PressTV
PressTV

އީރާނުން ބަޙްރައިންގައި ހުންނަ އެމެރިކާގެ ފިފްތު ފްލީޓް ހެޑްކުއާޓަރަށް މިސައިލާއި ޑްރޯން ޙަމަލާތަކެއް ދީފި

އެމެރިކާގެ ސިފައިން ދިން ޙަމަލާތަކެއްގެ ރައްދުގައި، ބަޙްރައިންގައި ހުންނަ އެމެރިކާގެ ކަނޑުގެ ލަޝްކަރުގެ ފިފްތު ފްލީޓްގެ މައި ހެޑްކުއާޓަރަށާއި އެހެނިހެން އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ވަރުގަދަ މިސައިލް އަދި ޑްރޯން ޙަމަލާތަކެއް ދީފި ކަމަށް އީރާނުން ބުނެފިއެވެ.

އީރާނުގެ ރަސްމީ ޚަބަރު ފަތުރާ އިދާރާއިން ވަނީ އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އިން ރޭގަނޑުގެ ވަގުތެއްގައި ބެލިސްޓިކް މިސައިލްތަކެއް ފޮނުވާލާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއްވެސް އާންމުކޮށްފައެވެ. އީރާނުން ހާމަކުރި ގޮތުގައި މި ޙަމަލާތައް އަމާޒުކޮށްފައިވަނީ ބަޙްރައިންގެ މިނާ ސަލްމާން ބަނދަރުގައި ހުންނަ އެމެރިކާގެ ފިފްތު ފްލީޓް ހެޑްކުއާޓަރުގެ އިތުރުން، އެ ސަރަޙައްދުގެ ޤައުމުތަކުގައި ކުވައިތާއި ބަޙްރައިންގައި ހުރި އެމެރިކާގެ ވައިގެ އަދި ހެލިކޮޕްޓަރު ބޭސްތަކަށެވެ.

އީރާނުން ބުނާގޮތުގައި މިއީ ހުރްމުޒް ކަނޑުއޮޅި ކައިރީގައި އޮންނަ ޤެޝްމް ޖަޒީރާގައި ހުރި އައި.އާރް.ޖީ.ސީ ގެ މުވާޞަލާތީ ޓަވަރަކަށާއި އެހެނިހެން ވަސީލަތްތަކަށް އެމެރިކާއިން ދިން ޙަމަލާތަކުގެ ބަދަލުހިފުމެކެވެ.

މި ޙަމަލާތަކާ ގުޅިގެން އެމެރިކާގެ ސިފައިން ވަނީ އަމިއްލަ ދިފާޢުގައި ކަމަށް ބުނެ، އީރާނުގެ ޤެޝްމް ޖަޒީރާގައި ހުރި ގްރައުންޑް ކޮންޓްރޯލް ސްޓޭޝަނަކަށް ރައްދު ޙަމަލާތަކެއް ދީފައެވެ.

ހިއްސާ ކުރައްވާ!