ޣައްޒާ ހަނގުރާމައާ ގުޅިގެން ކެނެޑާ ސަރުކާރުން އިސްރާއީލަށް ހަތިޔާރު އެކްސްޕޯޓު ކުރުން ހުއްޓާލަން ނިންމި ނިންމުމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަރަށް ބޮޑަށް ރުޅިގަދަވެއްޖެއެވެ. ކެނެޑާގެ ޕާލިމަންޓުން ފާސްކުރި ގާނޫނީގޮތުން މަޖުބޫރުނޫން ގަރާރަކަށްފަހު، އެގައުމުގެ ޚާރިޖީ ވަޒީރު މެލަނީ ޖޮލީ ވަނީ އިސްރާއީލަށް ކުރިއަށް އޮތް ތަނުގައި ހަތިޔާރު ފޮނުވުން ހުއްޓާލާނެކަން ކަށަވަރު ކޮށްދެއްވާފައެވެ.
މި ނިންމުމާ ގުޅިގެން އިސްރާއީލުގެ ޚާރިޖީ ވަޒީރު އިސްރާއީލް ކާޓްޒް ވެސް ވަނީ ކެނެޑާއަށް ރައްދުދީފައެވެ. އޭނާ ބުނި ގޮތުގައި ކެނެޑާގެ މި ފިޔަވަޅަކީ ހަމާސްގެ ހަނގުރާމަވެރިންނާ ދެކޮޅަށް އަމިއްލަ ނަފުސު ދިފާއުކުރުމަށް އިސްރާއީލަށް ލިބިގެންވާ ހައްގަށް ހުރަސްއަޅާ ފިޔަވަޅެކެވެ. އަދި ތާރީޚުން ކެނެޑާގެ މި ނިންމުމަށް ވަރަށް ހަރުކަށިކޮށް އިންސާފުކުރާނެ ކަމަށް ވެސް ކާޓްޒް ވިދާޅުވިއެވެ.
ޣައްޒާގައި އާންމުން މަރުވަމުންދާ މިންވަރު އިތުރުވުމާއި، އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހުރި ހުރަސްތަކުގެ ސަބަބުން ބައިނަލްއަގުވާމީ މައިދާނުގައި އިސްރާއީލަށް ކުރިމަތިވަމުންދާ ފިއްތުންތައް މިހާރު ވަނީ ވަރަށް ބޮޑުވެފައެވެ. ކެނެޑާއަކީ އެމެރިކާގެ ގާތް ބައިވެރިއަކަށް ވާއިރު، މިފަދަ ފިޔަވަޅެއް އެޅުމުން ހުޅަނގުގެ ގައުމުތަކާއި އިސްރާއީލާ ދެމެދު އޮތް ސިޔާސީ ގުޅުމަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ލަފާކުރެއެވެ.






