލީ ވުޒާރާއިން ބުނެފައިވަނީ، ގަވާއިދުތަކަށް މިފަދަ ބަދަލުތަކެއް ގެނައީ ގައުމީ ސަލާމަތް ރައްކާތެރިކުރުމަށާއި، ބޭރުމީހުންނާ ބެހޭ ކަންކަން ޒަމާނީ ނިޒާމެއްގެ ދަށުން ހަރުދަނާކުރުމަށްޓަކައެވެ. ހަމައެހެންމެ، އިދާރީ ގޮތުން ދިމާވާ ލަސްތަކުގެ ސަބަބުން ބޭރުމީހުންނަށް ކުރިމަތިވާ އުނދަގޫތައް ކުޑަކުރުމަކީވެސް މި ބަދަލުގެ މަގުސަދެކެވެ. މިހާރު ހަމަޖައްސާފައިވާ އާ އުސޫލުތަކަށް ހުރިހާ ބޭރުމީހުންވެސް ސަމާލުވުމަށް ސަރުކާރުން ވަނީ އިލްތިމާސްކޮށްފައެވެ.

ހިއްސާ ކުރައްވާ!