އީރާނުގެ ސިފައިންނާ ގުޅުންހުރި ފަނަރަ މީހަކު ބަހްރައިނުން ހައްޔަރުކޮށްފި

އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް ނުވަތަ ސިފައިންގެ އޭޖެންޓުންނާ ގުޅިގެން ބަހްރައިނުގައި ހަމަނުޖެހުން ހިންގަން އުޅުނު ކަމަށް ތުހުމަތުކޮށް ފަނަރަ މީހަކު އެ ގައުމުގެ ސިފައިން ހައްޔަރުކޮށްފިއެވެ. ބަހްރައިނުގެ ދާޚިލީ ވުޒާރާއިން މިއަދު ނެރުނު ރަސްމީ ބަޔާނެއްގައި ހާމަކުރި ގޮތުގައި، މި މީހުންނަކީ ބަހްރައިނުގެ ސަލާމަތްތެރިކަން ނަގާލުމަށްޓަކައި އަމަލީގޮތުން ހަރަކާތްތެރިވަމުންދިޔަ މީހުންނެވެ.

މި މީހުން ހައްޔަރުކުރީ ބަހްރައިނުގައި ކުރިން ހައްޔަރުކުރި އީރާނަށް ސަޕޯޓު ކުރާ މީހުންގެ ފަރާތުން ލިބުނު މައުލޫމާތުތަކާއި ސިފައިންގެ ޖާސޫސީ ރިޕޯޓުތަކަށް ބަލައިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ކަމަށް ބުނެއެވެ. ދާޚިލީ ވުޒާރާއިން ބުނާ ގޮތުގައި، މި ފަނަރަ މީހުން ވަނީ ބަހްރައިނުގެ އާންމު މުޖުތަމައުގެ ތެރެއަށް ވަދެ، ޚާއްސަކޮށް ޒުވާނުންނާއި ކުޑަކުދިންނަށް ނޭދެވޭ ނުފޫޒު ފޯރުވައި، ގާނޫނާ ޚިލާފު ޢުދުވާނީ އަމަލުތަކަށް އެ މީހުން ހޭނުވުމަށް މަސައްކަތް ކޮށްފައެވެ. މި މީހުން މަސައްކަތް ކުރަމުންދިޔައީ ބަހްރައިނުގައި ހުއްދަނޫން ޖަމާއަތްތަކެއްގެ ސިއްރު ސެލްތައް އުފައްދައިގެން އީރާނުގެ އެޖެންޑާތައް ތަންފީޒުކުރުމަށެވެ.

ބަހްރައިނުގެ ސަރުކާރުން ބުނީ މި މީހުންގެ ހަރަކާތްތައް އެ ގައުމުގެ ސިފައިން ދިޔައީ ވަރަށް ގާތުން މޮނިޓަރުކޮށް ފާރަވެރިވަމުން ކަމަށެވެ. އަދި މި ފިޔަވަޅަކީ ގައުމުގެ ސުލްހަމަސަލާމަތާއި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެޅި މުހިންމު ފިޔަވަޅެއް ކަމަށް ވެސް ދާޚިލީ ވުޒާރާއިން ހާމަކުރެއެވެ.

ހައްޔަރުކުރި ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމުގެ މަރުހަލާތައް ބަހްރައިނުގެ އިދާރާތަކުން މިހާރު ދަނީ ކުރިއަށް ގެންދަމުންނެވެ. މީގެ އިތުރުން މި ނެޓްވޯކުގައި ހިމެނޭ އެހެން މީހުން ހޯދުމަށްޓަކައި ސިފައިންގެ ޚާއްސަ ތަހުގީގުތައް ވެސް މިހާރު ދަނީ ހަލުވިކަމާއެކު ކުރިއަށް ދަމުންނެވެ. ބަހްރައިނުގެ ދާޚިލީ ވުޒާރާއިން ޔަގީންކަންދޭ ގޮތުގައި، ގައުމުގެ ސުލްހަ ނަގާލުމަށާއި ރައްޔިތުންގެ މެދުގައި ފިތުނަ އުފެއްދުމަށް ބޭރުގެ ނުފޫޒުން ކުރާ ކޮންމެ މަސައްކަތެއް ބަހްރައިނުގެ ސިފައިން ހުއްޓުވާނެއެވެ.

ހިއްސާ ކުރައްވާ!