ޖޭއެފް 17 ބޯޓުތައް ގަތުމުން ބަންގްލަދޭޝްގެ ވައިގެ ސިފައިންނަށް ބޮޑެތި ނުރައްކާތަކެއް

ޕާކިސްތާނާއި ޗައިނާ ގުޅިގެން އުފައްދާފައިވާ ޖޭއެފް 17 މަރުކާގެ ހަނގުރާމަމަތީ ބޯޓުތައް ބަންގްލަދޭޝްއިން ގަތުމަށް ނިންމައިފިނަމަ، އެގައުމުގެ ވައިގެ ސިފައިންގެ ގާބިލުކަމަށް ބޮޑެތި ގޮންޖެހުންތަކަކާއި ނުރައްކާތަކެއް ކުރިމަތިވާނެ ކަމަށް ޔޫރޭޝިއާ ރިވިއު ނޫހުގައި ޝާއިއުކޮށްފައިވާ ދިރާސާ ރިޕޯޓެއްގައި ބުނެފިއެވެ. ބަންގްލަދޭޝްގެ ވައިގެ ސިފައިންގެ ފްލީޓް ނުވަތަ ބޯޓުތަކުގެ ނިޒާމު ޒަމާނީކުރުމަށް މަސައްކަތް ކުރަމުންދާ މި ދަނޑިވަޅުގައި، މި ބޯޓުތައް ގަތުމަކީ ދުރުމުސްތަގުބަލަށް ބަލާއިރު ގައުމީ ސަލާމަތަށް ލިބޭނެ ބޮޑު ގެއްލުމެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން އިންޒާރުދެއެވެ.

މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން، ޖޭއެފް 17 ބޯޓުތަކަކީ ފަންނީ ގޮތުންނާއި އޭގެ ފެންވަރުގެ ގޮތުން ގިނަ މައްސަލަތަކެއް ކުރިމަތިވަމުންދާ ބޯޓުތަކެކެވެ.

މި ބޯޓުތައް މީގެ ކުރިން ގަނެފައިވާ މިޔަންމާއާއި ނައިޖީރިއާ ފަދަ ގައުމުތަކުގެ ވައިގެ ސިފައިންނަށްވެސް ބޯޓުގެ އިންޖީނާއި ރާޑަރު ނިޒާމުތައް ބަލިކަށިވުމުގެ ސަބަބުން ބޮޑެތި އުނދަގޫތަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ. ބައެއް ގައުމުތަކުން މިހާރު ވަނީ ފަންނީ މައްސަލަތަކުގެ ސަބަބުން މި ބޯޓުތައް ބޭނުންކުރުން ހުއްޓާލާފައެވެ. އެހެންކަމުން ބަންގްލަދޭޝްއިން މިފަދަ ބޯޓުތަކެއް ގަނެފިނަމަ، އެތައް މިލިއަން ޑޮލަރެއް ބޭކާރުވެ، ސިފައިންގެ ދިފާއީ ބާރު ބަލިކަށިވާނެއެވެ.

އިގުތިސާދީ ގޮތުންނާއި ސިޔާސީ ގޮތުން ބަލާއިރުވެސް، މި ބޯޓުތައް ގަތުމުން ބަންގްލަދޭޝްއިން ޗައިނާއާއި ޕާކިސްތާނަށް ބަރޯސާވާ މިންވަރު މާ ބޮޑަށް އިތުރުވެގެންދާނެއެވެ. ބޯޓުތަކުގެ މަރާމާތަށް ބޭނުންވާ ސާމާނު ހޯދުމުގައި ބޭރު ގައުމުތަކަށް މާ ބޮޑަށް ބަރޯސާވާން ޖެހުމުން، ސަރަހައްދީ ބާރުތަކުގެ މެދުގައި ބަންގްލަދޭޝްއަށް އޮތް މިނިވަންކަން ގެއްލިގެންދާނެއެވެ. ޚާއްސަކޮށް އަވަށްޓެރި އިންޑިއާއާއެކު އޮތް ގުޅުމަށް މީގެ ސަބަބުން ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށް މާހިރުން ދެކެއެވެ.

މި ރިޕޯޓުގައި އިތުރަށް ބުނެފައިވާ ގޮތުން، ބަންގްލަދޭޝްގެ ވައިގެ ސިފައިންގެ ގާބިލުކަން ހަގީގީ ގޮތެއްގައި ވަރުގަދަކުރުމަށްޓަކައި އެގައުމުން ބަލަންޖެހޭނީ ހުޅަނގުގެ ގައުމުތަކުން ނުވަތަ ރަޝިޔާއިން އުފައްދާ ފެންވަރު ރަނގަޅު ޒަމާނީ ބޯޓުތައް ހޯދުމަށެވެ. އަގު ހެޔޮވުމުގެ ސަބަބުން ޖޭއެފް ސަތާރަ ބޯޓުތަކަށް ސަމާލުކަން ދިނުމަކީ، ހަނގުރާމައެއްގެ ވަގުތުގައި ސިފައިންގެ ފުރާނައާއި ގައުމުގެ ދިފާއު ނުރައްކަލުގެ ތެރެއަށް ވައްޓާލުން ކަމަށް މި ދިރާސާ ރިޕޯޓުގައި ވަނީ ސިފަކޮށްފައެވެ.

ހިއްސާ ކުރައްވާ!