އާމިރު ޚާން 60 އަހަރުގައި ކައިވެނިކުރަނީ

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އާމިރު ޚާން، އޭނާގެ ލޯބިވެރިޔާ ގޯރީ ސްޕްރެޓްއާ އަންނަ ޖުލައި މަހުގެ 5 ވަނަ ދުވަހު ކައިވެނިކުރަން ނިންމައިފިއެވެ. މިއީ އުމުރުން 60 އަހަރުގެ އާމިރު ޚާން ކުރާ ތިންވަނަ ކައިވެންޏެވެ.

މި ކައިވެނީގެ ޙަފުލާ ބޭއްވުމަށް ހަމަޖެހިފައިވަނީ ވަރަށް ސިއްރުވެރި ގޮތަކަށެވެ. ރިޕޯޓްތައް ބުނާގޮތުގައި، ބޮޑު އަދި ކުލަގަދަ ކައިވެނީގެ ޕާޓީއެއް ބޭއްވުމުގެ ބަދަލުގައި، އާމިރު ޚާންގެ ގޭގައި ބާއްވާ މި ޙަފުލާގައި ބައިވެރިވާނީ ހަމައެކަނި ދެ ޢާއިލާގެ މެންބަރުންނާއި އެންމެ ގާތް ރަޙުމަތްތެރިންނެވެ. މިގޮތުން ބޮލީވުޑްގެ އެންމެ ނުފޫޒުގަދަ ދެ ތަރިން ކަމަށްވާ ސަލްމާން ޚާން އަދި ޝާހްރުކް ޚާން މި ޚާއްޞަ ރަސްމިއްޔާތުގައި ބައިވެރިވާނެ ކަމަށް ބެލެވެއެވެ.

އާމިރު ޚާން އާއި ގޯރީ ސްޕްރެޓް އެކުގައި ދިރިއުޅެން ފެށިތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، އާމިރު ވަނީ މިދިޔަ އަހަރު އޭނާގެ 60 ވަނަ އުފަންދުވަހުގެ މުނާސަބަތުގައި ގޯރީ މީޑިއާއަށް ތަޢާރަފުކޮށްދީފައެވެ. ގޯރީއަކީ ބެންގަލޫރަށް އުފަން، ފެޝަން ސްޓައިލިންގ އަދި ފޮޓޯގްރަފީގެ ދާއިރާއިން ތަޢުލީމު ޙާޞިލުކޮށްގެން ހުރި، އަދި މިހާރު އާމިރު ޚާންގެ ޕްރޮޑަކްޝަން ހައުސްގައިވެސް މަސައްކަތްކުރަމުން އަންނަ ހުނަރުވެރިއެކެވެ.

މި ކައިވެންޏާ ބެހޭގޮތުން އާމިރު ޚާން ދާދިފަހުން ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ، ގޯރީ އޭނާގެ ދިރިއުޅުމަށް އައުމުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިފައިވާ ކަމަށާއި، ހިތުގެ އަޑިން އޭނާ މިހާރުވެސް އިނދެގެން އުޅޭ ކަމުގެ އިޙްސާސް ކުރެވޭ ކަމަށެވެ. އަދި ޖުލައި 5 ގައި ކުރާ ކައިވެންޏަކީ މި ގުޅުން ރަސްމީގޮތުން ސޮއިކޮށްލުމަށް ބާއްވާ ކުޑަ ރަސްމިއްޔާތެއް ކަމަށްވެސް އޭނާ ހާމަކުރިއެވެ.

އާމިރު ޚާން މީގެ ކުރިން ދެ ކައިވެންޏެއް ކޮށްފައިވެއެވެ. އޭނާގެ ފުރަތަމަ އަނބިމީހާ ރީނާ ދައްތާއާ 2002 ވަނަ އަހަރު ވަކިވިއިރު، ދެވަނަ އަނބިމީހާ ކިރަން ރާއޯއާ ވަކިވީ 2021 ވަނަ އަހަރެވެ. ނަމަވެސް ކުރީގެ ދެ އަނބިންނާއެކުވެސް އާމިރު އަދިވެސް ބާއްވަނީ ވަރަށް ގާތް ގުޅުމެކެވެ.

ހިއްސާ ކުރައްވާ!